އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް، ކައިލީ މިނޯގްއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކީ އިހުތިރާމް ކުޑަ ވާހަކަތަކެއްގެ ގޮތުގައި ސިފަކުރުމާ ގުޅިގެން މާފަށް އެދިވަޑައިގެންނެވި.
ލަވަކިއުންތެރިޔާ ކައިލީއާ ބެހޭ ގޮތުން ކުރެއްވި ކޮމެންޓަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު މާފަށް އެދިވަޑައިގެންފި
ޕޮޑްކާސްޓް އިންޓަވިއުއެއްގައި ޕޮޕް ލަވަކިޔުންތެރިޔާ ކައިލީ މިނޯގްއާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ދެއްކެވި ވާހަކަތަކަށް އޭނާ މައާފަށް އެދިވަޑައިގެންފި އެވެ.
ބޮޑުވަޒީރު އެ އިންޓަވިއު ދެއްވީ ކޮމެޑިއަން ނިކީ އޮސްބޯންގެ 'ބުޝް ޑީޕް' ޕޮޑްކާސްޓަށެވެ. ވިހި މިނިޓުގެ އެ އިންޓަވިއުގައި އޮސްބޯން އެއްްސެވީ، ފުރުސަތު ލިބިވަޑައިގެންފި ނަމަ، އޭނާ ލޯބީގެ ގުޅުން ހިންގުމަށް އިހުތިޔާރު ކުރައްވާނީ އެކްޓްރެސް ކައިލީ މިނޯގްތޯ ނުވަތަ އެންޓަޓެއިނަރު ރޮންޑާ ބާޗްމޯގެ ތެރެއިން ކާކާތޯ އެވެ.
ފުރަތަމަ އެ ސުވާލަށް ޖަވާބު ދެއްވުމަށް މަޑުޖެހުމަށް ފަހު އެލްބަނީޒް ވިދާޅުވީ "ކައިލީ" ކަމަށެވެ.
އެ ކޮމެންޓާ ގުޅިގެން އޭނާއަށް ވަގުތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެގޮތުން، ގާނޫނު ހަދާ މަޖިލީހުގެ އެއް މެންބަރަކު ވިދާޅުވީ ބޮޑުވަޒީރުގެ އެ ބަސްމަގަކީ މުޅިން އެކަށީގެންނުވާ ބަސްމަގެއް ކަމަށެވެ. އެހެން މެންބަރަކު ވިދާޅުވީ އެއީ އަންހެނުންނަށް ކުރި އިހުތިރާމް ކުޑަކުރުމެއް ކަމަށާއި ބޮޑުވަޒީރުގެ މަގާމުގެ ގަދަރު ކުޑަކޮށްލުން ކަމަށެވެ.
ޔޫޓިއުބްގައި ބޭއަދަބީކޮށް ކޮމެންޓް ކުރާ މަޝްހޫރު އޮސްބޯން، އޭނާގެ ޕޮޑްކާސްޓް ސިލްސިލާ ފަށާފައިވަނީ މި އަހަރުގެ ކުރީކޮޅު އެވެ. އޭނާގެ ޕޮޑްކާސްޓް ސައިޓްގައި އޭނާއަކީ "އެއްވެސް މީހަކު ކުރަން ނުކުރޭ ފަދަ ސުވާލުތައް ކުރާ، އާދަޔާ ހިލާފަށް ބޭއަދަބީ ނޫސްވެރިއެއް"ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
މިއަދު ނެރުއްވި އެއް ލައިނުގެ ބަޔާނެއްގައި ބޮޑުވަޒީރު ވިދާޅުވީ "އަޅުގަނޑު ދެއްކި ވާހަކަތަކަށް ހިފެހެއްޓުމެއް ނެތް ގޮތުގައި މާފަށް އެދެން" ކަމަށެވެ.
އެ ވާހަކަތައް ދައްކާފައިވަނީ ކެންބެރާގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގޭގައި ކުރިއަށްދިޔަ އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއު އާންމުކުރީ މިދިޔަ ހަފުތާގެ ބަންދާ ދިމާކޮށެވެ.
އޮސްބޯން ފުރަތަމަ އެ ސުވާލު ކުރުމުން ބޮޑުވަޒީރު ވިދާޅުވީ އޭނާއަކީ މިދިޔަ ނޮވެމްބަރު މަހު އޭނާގެ ބައިވެރިޔާ ޖޯޑީ ހޭޑަންއާ ކައިވެނިބައްލަވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑު މިއުޅެނީ ދާދި ފަހުން ކައިވެނިކޮށްގެން، އަދި މިވީ އެންމެ ހަ މަސް" ކަމަށެވެ.
ނަމަވެސް އޮސްބޯން ބާރުއެޅުމުން އޭނާ އިތުރަށް ވިދާޅުވީ އެ މީހަކީ "ކައިލީ" ކަމަށާއި އެކަން ވަރަށް ސާފު ކަމަށެވެ.
ކޮމެންޓް