އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރައްވަނީ. (ފޮޓޯ/ރޮއިޓާސް)
ވެރިޔަކީ ކާކުކަން ނަތަންޔާހޫއަށް އެނގޭނެ: ޓްރަމްޕް
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ހަފުތާގެ ކުރީކޮޅު ވައިޓް ހައުސްއަށް ޒިޔާރަތްކުރައްވަފާނެ ކަމަށާއި "ބޮސްއަކީ ކާކުކަން" ނުވަތަ ވެރިޔަކީ ކާކުކަން އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
ނަމަވެސް އިޒްރޭލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޓްރަމްޕްގެ ދަތުރުފަތުރުގެ ތާވަލު ހުރި ގޮތުން މި ބައްދަލުވުން އޭގެ އަނެއް ހަފުތާއަށް ފަސްވުން އެކަށީގެންވެ އެވެ.
އެކްސިއޯސް ނޫހަށް ދެއްވި ކުރު ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކާ ގުޅިގެން ފަހަކަށް އައިސް ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ދެ ބޭފުޅުންގެ މެދުގައި އޮތީ ވަރުގަދަ ގުޅުމެކެވެ.
"އަޅުގަނޑުމެން ވަރަށް ގުޅޭ. ބޮސްއަކީ ކާކުކަން އޭނާއަށް އެނގޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި، ދެ ބޭފުޅުން ވަނީ ހުކުރު ދުވަހު ފޯނުން ވާހަކަދައްކަވާފަ އެވެ. އަދި އެމެރިކާގައި ވަރަށް އަވަހަށް ބައްދަލުކުރެއްވުމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
މި ބައްދަލުވުން ތާވަލުކުރެވިފައި މިވަނީ، އީރާނާ އެކު ހިނގަމުންދާ ކުރިމަތިލުންތަކާއި ލުބުނާނުގައި ހިޒްބުﷲއާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކާ މެދު ވޮޝިންޓަނާއި ގުދުސްއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި ހިޔާލުތަފާތުވުންތަކުގެ ސަބަބުން ސަރަހައްދީ ސުލްހައިގެ ފުޅާ މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެމެރިކާ އާއި އިޒްރޭލަކީ ގާތް ދެ ބައިވެރިން ކަމުގައިވީ ނަމަވެސް، ވޭތުވެދިޔަ ހަފުތާތަކުގައި ޓްރަމްޕް ވަނީ ފާޅުގައި ނަތަންޔާހޫއަށް ފާޑުވިދާޅުވެފަ އެވެ.
މި ދެ ބޭފުޅުން އެންމެ ފަހުން ވޮޝިންޓަންގައި ބައްދަލުކުރައްވާފައިވަނީ، އެމެރިކާ އަދި އިޒްރޭލުން އީރާނަށް ހަމަލާތައް ދޭން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، މިދިޔަ 11 ފެބުރުއަރީގަ އެވެ.
ކޮމެންޓް