ހާމަނާއީގެ ޖަނާޒާގެ ތެރެއިން އިމާމް ހުމައިނީ މިސްކިތުގައި އޭނާއަށް ހެޔޮ ދުއާ ކުރަނީ. (ފޮޓޯ/ރޮއިޓާސް)
އީރާނުގެ އާ ލީޑަރު ފިޔަވައި ހާމަނާއީގެ ދަރިކަލުން ނަމާދުކޮށްފި
އީރާނުގެ އަވަހާރަކޮށްލާފައިވާ ރޫހާނީ ލީޑަރު އަޔާތުﷲ އަލީ ހާމަނާއީގެ ތިން ފިރިހެން ދަރިކަލުން، ތެހެރާންގައި އޭނާގެ ހަށިކޮޅު ކައިރީގައި ހިތާމަ ފާޅުކުރަމުންދިޔަ މީހުންނާ އެކު ނަމާދުގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ. ނަމަވެސް އޭނާގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުޖްތަބާ ހާމަނާއީ އަދިވެސް އާންމުންގެ ކުރިމައްޗަކަށް ނުނިކުންނަވަ އެވެ.
ދައުލަތުގެ ޓީވީން ދެއްކި ގޮތުގައި، މުސްތަފާ، މައިސަމް އަދި މަސްއޫދު ހާމަނާއީ ވަނީ އިމާމް ހުމައިނީ މިސްކިތުގައި، އެ ބޭފުޅުންގެ ބައްޕާފުޅާއި އާއިލާގެ އިތުރު ހަތަރު ބޭފުޅެއްގެ ހަށިކޮޅު ކައިރީގައި ނަމާދު ކުރައްވާފަ އެވެ.
އެމެރިކާ އަދި އިޒްރޭލުން ފެބުރުއަރީ މަހު ދިން ވައިގެ ހަމަލާގައި ބައްޕާފުޅު އަވަހާރަވިއިރު، މުޖްތަބާއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ ގައުމުގެ އެންމެ މަތީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި އާންމުންގެ ތެރެއަކުން ފެނިފައެއް ނުވެ އެވެ.
މި ޖަނާޒާއަކީ މިލިއަނުން މީހުން ބައިވެރިކުރުމަށް އަމާޒު ހިފައިގެން އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ސިލްސިލާ ރަސްމިއްޔާތުތަކުގެ ބައެކެވެ. ތެހެރާންއަށް ރޭ ގިނަ އަދަދެއްގެ މީހުން އެއްވެފައިވާއިރު، ގިނަ ބަޔަކު ރޮއެ ހިތާމަކުރަމުންދިޔަ މަންޒަރު ފެނިފައިވެ އެވެ. އީރާނުގެ މެޓްރޯ ނެޓްވޯކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރެއިން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް ގާތްގަނޑަކަށް ހަތް މިލިއަން މީހުން މެޓްރޯއިން ދަތުރުކޮށްފައިވެ އެވެ.
ހާމަނާއީގެ ހަށިކޮޅު މާދަމާ ތެހެރާންގެ މަގުތަކުގައި ބާއްވާ ހިނގާލުމެއްގައި ގެންދިއުމަށް ފަހު، ގުމްގައި ރަސްމިއްޔާތުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށް ފަހު ޝީއީންގެ މުގައްދަސް ސިޓީތައް ކަމަށްވާ ނަޖަފް އާއި ކަރުބަލާއަށް ހަށިކޮޅު ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ހާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު މަޝްހަދުގަ އެވެ.
މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޖަނާޒާގެ ރަސްމިއްޔާތުތައް ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީރާނާ އެކު ކުރަމުން އަންނަ ސުލްހައިގެ މަޝްވަރާތައް އެއް ހަފުތާގެ މުއްދަތަށް މެދުކަނޑާލާފައިވާ ކަމަށެވެ.
ކޮމެންޓް