އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމަށް 250 އަހަރު ފުރުނު މުނާސަބަތުގައި ތަގުރީރެއް ދެއްވަނީ. (ފޮޓޯ/ރޮއިޓާސް)
އެމެރިކާއަށް 250 އަހަރު ފުރުމާ އެކު ޓްރަމްޕް ދެއްވީ ކޮމިއުނިޒަމްގެ ނުރައްކަލުގެ އިންޒާރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމަށް 250 އަހަރު ފުރުނު މުނާސަބަތު ފާހަގަކުރެއްވުމަށް ވޮޝިންޓަންގައި ކެމްޕޭން ސްޓައިލްގެ ތަގުރީރެއް މިއަދު ދެއްވައިފި އެވެ.
މި ގައުމީ އުފާފާޅުކުރުމުގެ ތެރެއިން އޭނާ ވަނީ ވޯޓުލުމުގެ ނިޒާމަށް އިސްލާހު ގެނައުމަށް ބާރުއަޅުއްވައި އޭނާގެ ސަރުކާރުގެ ކާމިޔާބީތައް ފާހަގަކުރައްވާ އަދި ކޮމިއުނިޒަމްގެ ނުރައްކަލުގެ ގޮތުގައި އޭނާ ސިފަކުރެއްވި ކަންކަމާ މެދު އިންޒާރުދެއްވާފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މި ހަރަކާތް ފެށުން ގާތްގަނޑަކަށް ދެ ގަޑިއިރަށް ލަސްވި ނަމަވެސް، ޓްރަމްޕް ވަނީ ހާއްސަކޮށް އަސްކަރީ ކާމިޔާބީތަކާއި ހަނދަށް އިންސާނުން ދިއުން ހިމެނޭހެން އެމެރިކާގެ ތާރީހީ ކާމިޔާބީތަކަށް ތައުރީފުކުރައްވާފަ އެވެ. އެގޮތުން، އޭނާގެ ސަރުކާރުން އީރާނުގެ އަސްކަރިއްޔާ "ފުނޑާލާފައިވާ" ކަމަށް ވެސް ޓްރަމްޕް ދައުވާކުރެއްވި އެވެ.
ހަމަ އެއާ އެކު، ވޯޓުލުމަށް ރަޖިސްޓްރީވާއިރު ރައްޔިތެއްކަން އަންގައިދޭ ހެކި ހުށަހެޅުން މަޖުބޫރުކުރުމަށާއި ސިޓީ މެދުވެރިކޮށް ވޯޓުލުން ހަނިކުރުމުގެ ގާނޫނެއް ފާސްކުރުމަށް އޭނާ ވަނީ ކޮންގްރެސްއަށް ގޮވާލައްވާފަ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެފަދަ ނުރައްކަލެއް ފެށުމުގެ ކުރިން ވަގުތުން ހުއްޓުވަން. އެއީ ކެންސަރު ބައްޔެއް ފަދަ އެއްޗެއް. ޖެހޭނީ ބުރިކޮށްލާފައި ވަރަށް އަވަހަށް ނައްތާލަން،" އެމެރިކާގައި ކޮމިއުނިޒަމް ފެތުރެމުންދާ ކަމަށް ބުނެ އިންޒާރުދެއްވަމުން ޓްރަމްޕް ވިދާޅުވީި އެވެ.
ނޭޝަނަލް މޯލްގައި ބޭއްވި މި ހަރަކާތުގައި، 'ފްރީޑަމް 250' އިސްނެގުމުގެ ދަށުން އިންތިޒާމުކުރި 'ގްރޭޓް އެމެރިކަން ސްޓޭޓް ފެއާ'އެއް ކުރިއަށްދިޔައިރު، ހަވާއެރުވުމާއި ގައުމީ ރޫހު އާލާކުރާ އެކި ހަރަކާތްތައް ދައްކާލާފައިވެ އެވެ. ޑިމޮކްރެޓުންގެ ބާރު އޮންނަ ބައެއް ސްޓޭޓްތަކުން މި ހަރަކާތުގައި ބައިވެރިވާން ދެކޮޅު ހަދާފައިވާއިރު، މި އުފާފާޅުކުރުންތަކުގެ ތެރެއަށް ސިޔާސީ ކުލަވަރު ވަދެފައިވާ ކަމަށް ބުނެ ބައެއް ފަންނާނުން ވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
ރޮއިޓާސް/އިޕްސޮސްގެ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ ގައުމަށް 250 އަހަރު ފުރުމުގެ ހަރަކާތްތަކަށް މާ ބޮޑަށް ސިޔާސީ ކުލަވަރު ވަދެފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑިމޮކްރެޓުންގެ ހަތަރުބައިކުޅަ ތިންބައި މީހުންނާއި ރިޕަބްލިކަނުންގެ ދެބައިކުޅަ އެއްބައި މީހުން ހިމެނެ އެވެ.
ކޮމެންޓް