ލަންކާގެ ވެރިރަށް ކޮލަމްބޯ.

ސްރީ ލަންކާ

ލަންކާގެ އިގްތިސާދުގެ ދަރަޖަ ވޯލްޑް ބޭންކުން އަލުން މަތިކޮށްފި

ނަމަވެސް، އެ ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހި ނުވަތަ މާލީ އަހުލާގު ބަލިކަށިވެއްޖެ ނަމަ، މި ދަރަޖަ އަލުން ދަށްވުން އެކަށީގެންވާ ކަމަށް ވޯލްޑް ބޭންކުން ވަނީ އިންޒާރު ދީފައި
1 ގަޑިއިރު ކުރިން

ލަންކާގެ އިގްތިސާދު އަލުން ކުރިއަރަމުން އަންނާތީ، އެ ގައުމަކީ 'އަޕަ-މިޑްލް-އިންކަމް' ނުވަތަ މެދު ފަންތީގެ އެންމެ މަތީ މިންގަނޑުގައި އާމްދަނީ ލިބޭ އިގްތިސާދެއްގެ ގޮތުގައި ވޯލްޑް ބޭންކް ގްރޫޕުން އަލުން އިއްޔެ ކަނޑައަޅައިފި އެވެ.

ނަމަވެސް، އެ ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހި ނުވަތަ މާލީ އަހުލާގު ބަލިކަށިވެއްޖެ ނަމަ، މި ދަރަޖަ އަލުން ދަށްވުން އެކަށީގެންވާ ކަމަށް ވޯލްޑް ބޭންކުން ވަނީ އިންޒާރު ދީފަ އެވެ.

ވޯލްޑް ބޭންކުން އިއްޔެ ބުނި ގޮތުގައި، މިގޮތަށް ދަރަޖަ ބަދަލުކުރީ 2025 ވަނަ އަހަރު ލަންކާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) %5އަށް ކުރިއެރުމާ ގުޅިގެންނެވެ. މި ކުރިއެރުން ލިބުނީ ސިނާއީ ދާއިރާ އަލުން އާރާސްތުވުމާއި ހިދުމަތްތަކުގެ ދާއިރާ، ހާއްސަކޮށް މާލީ އަދި ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްތައް ހަލުވިކަމާ އެކު ފުޅާވުމުގެ ސަބަބުންނެވެ.

މިހާރުގެ އަގުތަކަށް ބަލާއިރު ޖީޑީޕީ ވަނީ %8.8 މަތިވެފަ އެވެ. މިއާ އެކު، ލަންކާގެ ބޮލަކަށް ޖެހޭ އާމްދަނީ ވަނީ މެދު ފަންތީގެ އެންމެ މަތީ މިންގަނޑުގައި އާމްދަނީ ލިބޭ ގައުމުތަކަށް ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މަތިވެފަ އެވެ.

"2027 ވަނަ އަހަރުގެ މި ރީކްލެސިފިކޭޝަން (ދަރަޖަ ބަދަލުވުން) މިއީ ބޮޑު އިގްތިސާދީ ކާރިސާއަކަށް ފަހު، ކުރި ބުރަ މަސައްކަތުން ހޯދި ކުރިއެރުމެއް. އެހެންވީމާ މީގެ މާނަ މާ ބޮޑު. ނަމަވެސް، 2019 ވަނަ އަހަރު ތަޖުރިބާކުރެވުނު ފަދައިން، މިއީ ދާއިމީކޮށް މިގޮތުގައި ހިފެހެއްޓޭނެ ދަރަޖައެއް ނޫން،" ވޯލްޑް ބޭންކުން ބުންޏެވެ.

ލަންކާގެ 2022 ވަނަ އަހަރުގެ އިގްތިސާދީ ކާރިސާއަށް ފަހު އެ ގައުމުން ހޯދާފައިވާ ކުރިއެރުންތައް ބަލައިގަތުމުގެ އިތުރުން، އެ އިދާރާއިން ވަނީ ގައުމުގެ ދައުލަތުގެ ދަރަނި އަދިވެސް ވަރަށް މަތީގައި ހުރި ކަމަށާއި ފަގީރުކަމުގެ ރޭޓް އަދިވެސް ކާރިސާގެ ކުރިން ހުރި މިންވަރަށް ދަށްވެފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އަންނަ އަހަރު އިގްތިސާދީ ކުރިއެރުން %3އަށް މަޑުޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، އާމްދަނީގެ ދަރަޖަތަކަކީ ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކުރެވޭ އެއްޗަކަށް ވުމުން، އިގްތިސާދީ ކުރިއެރުމާއި ފައިސާގެ ބަދަލުކުރާ ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ދަރަޖަ ބަދަލުވެދާނެކަން ވޯލްޑް ބޭންކުން ފާހަގަކުރި އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި، މި އާ ދަރަޖައިން ހާމަކޮށްދެނީ މާލީ އިސްލާހުތަކާއި ދަރަނި ރީސްޓްރަކްޗަ ކުރުމަށް ފަހު ލިބުނު ހަގީގީ އަދި ބުރަ މަސައްކަތުން ހޯދި ކުރިއެރުން ކަމަށެވެ. އަދި މެދު ފަންތީގެ އެންމެ މަތީ މިންގަނޑުގައި އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި، ހަމައެކަނި ކާރިސާއަށް ފަހު އިގްތިސާދު އާރާސްތުވުމުގެ ދުވެއްޔަށް ބަރޯސާވުމުގެ ބަދަލުގައި، އޮނިގަނޑަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވެސް އެ އިދާރާއިން އިތުރަށް ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް