ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ-އީރާނުން ދޯހާގެ ވާހަކަތައް ނިންމާލައިފި؛ ނިއުކްލިއާ މަޝްވަރާތައް ފަސްކޮށްފި

މަޝްވަރާތަކުގެ ދެން އޮންނަ ބުރު ކުރިއަށްދާނީ މި މަހުގެ 9ގައި އޮންނަ، އެެމެރިކާ އާއި އިޒްރޭލުގެ ހަމަލާއެެއްގައި އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީގެ ޖަނާޒާއަށް ފަހު
1 ގަޑިއިރު ކުރިން

ދާއިމީ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ފަދަ ބޮޑު ކުރިއެރުމެއް ނުލިބި، އެމެރިކާ އާއި އީރާނުން ގަތަރުގެ ވެރިރަށް ދޯހާގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ނުސީދާ މަޝްވަރާތައް އިއްޔެ ނިންމާލައިފި އެވެ. މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ބަދަލުގައި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ވަގުތީ އެއްބަސްވުން ތަންފީޒުކުރުމާ ބެހޭ ގޮތުންނެވެ.

މަޝްވަރާތަކުގެ މައުލޫމާތު އެނގޭ އޮފިޝަލުންނާއި މަސްދަރުތަކުން ބުނާ ގޮތުގައި، މި ވާހަކަތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކަނޑުގެ އުޅަނދުފަހަރުގެ ދަތުރުފަތުރުތައް އަލުން އާާންމު ހާލަތަކަށް ގެނައުމަށާއި އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމުގެ މައްޗަށެވެ. މިއީ މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި އޮތް ދެކޮޅުވެރިކަން ހުއްޓުވި އެމްއޯޔޫގެ މައިގަނޑު ދެ އަސާސެވެ.

މަޝްވަރާތަކުގެ ދެން އޮންނަ ބުރު ކުރިއަށްދާނީ މި މަހުގެ 9ގައި އޮންނަ، އެެމެރިކާ އާއި އިޒްރޭލުގެ ހަމަލާއެެއްގައި އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީގެ ޖަނާޒާއަށް ފަހުގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ.

"އީރާނުން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ ކަންކަން ދަނީ ރަނގަޅަށް ކުރިއަށް. އެ ބޭފުޅުން ވަރަށް ބިނާކުރަނިވި ބައްދަލުވުންތަކެއް ބާއްވައިފި. ދެން ވާ ގޮތެއް ބަލަމާ ހިނގާ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މަސްދަރުތަކުން ބުނާ ގޮތުގައި، މި ފަންނީ މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އެއްވެސް ވަރަކަށް ވާހަކަދެކެވިފައެއް ނުވެ އެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ކުރިއަށް އޮތް މަޝްވަރާތަކުގައި އެ މައްސަލައަށް އަލިއަޅުވާލާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

"ހަމަ ޔަގީނުން ވެސް ނިއުކްލިއާ މައްސަލައާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ އަދި އެކަމާ ބެހޭ ގޮތުން ވާހަކަދައްކަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.

ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު ހިނގާކަން ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރުމަށް އެ ގައުމުން ދަނީ އަދިވެސް ވަކާލާތުކުރަމުންނެވެ. އަދި އޮގަސްޓް މަހުގެ މެދުތެރޭގައި، މިހާރު ދީފައިވާ ފީއަކާ ނުލާ ދަތުރުކުރެވޭނެ ވަގުތީ މުއްދަތު ހަމަވުމުން، ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނަގަން ފެށުމަށް ރާވަމުންދާކަން އީރާނުން ވަނީ ހާމަކޮށްފަ އެވެ.

މި މުހިންމު ކަނޑުގެ ސަރަހައްދާ މެދު ނޭގުންތަކެއް ހުރި ނަމަވެސް، ޓްރަމްޕް ދެއްކެވި އުންމީދީ ވާހަކަތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އެންމެ ދަށަށް ދިޔަ މިންވަރަށް ވަނީ ވެއްޓިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް