ޕާކިސްތާނާއި އަފްގާނިސްތާނުގެ ސިފައިން ހަމަލާ ބަދަލުކުރުމާ ގުޅިގެން، ޕާކިސްތާނުގެ ޗަމަންގައި ހުންނަ ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ. (ފޮޓޯ/އޭޕީ)

ތާލިބާން

ހަމަނުޖެހުންތައް ބޮޑުވެ، ތާލިބާނުން ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދީފި

ޕާކިސްތާނުން ބުނީ ބަލޮޗިސްތާނަށް ފޮނުވާލި އާދައިގެ ހަތަރު ޑްރޯނެއް އެ ގައުމުގެ އަސްކަރިއްޔާއިން ހުއްޓުވާފައިވާ ކަމަށް
1 ގަޑިއިރު ކުރިން

ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ފާއިތުވި މަސްތަކުގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ހޫނުވެ، ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަމަށް އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން މިއަދު ބުނެފި އެވެ.

ނަމަވެސް ޕާކިސްތާނުން ބުނީ ބަލޮޗިސްތާނަށް ފޮނުވާލި އާދައިގެ ހަތަރު ޑްރޯނެއް އެ ގައުމުގެ އަސްކަރިއްޔާއިން ހުއްޓުވާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން އެ ޑްރޯންތައް ދެނެގަނެ، ހަމަލާދީ ވަނީ ވައްޓާލާފަ އެވެ. އަދި އަފްގާން ތާލިބާނުން ޕާކިސްތާނަށް ކުރިމަތިލުންތައް ކުރިއަށްގެންދާ ނަމަ، އެކަމުގެ ހިތި ނަތީޖާ ދައްކާލައި އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭނެ" ކަމަށް ވެސް ޕާކިސްތާނުން ވަނީ އިންޒާރު ދީފަ އެވެ.

އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނީ، ބަލޮޗިސްތާނާއި ހައިބަރު ޕަހްތޫންހުވާ ސަރަހައްދުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުންހުރި ޖަމާއަތެއްގެ މެންބަރުންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. ތާލިބާނުންގެ އަތުގައި ފުރިހަމައަށް ހަރަކާތްތެރިވާ ވައިގެ ސިފައިންގެ ބާރެއް ނެތް ނަމަވެސް، މީގެ ކުރިން ވެސް ބޯޑަރުގެ ކުރިމަތިލުންތަކުގައި އެ ޖަމާއަތުން ވަނީ ޑްރޯން ބޭނުންކޮށްފަ އެވެ.

މި ހަމަލާތައް ބަދަލުކޮށްފައި މިވަނީ، ކަރާޗީއަށް ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މި ހަފުތާގެ ކުރީކޮޅު ޕާކިސްތާނުން އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދަށް ހަމަލާތަކެއް ދީފައިވަނިކޮށެވެ. އިސްލާމްއާބާދުން ބުނީ އެ ހަމަލާތައް އަމާޒުކުރީ ހަނގުރާމަވެރިންނަށް ކަމަށެވެ. ނަމަވެސް ކާބުލްއިން ބުނި ގޮތުގައި، އެ ހަމަލާތަކުގައި މަދުވެގެން 36 އާންމުން ވަނީ މަރުވެފަ އެވެ.

ތާލިބާނުން 2021 ވަނަ އަހަރު އަލުން ވެރިކަމަށް އައި ފަހުން، އަވަށްޓެރި މި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި ކާބުލްއިން ދަނީ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ ހަނގުރާމަވެރިންނަށް ހިމާޔަތް ދެމުންނެވެ.

ނަމަވެސް ތާލިބާނުން މި ތުހުމަތުތައް ދޮގުކުރެ އެވެ. އޭގެ ބަދަލުގައި އެ ޖަމާއަތުން ބުނަނީ ޕާކިސްތާނުން ދަނީ އަފްގާނިސްތާނާ އިދިކޮޅު ޖަމާއަތްތަކަށް ހިމާޔަތްދީ، އަފްގާނިސްތާނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަންނަމުން ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް