އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ. (ފޮޓޯ/ރޮއިޓާސް)
ނަތަންޔާހޫ ހިފާފައިވާ ދެކުނު ލުބުނާނަށް؛ 'އިޒްރޭލު ސިފައިން ނުފާބާނެ'
ވޭތުވެދިޔަ ހަފުތާގައި އެމެރިކާ މެދުވެރިވެގެން ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، ހިޒްބުއްލޯގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތައް މުޅިން ނައްތާލެވެންދެން އިޒްރޭލުގެ ސިފައިން ދެކުނު ލުބުނާނުގައި ދެމިތިބޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެން ބާރުއަޅާ ކަމަކީ، ނުރައްކާ މުޅިން ނައްތާލެވެންދެން ދެކުނު ލުބުނާނުން ނުފޭބުން. ހިޒްބުއްލޯ ހަތިޔާރާ އެކު އަޅުގަނޑުމެންނަށް ބިރުދައްކަން މިތާ ތިބިހާ ހިނދަކު، އަޅުގަނޑުމެން ވެސް މިތާ ދެމިތިބޭނަން،" އެެއްބަސްވުމަށް ފަހު، އިޒްރޭލުން ހިފާފައިވާ ލުބުނާނުގެ ސަރަހައްދަށް ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ނަތަންޔާހޫ ސިފައިންނާ މުހާތަބުކޮށް ވިދާޅުވި އެވެ.
އެމެރިކާ އިސްވެ ހެދި މި އެއްބަސްވުމުގައި، އިޒްރޭލުގެ ސިފައިން ޕައިލެޓް ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދެ ސަރަހައްދަކުން ފައިބައި، އެތަނުގެ ކޮންޓްރޯލް ލުބުނާނުގެ އަސްކަރިއްޔާއާ ހަވާލުކުރުމަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް މިކަން ތަންފީޒުކުރާނެ ގޮތުގެ އިތުރު ތަފްސީލެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.
އިޒްރޭލުން ބުނާ ގޮތުގައި އެ ގައުމުގެ އުތުރުގެ އަވަށްތަކަށް ހިޒްބުއްލޯއިން ދޭ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި އަސްކަރީ ހިމާޔަތް ބޭނުންވެ އެވެ. އަދި މިހާރު ވަނީ ލުބުނާނުގެ އެތެރޭގައި 10 ކިލޯމީޓަރުގެ ބަފަ ޒޯނެއް ގާއިމުކޮށްފަ އެވެ.
ނަތަންޔާހޫ ވިދާޅުވީ ހިޒްބުއްލޯގެ އަތުގައި އަދިވެސް 12،000އެއްހާ ރޮކެޓާއި މިސައިލް އެބަހުރި ކަމަށެވެ. އަދި މިދިޔަ މާޗު މަހު ކުރިމަތިލުންތައް ވަރުގަދަވި ފަހުން އިޒްރޭލު ސިފައިން ހިޒްބުއްލޯގެ 9،000އެއްހާ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހަމަަނުޖެހުންތަކުގައި ލުބުނާނުން 4،000އަށް ވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ. އަދި ހިޒްބުއްލޯގެ ހަމަލާތަކުގައި އިޒްރޭލުގެ މަދުވެގެން 32 ސިފައިންނާއި 4 އާންމުން ވަނީ މަރުވެފަ އެވެ.
މިދިޔަ މަހުގެ 19ގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް، އަދިވެސް ހަމަލާތައް ކުރިއަށްދެ އެވެ. ހިޒްބުއްލޯއިން ދަނީ އިޒްރޭލާއި ލުބުނާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ދެކޮޅު ހަދަމުންނެވެ. އަދި އެ ޖަމާއަތުން މި ވާހަކަތަކުގައި ބައިވެރިއެއް ނުވެ އެވެ.
ކޮމެންޓް