އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. (ފޮޓޯ/ރޮއިޓާސް)
މިދިޔަ އަހަރު ކްރިޕްޓޯއިން 1.4 ބިލިއަން ޑޮލަރު ޓްރަމްޕަށް ލިބުނު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލީ ކްރިޕްޓޯކަރަންސީ ވިޔަފާރިތަކުން 2025 ވަނަ އަހަރު 1.4 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބިފައިވާ ކަމަށް އިއްޔެ ރިޕޯޓްކޮށްފި އެވެ.
އެމެރިކާގެ 'އޮފީސް އޮފް ގަވަރްންމަންޓް އެތިކްސް'އަށް ހުށަހަޅާފައިވާ އޭނާގެ އެންމެ ފަހުގެ މާލީ ބަޔާނުގައިވާ ގޮތުން، ޑިޖިޓަލް އެސެޓްތަކަކީ މިހާރު އޭނާއަށް އެންމެ ގިނައިން އާމްދަނީ ލިބޭ ވަސީލަތެވެ.
އެ ބަޔާނުން ދައްކާ ގޮތުގައި، ޓްރަމްޕްގެ ކުންފުނިތަކަށް 'ވޯލްޑް ލިބަޓީ ފައިނޭންޝަލް' އިން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ ތެރޭގައި ކްރިޕްޓޯ ޓޯކަން ވިއްކައިގެން ލިބުނު 520 މިލިއަނަށް ވުރެ ގިނަ ޑޮލަރާއި ވިޔަފާރީގެ ހިއްސާ ވިއްކައިގެން ލިބުނު 250 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހިމެނެ އެވެ. މީގެ އިތުރުން، އޭނާގެ މީމް ކޮއިންތައް ވިއްކައިގެން 635 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް ޓްރަމްޕް ރިޕޯޓްކުރައްވާފައިވެ އެވެ.
މި ހާމަކުރުންތަކުން ޓްރަމްޕްގެ ކްރިޕްޓޯ މުއްސަނދިކަން ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ މިންވަރު ސާފުވެ އެވެ. އޭގެ އެއް އަހަރު ކުރިން، ވޯލްޑް ލިބަޓީ ޓޯކަން ވިއްކައިގެން އޭނާއަށް ލިބުނު ކަމަށް ރިޕޯޓްކުރީ 57.35 މިލިއަން ޑޮލަރެވެ. ރޮއިޓާސްއިން ލަފާކުރާ ގޮތުގައި، 2025 ވަނަ އަހަރު ޓްރަމްޕް ދެވަނަ ފަހަރަށް ވައިޓް ހައުސްއަށް ވަޑައިގެންނެވި ފަހުން، އޭނާގެ އާއިލާއަށް ކްރިޕްޓޯއާ ގުޅުންހުރި މަޝްރޫއުތަކުން މަދުވެގެން 2.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.
ކްރިޕްޓޯގެ އިތުރުން، މީޑިއާ މައްސަލަތަކުގެ ބަދަލުގެ ގޮތުގައި 80 މިލިއަނަށް ވުރެ ގިނަ ޑޮލަރާއި ބޭރު ގައުމުތަކުގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް އޭނާގެ ނަން ބޭނުންކުރުމުގެ ހުއްދަ ދީގެން 52 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޓްރަމްޕް ހާމަކުރައްވާފައިވެ އެވެ. އަދި ގޮލްފް ކޯސްތަކާއި ރިސޯޓްތަކުން އާމްދަނީގެ ގޮތުގައި 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ. އޭނާގެ 'މާ-އަ-ލާގޯ' ކްލަބަށް ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރު ހުރި 50 މިލިއަން ޑޮލަރުން، 2025 ވަނަ އަހަރު ވަނީ 77 މިލިއަން ޑޮލަރަށް އުފުލިފަ އެވެ.
"ރައީސް ވެސް އަދި އެ މަނިކުފާނުގެ އާއިލާއިން ވެސް މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް ކަމެއްގައި ދުވަހަކު ވެސް ބައިވެރިވެފައެއް ނުވޭ އަދި ކުރިއަށް އޮތް ތަނުގައިވެސް ބައިވެރިއެއް ނުވާނެ... [ރައީސް ވަނީ] ފަހުރުވެރިކަމާ އެކު އެމެރިކާއަކީ ދުނިޔޭގެ ކްރިޕްޓޯގެ ވެރިރަށަށް ހައްދަވާފައި،" މަސްލަހަތު ފުށުއެރުމުގެ މައްސަލަތަކާ ގުޅޭ ގޮތުން އުފެދުނު ސުވާލުތަކަށް ރައްދު ދެއްވަމުން ވައިޓް ހައުސްގެ ތަރުޖަމާނު އަނާ ކެލީ ވިދާޅުވި އެވެ.
ނަމަވެސް، ސަރުކާރުގެ އެތިކްސް އޮފީހުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޑޮން ފޮކްސް ވިދާޅުވީ، ކުރީގެ ރައީސުން އެ ބޭފުޅުންގެ މާލީ ކަންކަން ބަލަހައްޓަވާފައިވަނީ މަސްލަހަތު ފުށުއެރުމުގެ ގަވާއިދުތަކަށް ބޯލަނބާ ފަދަ ގޮތަކަށް ކަމަށެވެ.
"ނަމަވެސް ޓްރަމްޕާ އެކު، އެފަދަ އުސޫލުތަކާއި ހަމަތައް މިހާރު ވަނީ މުޅިން އުވާލެވިފައި،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް