ޝީއިންގެ ލޯގޯ

ފްރާންސް

ޝީއިން އާއި ޓެމޫ ކޮންޓްރޯލް ކުރުމަށް ފްރާންސުން ގާނޫނެއްް ފާސްކޮށްފި

ފްރާންސުގައި މި އަހަރު ވިއްކާ ކޮންމެ އުފެއްދުމަކުން 0.25 ޔޫރޯ އާއި 6 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ؛ އަދި 2030 ވަނަ އަހަރާ ހަމައަށްދާއިރު އެ ޖޫރިމަނާ ކޮންމެ އުފެއްދުމަކަށް 10 ޔޫރޯއަށް ބޮޑުވެގެންދާނެ
1 ގަޑިއިރު ކުރިން

ޝީއިން އާއި ޓެމޫ ފަދަ އޮންލައިންކޮށް ހެދުން ވިއްކާ 'ފާސްޓް ފެޝަން' ކުންފުނިތައް ކޮންޓްރޯލު ކުރުމަށް އަމާޒުކޮށް ހުށަހެޅި ބިލް އިސްލާހުތަކަކަށް ފަހު ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން އެ ބިލް އިއްޔެ ފާސްކޮށްފި އެވެ.

 އެ ބިލު ފާސްކޮށްފައިވަނީ، ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގެ ގާނޫނުތަކަށް ފެތޭނެ ފަދަ ގޮތަކަށް އެ ބިލް ބައްޓަން ކުރުމަށް މަޖިލީހުގެ މަތީގެ އާއި ތިރީގޭގެ މެންބަރުންގެ މެދުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ބަހުސްތަކާއި މަޝްވަރާތައް ކުރުމަށް ފަހުގަ އެވެ.

އެ ގާނޫނުގެ ދަށުން، 'އަލްޓްރާ-ފާސްޓް-ފެޝަން' ނޫނީ ވަރަށް އަވަސްއަވަހަށް އާ ފެޝަންތަކުގެ ހެދުން ބާޒާރަށް ނެރޭ ކުންފުނިތަކުން މި އަހަރު ވިއްކާ ކޮންމެ އުފެއްދުމަކުން 0.25 ޔޫރޯ އާއި 6 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 2030 ވަނަ އަހަރާ ހަމައަށްދާ އިރު އެ ޖޫރިމަނާ ކޮންމެ އުފެއްދުމަކަށް 10 ޔޫރޯއަށް ބޮޑުވެގެންދާނެ އެވެ.

މީގެ އިތުރުން، އެ ގާނޫނުގެ ދަށުން އެ ފަދަ ކުންފުނިތައް އިޝްތިހާރު ކުރުން މަނާކުރުމުގެ އިތުރުން، އޮންލައިން އިންފްލުއެންސަރުން މިފަދަ ބްރޭންޑްތައް ޕްރޮމޯޓްކުރުން ވެސް މަނާކުރެ އެވެ.

"މިއަދު މި ބަހުސްކުރެވެނީ ހަމައެކަނި ހެދުމާ ބެހޭ ގޮތަކުން ނޫން، މިއީ އަހަރެމެން ހިމާޔަތްކުރަން ބޭނުންވާ މުޖުތަމައުގެ އޮނިގަނޑާ ބެހޭ ގޮތުން،" ވޯޓަށް އެހުމުގެ ކުރިން ދެއްކެވި ވާހަކަފުޅެއްގައި ކުދި ވިޔަފާރިތަކާ ބެހޭ މިނިސްޓަރު ސާޖް ޕަޕިން ވިދާޅުވި އެވެ.

"މި ބިލުގައި އަމާޒުކޮށްފައިވާ ސިނާއަތަކީ، މަދު ހަފުތާތަކެއްގެ ތެރޭގައި ބޭނުންކޮށްފައި އުކާލާ ފަދަ ފެޝަންގެ ހެދުންތަކުން އަހަރެމެންގެ ބާޒާރުތައް ފުރާލަމުންދާ ސިނާއަތަކުން ސަލާމަތް ކުރުން."

އެ ގާނޫނަށް އަމަލުކުރަން ފަށާނީ ރައީސް އެ ގާނޫނު ތަސްދީގު ކުރެއްވުމުންނެވެ.

ޝީއިން އިން ބުނި ގޮތުގައި، މި ބިލުގައި ހިމެނޭ ބައެއް ފިޔަވަޅުތައް، ޑިޖިޓަލް ހިދުމަތްތަކާއި އީ-ކޮމާސްއާ ގުޅޭ ގޮތުން ވިލާތުގައި އަމަލުކުރަމުންދާ އޮނިގަނޑާ ފުށުއަރަ އެވެ.

ޔޫރަޕިއަން ކޮމިޝަނުން މިކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ފްރާންސުން ފާސްޓް ފެޝަނާ ދެކޮޅަށް އެކުލަވައިލި ބިލުގެ ފުރަތަމަ ކޮޕީ މަޖިލީހުގެ ތިރިގެއިން ފާސްކުރީ މިދިޔަ އަހަރުގެ މާޗު މަހުގަ އެވެ. އަދި އޭގެ ފަހުން މި މަހު ސެނެޓުން ފާސްކުރި ކޮޕީގައި، ހަމައެކަނި އޮންލައިންކޮށް ހިދުމަތްދޭ އަލްޓްރާ-ފާސްޓް-ފެޝަން ކުންފުނިތަކަށް ހާއްސަކޮށް ފިޔަވަޅުތައް އެޅުމަށް ނިންމައި، ޔޫރަޕްގެ ފާސްޓް ފެޝަން ބްރޭންޑްތައް ކަމަށްވާ ޒާރާ އަދި އެޗްއެންޑްއެމް ފަދަ ކުންފުނިތައް އިސްތިސްނާކުރި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް