އާރު ރާޖަގޯޕާލް.
އެޑިޓަރެއްގެ ވޯޓުލުމުގެ ހައްގު ގެއްލުމުން އިންޑިއާގެ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފި
އިންޑިއާގެ ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށްވާ އާރު ރާޖަގޯޕާލް ވޯޓުލާ މީހުންގެ ލިސްޓުން އުނިކުރުން އެޑިޓާސް ގިލްޑް އޮފް އިންޑިއާ އިން އިއްޔެ ކުށްވެރިކޮށްފި އެވެ.
އެ ޖަމާއަތުން ބުނީ އޭނާގެ މައްސަލައިން ހާމަވެގެންދަނީ އިންޑިއާގައި މިހާރު ކުރިއަށްދާ ވޯޓާސް ލިސްޓް މުރާޖައާކުރުމުގެ މަސައްކަތުގެ ތެރެއިން އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުންދާ ދަތިތައް ކަމަށެވެ.
'ދަ ޓެލެގްރާފް' ނޫހުގެ ކުރީގެ އެޑިޓަރު ރާޖަގޯޕާލް ވިދާޅުވީ، ވެސްޓް ބެންގޯލްގައި ކުރިއަށްދިޔަ ސްޕެޝަލް އިންޓެންސިވް ރިވިޝަން (އެސްއައިއާރު)ގެ ދަށުން ވޯޓުލާ މީހުންގެ ލިސްޓުން އޭނާގެ ނަން އުނިކޮށްފައިވުމުގެ ސަބަބުން، ފުލުހުންގެ ވެރިފިކޭޝަން ފުރިހަމަނުކުރެވި، އޭނާގެ ޕާސްޕޯޓް އާކުރުން ލަސްވެފައިވާ ކަމަށެވެ. އޭނާ އަދި އޭނާގެ ބައްޕަގެ ނަން ވެސް 2002 ވަނަ އަހަރުގެ ވޯޓާސް ލިސްޓުގައި ނެތް ކަމަށް އޮފިޝަލުން ބުނި ނަމަވެސް، އޭނާއަކީ 2010 ވަނަ އަހަރުން ފެށިގެން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހެއް ކަމަށް ރާޖަގޯޕާލް ވިދާޅުވި އެވެ.
އެޑިޓާސް ގިލްޑުން ނެރުނު ބަޔާނެއްގައި ބުނީ، ރާޖަގޯޕާލްގެ މައްސަލައިން އެތައް މިލިއަން އިންޑިއާ ރައްޔިތުންނަކަށް މި މަސައްކަތުގެ ސަބަބުން ލިބެމުންދާ ތަކްލީފްތައް ހާމަވާ ކަމަށެވެ. އަދި ރާޖަގޯޕާލް ފަދަ ނުފޫޒުގަދަ އާންމު ޝަހުސިއްޔަތެއްގެ ވޯޓުލުމުގެ ހައްގު މިގޮތަށް ނިގުޅައިގަނެވޭއިރު، އާންމު ނިކަމެތި ރައްޔިތުންގެ ހާލަތު މާ ބޮޑަށް ވެސް ގޯސްވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އަޅުގަނޑު ލިސްޓުން އުނިކުރި އެއްވެސް ސަބަބެއް ބަޔާންކޮށްދީފައެއް ނުވޭ،" މި ނިންމުން ކޯޓަށް ހުށަހަޅުއްވާފައިވާ ރާޖަގޯޕާލް ވިދާޅުވި އެވެ.
"މުޅި ފަންނީ ހަޔާތް ނޫސްވެރިކަމުގައި ހޭދަކުރި މީހަކަށް މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ނަމަ، މުޖުތަމައުގައި ހަގީގަތުގައި ވެސް އެކަހެރިވެފައިވާ ނިކަމެތިން އުފުލަންޖެހޭނެ ތަކްލީފްތައް ހިތަށް އަރުވަން ވެސް ދަތި."
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ރާޖަގޯޕާލްގެ މި ތުހުމަތުތަކަށް އާންމުކޮށް އަދި އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. މިދިޔަ ނޮވެމްބަރުން ފެށިގެން ވޯޓާސް ލިސްޓް މުރާޖައާކުރަން ފެށި ފަހުން، މުޅި ގައުމުން ގާތްގަނޑަކަށް 60 މިލިއަން މީހުންގެ ނަން ލިސްޓުން އުނިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ތެރޭގައި ވެސްޓް ބެންގޯލްއިން އެކަނި ވެސް 9 މިލިއަނެއްހާ މީހުން ހިމެނެ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މި މަސައްކަތުގެ ސަބަބުން ވޯޓުލުމުގެ ހައްގު ލިބިގެންވާ ގިނަ ބައެއްގެ ހައްގުތައް ވަނީ ނުހައްގުން ގެއްލިފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ މިއީ ޝަރުތު ހަމަނުވާ ވޯޓަރުން ދެނެގަތުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.
ކޮމެންޓް