ފްރާންސުގެ ވެރިރަށް ޕެރިހުގައި ގަދަ ހޫނުން ސަލާމަތްވުމަށް ބަޔަކު ކުޑަ ނަގައިގެން. (ފޮޓޯ/އޭއެފްޕީ)
ޔޫރަޕްގެ ގަދަ ހޫނުގައި ފްރާންސުން 1,000 މީހުން މަރުވެއްޖެ
ޔޫރަޕުގެ ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އާދަޔާހިލާފު ހޫނުގަދަ މޫސުމާ ގުޅިގެން، ފްރާންސުން އެކަނި ވެސް 1,000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ ބުނެފި އެވެ.
ސިއްހީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ލިބެމުންދާ ވަރަކަށް މަރުވި މީހުންގެ އަދަދު މިއަށް ވުރެ އިތުރުވުން އެކަށީގެންވެ އެވެ.
ފްރާންސުގެ ޕަބްލިކް ހެލްތު އެޖެންސީން ބުނި ގޮތުގައި، މި ހޫނުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ނަމަވެސް، މި ގަދަ ހޫނުގެ އަސަރު ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ދަނީ ކުރަމުންނެވެ.
ފްރާންސުގެ ހެލްތު މިނިސްޓަރު ސްޓެފަނީ ރިސްޓް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 10 ވަރަކަށް ދުވަހު ވެސް މި ހޫނުގެ އަސަރު ދެމިއޮތުމަކީ އެކަށީގެންވާ ކަމެކެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިމަތިވެފައިވާ މި ހޫނުގަދަ މޫސުމުގެ ސަބަބުން، ބައެއް ސްކޫލްތަކާއި ދާރުލްއާސާރުތައް ވަނީ ހުޅުވާފައި ހުންނަ ވަގުތުތައް ކުރުކޮށްފަ އެވެ. ލަފާކުރެވޭ ގޮތުގައި ޔޫރަޕުގެ ގާތްގަނޑަކަށް 191 މިލިއަން މީހުންނަށް 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގެ ހޫނުމިނަކާ ކުރިމަތިލާން ޖެހޭނެ އެވެ. މި ހާލަތު އެންމެ ގޯސްކޮށް އުޅެނީ ޖަރުމަނު، ޗެކް ރިޕަބްލިކް، ހަންގޭރީ އަދި ޕޮލެންޑުގަ އެވެ. މީގެ އިތުރުން މެދުތެރޭ އަދި އިރުމަތީ ޔޫރަޕުގެ ގިނަ ގައުމުތަކަކަށް ވެސް މިކަމުގެ އަސަރު ވަނީ ކޮށްފަ އެވެ.
ޖަރުމަނުގައި ހޫނުން ސަލާމަތްވުމަށް މޫދަށާއި ފަތާ ފެންގަނޑުތަކަށް އެރި އުޅުމުގެ ތެރޭގައި، މިދިޔަ ހަފްތާ ބަންދުގައި އެކަނި ވެސް ހަތް މީހަކު ވަނީ މަރުވެފަ އެވެ. އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އިރުމަތީގެ ރަށެއް ކަމަށްވާ ކުބްޝޫޓްޒްގައި ވަނީ ފާއިތުވި 150 އަހަރު ތެރޭގައި އެންމެ ހޫނުގަދަ ރޭ ރެކޯޑުކުރެވިފަ އެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ނުލާ މިފަދަ ހޫނުގަދަ މޫސުމެއް ކުރިމަތިވުމަކީ ނާދިރު ކަމެކެވެ. މީގެ އިތުރުން، ޔޫރަޕުގެ ބޮޑު ސަރަހައްދެއްގައި ހޫނު ވައި ހިފެހެއްޓިފައި ވަނީ 'އޮމެގާ ބްލޮކް'އެއްގެ ސަބަބުން ކަމަށް ވެސް މޫސުމާ ބެހޭ މާހިރުން ފާހަގަކުރެ އެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ގަދަ ހޫނަށް މަޑުމަޑުން ލުޔެއް ލިބި، ގަދަ ވަޔާއެކު ވިއްސާރަ ކުރަން ފަށާނެ އެވެ.
ކޮމެންޓް