މި އޮޕަރޭޝަން ހިންގާފައިވަނީ ކަރާޗީގައި ހުންނަ ޕާކިސްތާން ރޭންޖާސްގެ ސަރަހައްދީ މަރުކަޒަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ތިން ސިފައިން މަރުވިތާ އެއް ދުވަސް ފަހުން. (ފޮޓޯ/އޭޕީ)

ޕާކިސްތާން

ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި 29 ހަނގުރާމަވެރިން މަރާލައިފި

ޕާކިސްތާނުގެ އެތެރޭގައި ހަމަލާދޭ ޓީޓީޕީ ހަނގުރާމަވެރިންނަށް އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ހިމާޔަތްދޭ ކަމަށް އިސްލާމްއާބާދުން ތުހުމަތު ކުރާއިރު، ކާބުލްއިން އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރޭ
1 ގަޑިއިރު ކުރިން

ޕާކިސްތާނަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އިއްޔެ ހިންގި އޮޕަރޭޝަންތަކާއި ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 29 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފި އެވެ.

ޕާކިސްތާނުގެ އޮފިޝަލެއް ކަމަށްވާ އަތާއުއްލޯ ތަރާރް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ އަފްގާނިސްތާނުގެ އިރުމަތީ ޕްރޮވިންސްތައް ކަމަށްވާ ޕަކްތިއާ، ޕަކްތިކާ އަދި ކުނާރްގައި ހުރި ތަހުރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ ހަނގުރާމަވެރިން ހިމާޔަތް ހޯދައިގެން ތިބި މަރުކަޒުތަކަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މި ސަރަހައްދުތަކުގައި ހުރި ހަނގުރާމަވެރިންގެ ތިން މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެ ތަންތަން މުޅިން ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކަރާޗީގައި ހުންނަ ޕާކިސްތާން ރޭންޖާސްގެ ސަރަހައްދީ މަރުކަޒަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ތިން ސިފައިން މަރުވިތާ އެއް ދުވަސް ފަހުންނެވެ. އެ ހަމަލާ ދިން މީހުންގެ ތެރެއިން ތިން މީހަކު ސަލާމަތީ ބާރުތަކުން މަރާލާފައިވާއިރު، އިތުރު އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަސްކަރިއްޔާއިން ބުނި ގޮތުގައި، ހައްޔަރުކުރެވުނު މީހަކީ އަފްގާނިސްތާނުގެ ރައްޔިތެކެވެ. މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޖަމާއަތުލް އަހްރާރު ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ.

މި ފަހުގެ ހަމަލާތަކާ ގުޅިގެން ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ. ދެ ގައުމުގެ ދެމެދުގައި ބޯޑަރު ސަރަހައްދުގައި ކުރިމަތިލުންތައް ހިނގަމުންދާތާ މަސްތަކެއް ވެފައިވާއިރު، ބައިނަލްއަގުވާމީ މެދުވެރިން މެދުވެރިކޮށް ސުލްހަ ގާއިމުކުރުމަށް ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ޕާކިސްތާނުގެ އެތެރޭގައި ހަމަލާދޭ ޓީޓީޕީ ހަނގުރާމަވެރިންނަށް އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ހިމާޔަތްދޭ ކަމަށް އިސްލާމްއާބާދުން ތުހުމަތު ކުރާއިރު، ކާބުލްއިން އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް