ސޯޝަލް މީޑިއާ އެޕްތަކެއް. (ފޮޓޯ/ރޮއިޓާސް)

އޮސްޓްރޭލިޔާ

ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ ނަމަ ޓެކް ކުންފުނިތަކުގެ ޖޫރިމަނާ އޮސްޓްރޭލިއާއިން ދެގުނަ ބޮޑުކޮށްފި

މިގޮތަށް ނިންމާފައިވަނީ، މި ގާނޫނުގެ ސަބަބުން ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދުވުމުގައި ލިބިފައިވަނީ ވަރަށް ކުޑަ ކާމިޔާބީއެއްކަން އާ ހެކިތަކުން ދެއްކުމާ ގުޅިގެން
1 ގަޑިއިރު ކުރިން

އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އޮސްޓްރޭލިއާއިން ކަނޑައަޅާފައިވާ ގާނޫނު ތަންފީޒުކުރުމުގައި ފޭލްވާ ޓެކްނޮލޮޖީ ކުންފުނިތައް ކުރާ އެންމެ ބޮޑު ޖޫރިމަނާ ދެގުނައަށް ބޮޑުކުރަން އެ ގައުމުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ، މި ގާނޫނުގެ ސަބަބުން ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދުވުމުގައި ލިބިފައިވަނީ ވަރަށް ކުޑަ ކާމިޔާބީއެއްކަން އާ ހެކިތަކުން ދެއްކުމާ ގުޅިގެންނެވެ.

އިއްޔެ އިއުލާންކުރި މި އިސްލާހުތަކުގެ ދަށުން، ނިޒާމީ ގޮތެއްގައި ގާނޫނަށް އަމަލުނުކޮށް ފޭލްވާ ކުންފުނިތަކަށް ދެވޭނެ އެންމެ ބޮޑު އަދަބު 49.5 މިލިއަން އޮސްޓްރޭލިއާ ޑޮލަރުން 99 މިލިއަން އޮސްޓްރޭލިއާ ޑޮލަރަށް ބޮޑުވާނެ އެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ 'އީ-ސޭފްޓީ ކޮމިޝަނަރު'ގެ ބާރުތައް ފުޅާކޮށް، ސޯޝަލް މީޑިއާ ކުންފުނިތަކާއި ތިންވަނަ ފަރާތްތަކުގެ ސާވިސް ޕްރޮވައިޑަރުން އުމުރު ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ހެކި ހުށަހެޅުމަށް މަޖުބޫރުކުރުމުގެ ބާރު އެ ކޮމިޝަނަށް ދީފަ އެވެ.

ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ، މިފަދަ ހަރުކަށި ފިޔަވަޅުތަކެއް ބޭނުންވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެކަށީގެންވާ ގޮތެއްގައި ގާނޫނު ތަންފީޒުކުރުމުގައި ފޭލްވުމާ ގުޅިގެން ކަމަށެވެ.

"ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރު ކަނޑައެޅި ފަހުން، ދުނިޔޭގެ ފެންވަރުގައި މި ވާހަކަ ދެކެވޭ ގޮތަށް އައި ބަދަލާއި ލިބުނު ކުރިއެރުމާ މެދު އަޅުގަނޑު އުފާކުރަން. ނަމަވެސް ބޮޑެތި ޓެކް ކުންފުނިތަކުން ގާނޫނަށް ބޯލެނބުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަން ވަރަށް ސާފު. ސޯޝަލް މީޑިއާގައި އަދިވެސް ގިނަ އަދަދެއްގެ ކުޑަކުދިން އެބައުޅޭ،" އަލްބަނީޒް ވިދާޅުވި އެވެ.

ސަރުކާރުން ބުނި ގޮތުގައި، މި މަނާކުރުން ހިންގަން ފެށިތާ ހަ މަސްދުވަހުގެ ތެރޭގައި، 16 އަހަރުން ދަށުގެ ކުދިންގެ 5 މިލިއަނަށް ވުރެ ގިނަ އެކައުންޓް ވަނީ ބަންދުކޮށް ނުވަތަ ހިފަހައްޓާފަ އެވެ.

ނަމަވެސް، ދާދި ފަހުން ބީއެމްޖޭ މަޖައްލާގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގާނޫނު ހިންގަން ފެށިތާ ތިން މަސްވީއިރު ވެސް އޮސްޓްރޭލިއާގެ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ %85 ކުދިން އަދިވެސް ދަނީ ސޯޝަލް މީޑިއާ ބޭނުންކުރަމުންނެވެ. އެ ކުދިން ގިނައިން އުމުރުގެ ޗެކްތައް އޮޅުވާލަނީ އޮޅުވާލައިގެން އުމުރުން 16 އަހަރުން މަތި ކަމަށް ލިޔެގެން ނުވަތަ ސެލްފީ ބޭނުންކޮށްގެން ހަދާ ވެރިފިކޭޝަންތައް މެދުވެރިކޮށެވެ.

ކޮމިއުނިކޭޝަންސް މިނިސްޓަރު އަނިކާ ވެލްސް ވަނީ ބޮޑެތި ޓެކް ކުންފުނިތަކުން ގާނޫނަށް އަމަލުކުރުމުގައި ކުރަނީ އެންމެ ކުޑަ މިންވަރު ކަމަށް ބުނެ ތުހުމަތުކޮށްފަ އެވެ.

އޮސްޓްރޭލިއާގެ ރެގިއުލޭޓަރުން މިހާރު ދަނީ އިންސްޓަގްރާމް، ފޭސްބުކް، ޔޫޓިއުބް، ސުނެޕްޗެޓް އަދި ޓިކްޓޮކް އިން ގާނޫނާ ހިލާފުވެފައިވާ ކަމަށް ބެލެވޭ މައްސަލަތަކެއް ތަހުގީގުކުރަމުންނެވެ.

މި ދަނޑިވަޅުގައި، ރެޑިޓުން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް ބުނެ އޮސްޓްރޭލިއާގެ ހައި ކޯޓުގައި މި ގާނޫނަށް ގޮންޖަހާފަ އެވެ. ސަރުކާރުން ބުނީ ކޯޓުގައި އެ މައްސަލާގައި ގާނޫނު ދިފާއުކުރާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް