ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ހަލާކުވެފައިވާ އިމާރާތްތަކެއް. (ފޮޓޯ/ރޮއިޓާސް)
ވެނެޒުއެލާގެ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 1,400އަށް ވުރެ މައްޗަށް
ވެނެޒުއެލާއަށް ޖެހިޖެހިގެން އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،400އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެންމެ ބޮޑަށް ގެއްލުން ލިބުނު އައްސޭރިފަށުގެ އަވަށްތަކުގައި ދިރިތިބި މީހުން ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ މީހުން ސަލާމަތްކުރާ ޓީމުތަކުން ހުއްޓާނުލާ ކުރިއަށް އެބަގެންދެ އެވެ.
މިދިޔަ ބުދަ ދުވަހު އައި ރިކްޓަރު މިންގަނޑުން 7.2 އަދި 7.5ގެ ބާރުގަދަ ބިންހެލުންތަކާ ގުޅިގެން، ބޭރު ގައުމުތަކުގެ 1،600އަށް ވުރެ ގިނަ ރެސްކިއު މުވައްޒަފުން މިހާރު ވަނީ ވެނެޒުއެލާއަށް ގޮސްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޓީމުތައް އަންނާނެ ކަމަށް ބެލެވެ އެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ސުންނާފަތިވެފައިވާ ލަ ގުއައިރާ އަށާއި ވެރިރަށް ކަރަކަސްގެ ބައެއް ސަރަހައްދުތަކަށެވެ. އެ ސަރަހައްދުތަކުގައި އާއިލާތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދަމުންނެވެ.
އެ ސަރަހައްދުގެ ބައެއް ރަށްވެހިން ބުނި ގޮތުގައި، ބަރު މެޝިނަރީތައް ގެނައުމާ އެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ކުރިއަށް ވުރެ ރަނގަޅުވެފަ އެވެ. ނަމަވެސް، ބިންހެލުމަށް ފަހު އަންނަ ލޮޅުންތައް ހުއްޓުމެއްނެތި އަންނާތީ، ގިނަ ބަޔަކު އަދިވެސް ރޭގަނޑު ނިދަމުންދަނީ ބޭރުގަ އެވެ.
"ބިންހެލުން އައި ރެއިން ފެށިގެން، ޖެހިޖެހިގެން އަންނަ ލޮޅުންތަކުގެ ސަބަބުން ކައިރި ހުރި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ނިދަނީ މަގުމަތީގައި،" ލޮސް ކޮރާލެސްގެ ރަށްވެއްސެއް ކަމަށްވާ ބެއިސީ ރިވާސް ބުންޏެވެ.
"މަރުވި މީހުންނާއި އާއިލާގެ މީހުން ގެއްލުނު މީހުންނާ މެދު ވިސްނާފައި އަޅުގަނޑުގެ ސިކުނޑި މިހާރު ހުރީ ސަލާމަތުން ނޫން ކަހަލަ ހާލަތެއްގައި."
ކަމާބެހޭ އިދާރާތަކުން ވަނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް އާންމުން ވަނުން މަނާކޮށްފަ އެވެ. އެއީ އެމަޖެންސީ އުޅަނދުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ހެދުމަށެވެ. އަދި އެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް އަލުން ދިނުމުގެ މަސައްކަތް ދަނީ މަޑުމަޑުން ކުރެވެމުންނެވެ.
ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުން ހިންގާ ވެބްސައިޓެއްގައި 55،000އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ލިސްޓުކޮށްފައިވީ ނަމަވެސް، ސަރުކާރުން ކަށަވަރުކޮށްދީފައިވަނީ ހަމައެކަނި އެތައް ސަތޭކަ ބަޔަކު ގެއްލިފައި ނުވަތަ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސަވޭއިން ލަފާކުރާ ގޮތުގައި، މި ކާރިސާގައި ޖުމްލަ މަރުވި މީހުންގެ އަދަދު 10،000އަށް ވުރެ މައްޗަށް ދިއުން އެކަށީގެންވެ އެވެ. މިއާ އެކު، މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ލެޓިން އެމެރިކާއަށް އައި އެންމެ ނުރައްކާތެރި އެއް ކާރިސާއަށް ވުމުގެ ފުރުސަތު އެބައޮތެވެ.
ބައިނަލްއަގުވާމީ އެހީތެރިކަން ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން، އެމެރިކާއިން ކުރިން ދޭން ނިންމި 150 މިލިއަން ޑޮލަރުގެ އެހީގެ އިތުރުން، އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އިތުރު ކާރިސާގެ އެހީ ފޯރުކޮށްދޭނެކަން އިއުލާންކުރާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް