ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއްގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން. (ފޮޓޯ/ރޮއިޓާސް)

ވެނެޒުއެލާ

ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި ބޮޑެތި ގެއްލުންތަކެއްވެ، އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

މިއީ 1900 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި ރެކޯޑްކުރެވުނު އެންމެ ބާރުގަދަ ބިންހެލުން
1 ގަޑިއިރު ކުރިން

ވެނެޒުއެލާއަށް އިއްޔެ އައި ބާރުގަދަ ދެ ބިންހެލުމެއްގައި ވެރިރަށް ކަރަކަސް އާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތައް ސުންނާފަތިވެ، އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިއްޖެ އެވެ. މިއާ އެކު ބައިނަލްއަގުވާމީ ފެންވަރުގައި މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަވޭއިން (ޔޫއެސްޖީއެސް) ބުނި ގޮތުގައި، ކަރަކަސްގެ ހުޅަނގަށް ރެކްޓަރު މިންގަނޑުން 7.2ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވެ އެވެ. އަދި އޭގެ މިނެޓެއް ވެސް ނުވަނީސް 7.5ގެ ބާރުމިނުގައި ދެވަނަ ބިންހެލުމެއް ވަނީ އައިސްފަ އެވެ.

މިއީ 1900 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި ރެކޯޑްކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ.

ހެލްތު މިނިސްޓަރު ކާލޮސް އަލްވަރާޑޯ ވިދާޅުވި ގޮތުގައި، ސިއްހީ މަރުކަޒުތަކަށް މިހާތަނަށް 235 މީހެއްގެ ހަށިގަނޑު ވަނީ ގެންގޮސްފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހޯހޭ ރޮޑްރިގޭޒް ރިޕޯޓްކުރެއްވި ގޮތުގައި، ގާތްގަނޑަކަށް 200އެއްހާ މީހުން އަދިވެސް ތިބީ އިމާރާތްތަކުގެ ދަށުގައި ތާށިވެފަ އެވެ. އަދި މަދުވެގެން 250 އިމާރާތް ވަނީ ބިމާހަމަވެ ނުވަތަ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. ހަމައެކަނި ލާ ގުއައިރާ ސްޓޭޓުން ވެސް 70،000އަށް ވުރެ ގިނަ އާއިލާއަށް މީގެ އަސަރު ވަނީ ކޮށްފަ އެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި އަތިރީގޭ ސަރަހައްދު ސިފަކުރެއްވީ ކާރިސާގެ ސަރަހައްދެއްގެ ގޮތުގަ އެވެ. އަދި ބަރު މެޝިނަރީތައް ބޭނުންކޮށްގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ސަރުކާރުން އަމިއްލަ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ރައްޔިތުން ކިޔައިދިން ގޮތުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމަށް ދަރުމަވެރިން މަސައްކަތްކުރަމުންދަނީ އެއްވެސް މެޝިނެއް ނެތި ހުސްއަތާ އެވެ.

"އޭނާ އެ އޮތީ ކޮންކްރީޓްގަނޑުގެ ދަށުގައި ތާށިވެފައި. އެ ތަނުން އޭނާ ނެގޭނެ އެއްވެސް މެޝިނެއް މިތާކު ނެތް،" ލާ ގުއައިރާގެ ރަށެއްގައި ދިރިއުޅޭ ޔަމިލެތު ހިމެނޭޒް، އިމާރާތުގެ ކުނިބުނިތަކުގެ ދަށުގައި ތާށިވެފައި އޮތް އޭނާގެ ފިރިހެން ދަރިފުޅަށް އިޝާރާތްކޮށް ބުންޏެވެ.

ގެއްލިފައިވާ މީހުންގެ މައުލޫމާތު އެއްކުރާ ވެބްސައިޓެއްގައިވާ ގޮތުން، 46،000އަށް ވުރެ ގިނަ މީހުންނަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. ނަމަވެސް މި ތަފާސްހިސާބުތައް މިނިވަން މުސްތަގިއްލު ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި ކާރިސާއާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަސްތައް ދަނީ ލިބެމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމެރިކާ އޮތީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އަދި އެކަމުގެ ގާބިލުކަން ލިބިގެން ކަމަށެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، މީހުން ސަލާމަތްކުރާ ޓީމުތައް އެ ގައުމަށް ފޮނުވާނެ ކަމަށާ އަދި ޕެންޓަގަނުން ކަރަކަސް އެއާޕޯޓުގެ މަރާމާތަށާއި ލޮޖިސްޓިކްސްގެ ކަންކަމަށް އެހީތެރިވާނެ ކަމަށެވެ.

އދ. އިން ބުނި ގޮތުގައި، އެ ޖަމާއަތުން ދަނީ ބައިނަލްއަގުވާމީ ސަލާމަތްކުރާ ޓީމުތަކުގެ ހަރަކާތްތައް ކޯޑިނޭޓް ކުރަމުންނެވެ. އަދި ސްޕޭސްއެކްސް އިން ވަނީ، މުވާސަލާތީ ގުޅުންތައް އަލުން ގާއިމުކުރުމަށް އެހީތެރިވުމުގެ ގޮތުން، ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކަށް އެކުންފުނީގެ ސްޓާލިންކް ނެޓްވޯކުން އެއް މަސްދުވަހުގެ މުއްދަތަށް ހިލޭ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނެކަން އިއުލާންކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް