އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. (ފޮޓޯ/އޭޕީ)

އިރާނު ހަނގުރާމައަށް 87.6 ބިލިއަން ޑޮލަރުގެ ކުއްލި ބަޖެޓަކަށް ޓްރަމްޕް އެދިވަޑައިގެންފި

ޕެންޓަގަނުން އަންދާޒާކުރާ ގޮތުގައި މިހާތަނަށް މި ހަނގުރާމައަށް ގާތްގަނޑަކަށް 29 ބިލިއަން ޑޮލަރު ހަރަދުވެފައިވޭ
1 ގަޑިއިރު ކުރިން

އިރާނާ އެކު ހިނގަމުންދާ ހަނގުރާމައިގެ އަސްކަރީ އޮޕަރޭޝަންތަކަށް ހަރަދުކުރުމަށްޓަކައި، 87.6 ބިލިއަން ޑޮލަރުގެ ކުއްލި ބަޖެޓެއް ފާސްކޮށްދިނުމަށް ވައިޓް ހައުސްއިން އެމެރިކާގެ ކޮންގްރެސްގައި އެދިއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި މިކަމަށް އޮތް ދެކޮޅުވެރިކަން ބޮޑުވަމުންދިޔަ ނަމަވެސް، މި ފައިސާގެ ބޮޑު ބައެއް ހާއްސަކުރުމަށް ހަމަޖެހިފައިވަނީ އަސްކަރީ ހަރަކާތްތަކަށެވެ.

ހައުސްގެ ރައީސް މައިކް ޖޯންސަނަށް ފޮނުއްވި ރަސްމީ ހުށަހެޅުމުގައިވާ ގޮތުން، މީގެ ތެރެއިން 67 ބިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ ޑިޕާޓްމަންޓް އޮފް ޑިފެންސް (ޕެންޓަގަން) އަށެވެ. މީގެ ތެރޭގައި ހަތިޔާރު ހޯދުމާއި އޮޕަރޭޝަނަލް ހަރަދުތަކުގެ އިތުރުން ސިއްރު ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ ހިމެނެ އެވެ.

މީގެ އިތުރުން، މެދުއިރުމައްޗާއި ދެކުނު އޭޝިއާގައި ހުރި އެމެރިކާގެ ސަފާރާތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް 300 މިލިއަން ޑޮލަރާއި ދަނޑުވެރިންނަށް އެހީވުމަށާއި އެބޯލާ ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ވެސް މި ޕެކޭޖުގައި ހިމަނާފައިވެ އެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި، މި ފައިސާގެ ބޮޑު ބައެއް ބޭނުންކުރެވޭނީ އިރާނާ ދެކޮޅަށް ކުރިއަށްގެންދާ 'އޮޕަރޭޝަން އެޕިކް ފިއުރީ'އާ ގުޅުންހުރި ކުއްލި ބޭނުންތަކަށެވެ.

މި ބަޖެޓަށް އެދިފައި މިވަނީ، އިރާނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ކޮންގްރެސްއިން ގަރާރެއް ފާސްކުރިތާ އެއް ދުވަސް ފަހުންނެވެ. މިއީ 'ވޯ ޕަވާސް' އުސޫލުގެ ދަށުން، ހިނގަމުންދާ އަސްކަރީ އޮޕަރޭޝަނެއް ހުއްޓާލުމަށް ރައީސަކަށް އަމުރުކޮށް ކޮންގްރެސްއިން މިފަދަ ގަރާރެއް ފާސްކުރި ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ވަނީ އެ ވޯޓަކީ މި ވަގުތު ނަގަން ޖެހޭ ވޯޓެއް ނޫން ކަމަށް ވިދާޅުވެ، މި ގަރާރަށް ތާއީދުކުރި ރިޕަބްލިކަން ސެނެޓަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ގަރާރަށް ތާއީދުކުރާ މެންބަރުން ބޭނުންވަނީ ހަނގުރާމައިން ބަލިވާށެވެ.

ރިޕަބްލިކަން ސެނެޓަރު ބިލް ކެސިޑީ ވިދާޅުވި ގޮތުގައި، ކެޕިޓަލް ހިލްގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި އޭނާ ވަނީ ޓްރަމްޕާ ކުރިމަތިލައްވައި ސުވާލު ކުރައްވާފަ އެވެ. ކެސިޑީ ވިދާޅުވީ، ހިނގަމުންދާ ކަންކަމުގެ ހަގީގަތް އެމެރިކާގެ ރައްޔިތުންނަށް ރައީސް ސާފުކޮށްދެއްވާފައި ނުވާ ކަމަށެވެ.

"މިއީ ހަތަރު ހަފުތާއަށް ދެމިގެންދާނެ ކަމަށް ބުނި ކަމެއް. އެކަމަކު މިހާރު ހަތަރު މަސް ވެއްޖެ. އަދި އަސްލު ބޭނުންވި މަގުސަދުތަކެއް ވެސް ހާސިލެއް ނުވޭ،" ކެސިޑީ ވިދާޅުވި އެވެ.

އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިހާބު ކައިރިވަމުން އަންނައިރު، މި ހަނގުރާމައަށް އާންމުންގެ އޮތް ތާއީދު ކުޑަވުމުގެ ސަބަބުން މި ބަޖެޓް ކޮންގްރެސްއިން ފާސްވުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޕެންޓަގަނުން އަންދާޒާކުރާ ގޮތުގައި މިހާތަނަށް މި ހަނގުރާމައަށް ގާތްގަނޑަކަށް 29 ބިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ. ނަމަވެސް، މާލީ ދާއިރާގެ ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު މިއަށް ވުރެ މާ ބޮޑުވާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް