ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/އޭއެފްޕީ)

ހޮރްމޫޒްގައި ތާށިވެފައި ތިބި 11,000 ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް އދ.އިން ފަށައިފި

މެރިޓައިމް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު އެކަނި ވެސް މަދުވެގެން 36 ވިޔަފާރި އުޅަނދެއް ވަނީ މި ކަނޑުއޮޅި ހުރަސްކޮށްފައި؛ މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނައިން އުޅަނދުތައް ދަތުރުކުރި ދުވަސް
6 ގަޑިއިރު ކުރިން

ސަރަހައްދީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާ އާއި އީރާނާ ދެމެދު ދާދިފަހުން އެކުލަވާލި އެއްބަސްވުމާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅީގައި ތާށިވެފައި ތިބި 11،000އަށް ވުރެ ގިނަ ފަޅުވެރިން އެ ސަރަހައްދުން ބޭރުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ފަށައިފި އެވެ.

އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް އިއްޔެ ވިދާޅުވީ، މި އޮޕަރޭޝަން ކުރިއަށްގެންދާނީ އީރާނާއި އޮމާނާއި އެ ސަރަހައްދުގެ ބައްރުތަކަށް ނިސްބަތްވާ އެހެނިހެން ގައުމުތަކާއި އެމެރިކާ އަދި ކަނޑުދަތުރުފަތުރުގެ ސިނާއަތާ ގާތުން ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މި އޮޕަރޭޝަންތަކަށް ބޭުރޭ ސަލާމަތީ ކަށަވަރުކަން ހޯދާފައި. އަދި އުޅަނދުތަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ހާލަތްތައް ފުރިހަމައަށް ވަޒަންކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މިދިޔަ 28 ފެބްރުއަރީގައި ހަނގުރާމަ ފެށުމާ އެކު އީރާނުން މި މުހިންމު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ދަތުރުފަތުރުތަކަށް މަސްތަކެއް ވަންދެން ބުރޫއަރާފައި އޮތުމަށް ފަހު، މިހާރު ވަނީ ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މިއާ އެކު ކަނޑުމަގުގެ ދަތުރުފަތުރުތައް މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ. މެރިޓައިމް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު އެކަނި ވެސް މަދުވެގެން 36 ވިޔަފާރި އުޅަނދެއް ވަނީ މި ކަނޑުއޮޅި ހުރަސްކޮށްފަ އެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނައިން އުޅަނދުތައް ދަތުރުކުރި ދުވަހެވެ.

އޮމާންގެ ޑިފެންސް މިނިސްޓްރީއިން ބުނި ގޮތުގައި، ދަތުރުފަތުރުގެ ނުރައްކާތައް ކުޑަކުރުމުގެ ގޮތުން ފަޅުވެރިންނާއި އުޅަނދުތައް ބޭރުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

"މިހާރު އޮތް ހާލަތުގެ ގޮތުން އުޅަނދުތައް އެއްޗެއްގައި ޖެހުމުގެ ނުރައްކާ ބޮޑުވުމުން، އުޅަނދުތައް ބޭރުކުރަންޖެހޭނީ ކޮންޓްރޯލް ކުރެވިފައިވާ އުސޫލެއްގެ ދަށުން، ފިޔަވަޅަކުން ފިޔަވަޅަކަށް،" އެ މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް އުފުލާ މި ކަނޑުއޮޅިން އަލުން އާންމު ވިޔަފާރި ދަތުރުތައް ފެށުމަށް ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި މި އޮޕަރޭޝަން ވަނީ ފަށާފަ އެވެ. ޑެންމާކުން ވެސް ވަނީ މި ކަނޑުއޮޅި އަލުން ހުޅުވުމަށް އެހީތެރިވުމުގެ ގޮތުން، ފްރާންސާއި އިނގިރޭސިވިލާތުން އިސްނަގައިގެން ހިންގާ ބައިނަލްއަގުވާމީ މެރިޓައިމް މިޝަނެއްގައި ބައިވެރިވާނެކަން އިއުލާންކޮށްފަ އެވެ.

މި ދަނޑިވަޅުގައި، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއްޔެ ވިދާޅުވީ، ފަހުގެ އެއްބަސްވުމެއްގެ ދަށުން ވެސް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޓްރާންސިޓް ފީ ނެގުމުގެ ހުއްދަ އީރާނަށް ނުދެވޭނެ ކަމަށެވެ.

"މިއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަކުން ފީ ނުވަތަ ޓޯލް ނެގުމުގެ ހައްގު އެއްވެސް ގައުމަކަށް ލިބިގެންނެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

މި މަސައްކަތްތަކަށް ކުރިއެރުން ލިބެމުންދިޔަ ނަމަވެސް، އީރާނުގެ ޗީފް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ދުވަހަކު ވެސް ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ރުޖޫއަނުވާނެ ކަމަށެވެ. މިއިން ދޭހަކޮށްދެނީ ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުދަތުރުފަތުރުގެ މަގު ކުރިއަށް އޮތް ތަނުގައި މެނޭޖުކުރާނެ ގޮތަކާ މެދު ދެފަރާތުގެ މެދުގައި އަދިވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް