ގާޒާގެ ކޭމްޕެއްގައި ކުޑަކުއްޖަކު ބޭރު ބަލަނީ. (ފޮޓޯ/ރޮއިޓާސް)

ގާޒާ ހަނގުރާމަ

އިޒްރޭލުން ގާޒާގެ ކުޑަކުދިންނަށް އަމާޒުކޮށް ނަސްލު ނައްތާލުމުގެ އަމަލުތަކެއް ހިންގި: އދ.

އޮކްޓޯބަރު 2023 އިން އޮކްޓޯބަރު 2025ގެ ނިޔަލަށް ގާޒާގައި މަދުވެގެން 20,179 ކުޑަކުދިން މަރުވެފައިވާ ކަމަށާއި މިއީ ހަނގުރާމައިގައި ޖުމްލަ މަރުވި މީހުންގެ ގާތްގަނޑަކަށް %30 ކަމަށް ރިޕޯޓުން ދައްކާ
1 ގަޑިއިރު ކުރިން

އިޒްރޭލުގެ ކަމާބެހޭ އިދާރާތަކާއި ސަލާމަތީ ބާރުތަކުން ގާޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު ކުޑަކުދިންނަށް ގަސްތުގައި އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އދ.ގެ ތަހުގީގު ކޮމިޝަނަކުން ތުހުމަތުކޮށްފި އެވެ.

އެ އަމަލުތަކަކީ ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ އަދި ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކާ ބެހޭ އދ.ގެ މިނިވަން ބައިނަލްއަގުވާމީ ތަހުގީގު ކޮމިޝަނުން ނެރުނު މި ރިޕޯޓުގައި، އޮކްޓޯބަރު 2023ގައި އިޒްރޭލު-ހަމާސް ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ކުޑަކުދިންނަށް ކުރިމަތިވި އުދުވާންތައް ދިރާސާކޮށްފައިވެ އެވެ. އެގޮތުން، އޮކްޓޯބަރު 2023 އިން އޮކްޓޯބަރު 2025ގެ ނިޔަލަށް ގާޒާގައި މަދުވެގެން 20,179 ކުޑަކުދިން މަރުވެފައިވާ ކަމަށާއި މިއީ ހަނގުރާމައިގައި ޖުމްލަ މަރުވި މީހުންގެ ގާތްގަނޑަކަށް %30 ކަމަށް ރިޕޯޓުން ދައްކަ އެވެ.

"ލިބިފައިވާ ހެކިތަކުން އެނގެނީ ފަލަސްތީނުގެ ކުޑަކުދިންނަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ގަސްތުގައި އަމާޒުކޮށް މަރާފައިވާކަން،" ސްރިނިވަސަން މުރާލިދަރް ވިދާޅުވި އެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަކުދިން މަރުވި ނިސްބަތް މަތިވުމާއި މީހުން ގިނައިން އުޅޭ ސަރަހައްދުތަކުގައި ބާރުގަދަ ގޮވާތަކެތި ތަކުރާރުކޮށް ބޭނުންކޮށްފައި ހުރުމަކީ މި ހަމަލާތަކަކީ ގަސްތުގައި ދީފައިވާ ހަމަލާތަކެއްކަން އަންގައިދޭ ހެއްކެކެވެ.

މީގެ އިތުރުން، އިޒްރޭލުގެ ސިޔާސަތުތައް ކަމަށްވާ ތަކުރާރުކޮށް މީހުން ބޭރުކުރުމާއި އެހީ ފޯރުކޮށްދިނުން ހަނިކުރުމާ އަދި ސިއްހީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށާއި ހެދިބޮޑުވުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ކުޑަކުދިންގެ މެދުގައި ނަފްސާނީ ބަލިމަޑުކަން އާންމުވުމާއި ހަނގުރާމައާ ގުޅިގެން ބަނޑުންދުވާ މައިންގެ އަދަދު އިތުރުވެފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި، ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ހިންގާ ހަމަނުޖެހުންތައް އިތުރުވެފައިވާކަމާ އަދި ހައްޔަރުކުރާ ކުޑަކުދިންނަށް ބޭއަދަބީ ގޮތް ގޮތަށް އަނިޔާކުރުމާއި ތަޅައިގަތުމާއި ގަދަކަމުން އަންނައުނު ބޭލުވުމާއި އަދި ކާބޯތަކެތިން މަހުރޫމްކުރުން ފަދަ ނިޒާމީ ލާއިންސާނީ އަމަލުތައް ހިންގާކަން ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ. ކޮމިޝަނުން ނިންމާފައިވަނީ މިއީ އަނިޔާކުރުމާއި އިންސާނިއްޔަތެއް ނެތް އަމަލުތަކެއްގެ ގޮތުގަ އެވެ.

އިޒްރޭލުން ވަނީ މި ހޯދުންތައް ދޮގުކޮށް، އެއީ ހަގީގަތާ ހިލާފު ރިޕޯޓެއް ކަމަށާއި އަދި އަބުރު ގެއްލުވާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ބުނެފަ އެވެ. އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމައިގެ ހާލަތްތަކުގައި ވެސް ކުޑަކުދިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެ ގައުމުން އަބަދު ވެސް މަސައްކަތްކުރާ ކަމަށެވެ. އަދި ހަމާސްގެ އަމަލުތަކާއި އިޒްރޭލު ސިފައިންނަށް ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކަށް އދ.ގެ ތަހުގީގުން ފުރަގަސްދީފައިވާ ކަމަށް ތުހުމަތުކުރި އެވެ.

މި ރިޕޯޓަކީ މި ހަނގުރާމައާ ގުޅިގެން އދ. އިން ހިންގި ތަހުގީގުތަކުގެ ތެރެއިން އެންމެ ފަހުގެ ރިޕޯޓަށް ވާއިރު، މީގެ ސަބަބުން ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން އަމަލުކުރަމުންދާ ގޮތާ މެދު ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑުކިއުންތަކާއި ފިއްތުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް