އީރާނުގެ ވެރިރަށް ތެހެރާނުގެ މަގެއްގެ މަތިން ބަޔަކު ހިނގާފައި ދަނީ. (ފޮޓޯ/ރޮއިޓާސް)
'އީރާނުން ނިއުކްލިއާ ބެލެހެއްޓުންތަކަށް އެއްބަސް'؛ ތެހެރާނުން ދޮގުކޮށްފި
އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލަމުންދާ ސުލްހައިގެ އެއްބަސްވުމުގެ މުހިންމު ބައިތަކާ މެދު ދެ ގައުމުން މުޅިން ތަފާތު ވާހަކަތަކެއް އިއްޔެ ދައްކައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފުޅާ ދާއިރާއެއްގައި ބެލެހެއްޓުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، ތެހެރާނުން ވަނީ "މުސްތަގުބަލުގައި ވަރަށް ދިގު މުއްދަތަކަށް (ދާއިމަށް!!!) އެންމެ މަތީ ފަންތީގެ ނިއުކްލިއާ އިންސްޕެކްޝަންތަކަށް" އަމަލުކުރަން އެއްވަސްވެފަ އެވެ.
ނަމަވެސް، އީރާނުގެ އޮފިޝަލުން ވަނީ އެކަން ދޮގުކުރައްވާފަ އެވެ. އަދި ނިއުކްލިއާ މައްސަލަތަކާ މެދު އަދި މަޝްވަރާ ކުރެވިފައިނުވާ ކަމަށާއި އިންސްޕެކްޓަރުންނަށް އަލުން އެނބުރި އައުމުގެ ހުއްދަ ދޭން އެއްވެސް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް އީރާނުން ބުންޏެވެ.
މި ހިޔާލު ތަފާތުވުންތަކާ އެކު ވެސް ޓްރަމްޕް ހުންނެވީ އުންމީދީ ވިސްނުމެއްގަ އެވެ. އޭނާގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެންގެ ގުޅުން މިހާރު ވަރަށް ރަނގަޅު" ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅި ކުރިއަށް އޮތް ތަނުގައި ބަލަހައްޓާނެ ގޮތާއި ހިފަހައްޓާފައިވާ އީރާނުގެ މުދާ ބޭނުންކުރާނެ ގޮތާ އަދި ލުބުނާނުގައި އެއްބަސްވުން ތަންފީޒުކުރުމާ ބެހޭ ގޮތުން ވެސް ދެ ފަރާތުގެ މެދުގައި ހިޔާލު ތަފާތުވުންތައް އެބަހުއްޓެވެ.
މި އެއްބަސްވުމުގެ ސަބަބުން މި މުހިންމު ކަނޑުއޮޅިން އަލުން މުދާ އުފުލަން ފެށުނު ނަމަވެސް، އީރާނާއި އޮމާނުން ވަނީ އެ ކަނޑުއޮޅީގެ މައްޗަށް އެ ގައުމުތަކުގެ ސިޔާދަތީ ހައްގުތައް އޮތްކަން ހާމަކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އުޅަނދުތައް ދަތުރުފަތުރުކުރުމުގެ ކަންކަމާއި އެއާ ގުޅޭ ހަރަދުތައް މެނޭޖުކުރުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެ އެވެ.
މި ދަނޑިވަޅުގައި، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، ފަހުގެ އެއްބަސްވުމެއްގެ ދަށުން ވެސް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޓްރާންސިޓް ފީ ނެގުމުގެ ހުއްދަ އީރާނަށް ނުދެވޭނެ ކަމަށެވެ.
މި އެއްބަސްވުމުގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމުގެ އިތުރުން އީރާނަށް 300 ބިލިއަން ޑޮލަރުގެ އަލުން އާރާސްތުކުރުމުގެ ފަންޑެއް ގާއިމުކުރުން ހިމެނެ އެވެ.
ނަމަވެސް، ދޫކުރާ ފައިސާ ބޭނުންކުރާނެ ގޮތަކާ މެދު ދެ ގައުމުން އެއްބަހެއް ނުވެ އެވެ. ޓްރަމްޕް ވިދާޅުވީ އެ ފައިސާ ހަރަދުކުރަންޖެހޭނީ އެމެރިކާއިން ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ގަތުމަށް ކަމަށެވެ. އެކަމަކު އީރާނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަލީ ބަހްރައިނީ ވިދާޅުވީ، ފައިސާ ހަރަދުކުރާނެ އިސްކަންދޭނެ ކަންކަން ނިންމާނީ ތެހެރާނުން އަމިއްލައަށް ކަމަށެވެ.
އީރާނުގެ ހަނގުރާމައާ މެދު ކަންބޮޑުވުންތައް އިތުރުވެ، އެމެރިކާގެ ސެނެޓުން އީރާނާ ދެކޮޅަށް ކުރާ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއް ފާސްކުރުމާ ގުޅިގެން ޓްރަމްޕަށް އޮތް ސިޔާސީ ފިއްތުންތައް ވެސް ވަނީ ބޮޑުވެފަ އެވެ. ދާދި ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ ރައްޔިތުންގެ ތެރެއިން %35 މީހުން ގަބޫލުކުރަނީ ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު އީރާނުގެ ކުރިމަތީގައި އެމެރިކާ މިހާރު އޮތީ ބަލިކަށި ހާލަތެއްގަ އެވެ.
އަނެއްކޮޅުން، ސަރަހައްދީ ފުޅާ ސުލްހައެއް ގާއިމުކުރުމަށް މަޝްވަރާތައް ކުރިއަށްދާއިރު ވެސް، ލުބުނާނުގެ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށެވެ. އެގޮތުން އިޒްރޭލު ސިފައިންނާއި ހިޒްބުއްލޯއިން ދަނީ އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ހަމަލާ މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފުވާ ކަމުގެ ތުހުމަތުތައް ތަކުރާރުކުރަމުންނެވެ.
ކޮމެންޓް