ސްވިޒަލެންޑުގައި ބޭއްވި މަޝްވަރާތަކަށް ފަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރޮއިޓާސް)

އެމެރިކާއިން އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް 60 ދުވަހުގެ ލުޔެއް ދީފި

ސުވިޒަލޭންޑުގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނާއި ގަތަރުން ބުނެފައިވަނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ދެ ފަރާތުން މަގުޗާޓަކަށް އެއްބަސްވެފައިވާ ކަމަށް
1 ގަޑިއިރު ކުރިން

އެމެރިކާއިން އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް 60 ދުވަހުގެ މުހުލަތަކަށް އިއްޔެ ލުއިދީފި އެވެ.

މި ނިންމުން ނިންމާފައިވަނީ ސަރަހައްދީ ހަމަނުޖެހުންތަކަށް ފަހު ލުބުނާނުގައި އިއުލާންކުރި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ދެމިއޮތްކަމުގެ ނިޝާންތައް ފެންނަމުންދާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ލުޔާ އެކު އަންނަ 21 އޯގަސްޓުގެ ނިޔަލަށް އީރާނަށް ތެލާއި ތެލުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު މިދިޔަ ހަފުތާގައި ސޮއިކުރި ވަގުތީ އެއްބަސްވުމުގެ ދަށުން ދެވުނު ފުރަތަމަ ބޮޑު އިގްތިސާދީ ލުޔެވެ.

ސުވިޒަލޭންޑުގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނާއި ގަތަރުން ބުނެފައިވަނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ދެ ފަރާތުން މަގުޗާޓަކަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން، ލުބުނާނުގެ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށާއި ހޮރްމޫޒް ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ނިޒާމުތަކެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މި މަޝްވަރާތަކާ ގުޅޭ ގޮތުން ވިދާޅުވީ، ދާއިމީ އެއްބަސްވުމަކަށް ދިއުމަށްޓަކައި ވަރަށް ވަރުގަދަ ބިންގަލެއް އެޅިފައިވާ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއަ މަރުކަޒުތައް ބަލައި ފާސްކުރުމަށް އިންސްޕެކްޓަރުންނަށް ފުރުސަތު ދިނުމަށާއި ހިފަހައްޓާފައިވާ ފައިސާ އާއި ހަނގުރާމަ ހުއްޓާލުމާ ގުޅޭ ކަންކަމުގައި އެއްބާރުލުން ދިނުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ނިއުކްލިއަ މައްސަލަތަކާ ގުޅޭ ގޮތުން އަދި އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށާއި އެ ދާއިރާއިން އާ އިލްތިޒާމުތަކެއް އީރާނުން އުފުލާފައިނުވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ކުރިއެރުމަށް މަރުހަބާ ވިދާޅުވި ނަމަވެސް، އީރާނުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވި އެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ އާއި ހިފަހައްޓާފައިވާ ބައެއް ފައިސާ ދޫކުރުމުގެ އިތުރުން، ގައުމު އާރާސްތުކުރުމާއި ތަރައްގީގެ މަޝްރޫއުތައް ފެށުމުގެ ފުރުސަތު އީރާނަށް ވަނީ ފަހިވެފަ އެވެ.

މި ދަނޑިވަޅުގައި ލުބުނާނުގެ މަސްއޫލުވެރިން ވިދާޅުވަނީ، ހަމަނުޖެހުންތައް ފެށުނު ފަހުން މިހާރު ތަޖުރިބާ ކުރެވެމުންދަނީ އެންމެ އަމާން ދުވަސްތައް ކަމަށެވެ. ނަބަތިއްޔާގެ ހޮސްޕިޓަލެއްގެ ޑައިރެކްޓަރެއް ކަމަށްވާ ހަސަން ވަޒްނީ ވިދާޅުވީ، މިއީ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމެއް މިހާ ގިނަ ދުވަހު ދެމިއޮތް ފުރަތަމަ ފަހަރު ކަމަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި ސަރަހައްދީ ހަމަނުޖެހުންތައް ކުޑަވުމާ ގުޅިގެން، ބައިނަލްއަގްވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށްވާން ފަށާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް