ކޮކްރޯޗު ޕާޓީގެ މެމްބަރުން ނިއުދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދުގައި ދޮށުގައި އޮށޯވެގެން. (ފޮޓޯ/އަލްޖަޒީރާ)
އިންޑިއާގެ ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވަންދެން 'ކުރަފި' ހަރަކާތުގެ ބައިވެރިން މަގުމަތީގައި
އިންޑިއާގެ އިމްތިހާންތަކުގެ ނިޒާމުގައި ތަކުރާރުކޮށް ކަރުދާސް ލީކުވުމާއި ނިޒާމު ފެއިލްވަމުންދާ ކަމަށް ބުނެ، އެ ގައުމުގެ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް ގޮވާލައި ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)ގެ ޒުވާނުން ނިއުދިއްލީގައި ކޭމްޕްޖަހައި މުޒާހަރާ ކުރަން ފަށައިފި އެވެ.
މި ހަރަކާތަކީ އަބީޖީތު ދިޕްކޭ ނަމަކަށް ކިޔާ ޒުވާނަކު، ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި ސިފަކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި މަޖަލަކަށް ފެށި ކަމެކެވެ. ނަމަވެސް، މިހާރު މިއީ މުޅި އިންޑިއާއަށް ފެތުރިފައިވާ ބޮޑު ހަރަކާތަކަށް ބަދަލުވެ، އޮންލައިންކޮށް އެތައް މިލިއަން ބަޔަކު މީގައި ބައިވެރިވެ، އިންޑިއާގެ އެކި ސިޓީތަކުގައި ސަތޭކަ ފަރާތަކުން ދަނީ މުޒާހަރާ ކުރަމުންނެވެ.
ނިއުދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދުގައި ފުލުހުންގެ ފޯރިގަދަކޮށް، ކާބޯތަކެތި ލިބުން ދަތިކޮށްފައިވީ ނަމަވެސް، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް ވަނީ ދެކޮޅު ހަދާފަ އެވެ. މީގެ ތެރޭގައި ގިނައީ މެޑިކަލް ދާއިރާގެ އިމްތިހާނުގެ ކަރުދާސް ލީކުވުމާ ގުޅިގެން އިމްތިހާން ކެންސަލްކޮށް، އަލުން އިމްތިހާން ހަދަން ޖެހުމުން މާޔޫސްވެފައި ތިބި ދަރިވަރުންނެވެ.
"މިކަމުގެ ސަބަބުން އަހަރެންގެ އަޒުމް ބަލިކަށިވެއްޖެ. ދަރިވަރުން ނަފްސާނީ ބައްޔަށް ހުށަހެޅެމުންދާއިރު އެކަމާ އަޅާލާނެ މީހަކު ނެތް،" އަލުން އިމްތިހާން ހެދުމުގެ ބަދަލުގައި މުޒާހަރާގައި ބައިވެރިވި 18 އަހަރުގެ ދަރިވަރު ސަޗިން ކުމާރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި، މިހާރު އެ އިމްތިހާނުގެ އިންސާފުވެރިކަމަށް އޮތް އިތުބާރު ވަނީ ގެއްލިފަ އެވެ.
މި މުޒާހަރާތައް ކުރިއަށްދަނީ އިމްތިހާންތަކުގެ އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ފުރަތަމަ އިމްތިހާނާއި އަލުން ބޭއްވި އިމްތިހާނާ ދޭތެރޭގެ މުއްދަތުގައި، މާޔޫސްވެގެން 12އަށް ވުރެ ގިނަ ދަރިވަރުން އަމިއްލައަށް މަރުވެފައިވާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ފެންމަތިވެފަ އެވެ.
މި ހަރަކާތް ފެށި ދިޕްކޭ ބުނި ގޮތުގައި، ވަޒީރު އިސްތިއުފާ ދެއްވަންދެން މި ހަރަކާތް ކުރިއަށްދާނެ އެވެ.
"ސަރުކާރުން އަހަރެމެން ވަރުބަލިކޮށްލެވޭނެ ކަމަށް ހީކުރާ ނަމަ އެއީ ކުށްހީއެއް. އަހަރެމެން މިތަނުން ގުޑައެއް ނުލާނަން،" އޭނާ ބުންޏެވެ.
މި މުޒާހަރާތަކުން ރަމްޒުކޮށްދެނީ، އާބާދީގެ ދެބައިކުޅަ އެއްބައި 25 އަހަރުން ދަށުގެ ޒުވާނުން ކަމަށްވާ އިންޑިއާގައި، ތައުލީމީ ދާއިރާ އާއި ވަޒީފާގެ ފުރުސަތުތަކާ އަދި ސަރުކާރުގެ ޒިންމާދާރުކަން ކުޑަވުމާ މެދު ޒުވާނުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމެވެ.
ކޮމެންޓް