އީރާނުގެ ވެރިރަށް ތެހެރާނުގެ މަގެއްގެ މަތިން ބަޔަކު ހިނގާފައި ދަނީ. (ފޮޓޯ/ރޮއިޓާސް)

އެއްބަސްވުމުގައި އީރާނުގެ ތަރައްގީއަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ހިމެނޭ

މި ފަންޑަށް ބޭނުންވާ ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއް، އެމެރިކާ، ގަލްފްގެ ގައުމުތައް، އޭޝިއާ، ދެކުނު އެމެރިކާ އަދި އެފްރިކާގެ ކުންފުނިތަކުން މިހާރު ވެސް ވަނީ ދޭނެ ކަމުގެ ޔަގީންކަން ދީފައި
1 ގަޑިއިރު ކުރިން

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ނިންމުމަކަށް ގެނައުމަށްޓަކައި ދެ ގައުމުގެ މެދުގައި އެކުލަވާލި ފްރޭމްވޯކް އެއްބަސްވުމުގެ މައިގަނޑު ބަޔަކީ، އީރާނުގެ އިގްތިސާދީ ތަރައްގީއަށް އެހީވުމަށް ހުށަހަޅާފައިވާ 300 ބިލިއަން ޑޮލަރުގެ އަމިއްލަ އިންވެސްޓްމަންޓް ފަންޑެއް ކަމަށް މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ މަސްދަރަކުން ރޮއިޓާސްއަށް ބުނެފި އެވެ.

'ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ފަންޑް'ގެ ނަމުން ނަންދެވިފައިވާ މި ފަންޑުގެ ބޭނުމަކީ، ދެ ފަރާތުން ވެސް ފުޅާ ދާއިރާއެއްގައި ސުލްހައިގެ ފަހުގެ އެއްބަސްވުމެއް އެކުލަވާލުމަށް ހިތްވަރު ދިނުމެވެ. ހުށަހެޅިފައިވާ މި ފަންޑަށް ބޭނުންވާ ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއް، އެމެރިކާ، ގަލްފްގެ ގައުމުތައް، އޭޝިއާ، ދެކުނު އެމެރިކާ އަދި އެފްރިކާގެ ކުންފުނިތަކުން މިހާރު ވެސް ވަނީ ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. މި އިންވެސްޓްމަންޓްތައް އަމާޒުކުރެވިފައިވަނީ ހަކަތަ، ލޮޖިސްޓިކްސް، މުދާ އުފެއްދުން އަދި ދަތުރުފަތުރުގެ ދާއިރާތަކަށެވެ.

މިދިޔަ އާދިއްތަ ދުވަހު އިއުލާންކުރި މި އެއްބަސްވުމުގައި ހަމަލާތައް ހުއްޓާލުމާއި އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނައްތާލުމާ އަދި ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފިޔަވަޅުތައް ހިމެނެ އެވެ. މި އިންވެސްޓްމަންޓް ފަންޑަކީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި ގައުމުން ބޭރުގައި ހިފަހައްޓާފައިވާ އީރާނުގެ މުދާ ދޫކޮށްލުމާ ބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކާ މުޅިން ވަކިން ކުރިއަށްދާ ކަމެކެވެ.

"މި ފަންޑު އުފެއްދޭނީ ފަހުގެ އެއްބަސްވުމުގައި ސޮއިކުރުމުން އެކަނި،" މައުލޫމާތު ދިން ފަރާތުން ރޮއިޓާސްއަށް ބުންޏެވެ.

އެއްބަސްވުން ތަންފީޒުކުރުމަށް ލިބޭ 60 ދުވަހުގެ މުއްދަތުގެ ތެރޭގައި، ފަންޑު ބަލަހައްޓާ ފަރާތްތަކުން އީރާނުގެ ކަމާބެހޭ އިދާރާތަކާއި އިންވެސްޓަރުންނާ ގުޅިގެން މަޝްރޫއުތައް ރޭވުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

އީރާނުގެ ސަރުކާރުގެ އިސް މަސްދަރަކުން ބުނި ގޮތުގައި، ހަނގުރާމައިގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ތެހެރާނުން އެންމެ ފުރަތަމަ އެދުނީ 400 ބިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް، ސީދާ މާލީ ބަދަލު ދިނުމަށް ވޮޝިންޓަނުން ދެކޮޅުހެދުމުން، މި ހުށަހެޅުން އަމިއްލަ އިންވެސްޓްމަންޓްތައް ގެނެވޭނެ ނިޒާމަކަށް ބަދަލުކުރެވުނީ އެވެ.

ޓީވީ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، ގަލްފްގެ ގައުމުތަކުގެ އެހީތެރިކަމާ އެކު އުފައްދާ މި ފަންޑުގެ ބޭނުން އީރާނަށް ހިފޭނީ، ކުރިއަށް އޮތް އެއްބަސްވުމާ އެގައުމުން ފުރިހަމައަށް ބޯލަނބާ ނަމަ އެވެ. އެ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އުވާލުމާއި މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް ނައްތާލުމާ އަދި ހަރުކަށި އިންސްޕެކްޝަންތަކަށް ފުރުސަތު ދިނުން ޝަރުތުކުރެ އެވެ.

މި ހަފުތާގައި ސޮއިކުރާނެ ކަމަށް ބެލެވޭ އެމްއޯޔޫގެ ސަބަބުން، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ކުރެވޭނެ މަޝްވަރާތަކަށް މަގުފަހިވެގެންދާނެ އެވެ. އަދި ފަހުގެ އެއްބަސްވުމަކަށް އައުމުގެ ކުރިން، ނިއުކްލިއާ މައްސަލަ އާއި ދަތިކުރުމުގެ ފިޔަވަޅުތަކާ އަދި ސަރަހައްދީ ސަލާމަތާ ބެހޭ ކަންކަމުގައި ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ބާއްވާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް