ޒުވާނަކު ފޯނު ބޭނުންކުރަނީ. (ފޮޓޯ/ރޮއިޓާސް)
އިނގިރޭސިވިލާތުން ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ
އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށާއި ގޭމް ކުޅުމާއި ލައިވް-ސްޓްރީމިން ހިދުމަތްތަކަށް އާ ހުރަސްތަކެއް ކުރިމަތިކުރުވުމަށް ނިންމަވާފައިވާކަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރު ސްޓާމާ މިއަދު އިއުލާނުކުރައްވައިފި އެވެ.
މިއީ އޮންލައިން ރައްކާތެރިކަމުގެ ދާއިރާއިން ދުނިޔޭގައި މިހާތަނަށް ތައާރަފުކުރެވޭ އެންމެ ހަރުކަށި ގަވާއިދުތަކަށް ވެގެންދާނެ އެވެ.
މި ފިޔަވަޅުތައް ހިނގާނީ ޔޫޓިއުބް، ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ސްނެޕްޗެޓް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކަށެވެ. ނަމަވެސް ވަޓްސްއަޕް އަދި ސިގްނަލް ފަދަ މެސެޖުކުރާ އެޕްތައް އިސްތިސްނާވާނެ އެވެ.
މީގެ އިތުރުން، ރޭގަނޑު ވަގުތުތަކުގައި ބޭނުންނުކުރެވޭ ގޮތަށް 'ކާފިއު'އެއް ހިންގުމާއި 'އިންފިނިޓް ސްކްރޯލިން' ނުވަތަ މެދުނުކެނޑި ފޯނު ބެލުން ހުއްޓުވުމުގެ އިތުރުން، ނުދަންނަ މީހުންނާ މުއާމަލާތްކުރުން ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.
"މުޅިން މަނާކުރުމަކީ އެންމެ ރަނގަޅު ގޮތްކަން އަޅުގަނޑަށް ސާފުވޭ،" ސްޓާމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ ސަބަބުން ކުދިންނަށް އެ ކުދިންގެ ކުޑަކުދިންގެ ދުވަސްތައް އަނބުރާ ލިބި، އެ ކުދިންނަކީ ރައްކާތެރި އަދި އުފާވެރި ބަޔަކަށް ވެގެންދާނެ އެވެ.
މި ހުށަހެޅުންތަކަކީ އޮސްޓްރޭލިއާގައި މިހާރު އަމަލުކުރާ ގަވާއިދުތަކަށް ވުރެ ވެސް ހަރުކަށި ފިޔަވަޅުތަކެކެވެ. ސަބަބަކީ ގޭމް ކުޅޭ ޕްލެޓްފޯމްތަކާއި ލައިވް-ސްޓްރީމިން ހިދުމަތްތައް ވެސް މީގެ ތެރޭގައި ހިމެނޭތީ އެވެ.
މިކަން ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ސްޓާމާ ގަބޫލުކުރެއްވި ނަމަވެސް، އަންނަ އަހަރުގެ ކުރީކޮޅު އާ ގަވާއިދުތަކުގެ އެހީގައި މިކަން އަމަލީ ގޮތުން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްނޮލޮޖީ ކުންފުނިތަކާއި ބައެއް މާހިރުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޔޫޓިއުބް، ސްނެޕްޗެޓް އަދި މެޓާ ފަދަ ކުންފުނިތަކުން ބުނާ ގޮތުގައި، މިގޮތަށް މުޅިން މަނާކުރުމުން ކުޑަކުދިން ގަވާއިދެއް ނެތް އަދި ރައްކާތެރިކަން ކުޑަ އެހެން ޕްލެޓްފޯމްތަކަކަށް ހިޖުރަކުރުމުގެ ފުރުސަތު ބޮޑެވެ.
ހަމަ އެއާ އެކު، ދިރާސާވެރިއެއް ކަމަށްވާ އެމީ އޯބެން ފާހަގަކުރެއްވި ގޮތުގައި، އޮސްޓްރޭލިއާގެ ތަޖުރިބާއަށް ބަލާއިރު، ހުރަސްތައް ހުރި ނަމަވެސް ގިނަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރަމުން ދެއެވެ. ނަމަވެސް، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި، މި ހުށަހެޅުންތަކަކީ ކުޑަކުދިންގެ ސިއްހަތު އަދި ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ މެދު އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، އޮންލައިން ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުން އަންނަ ފުޅާ މަސައްކަތްތަކުގެ ބައެކެވެ.
ކޮމެންޓް