ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ-އީރާން ސުލްހައިގެ އެއްބަސްވުމަކަށް؛ ސޮއިކުރުން އަންނަ ހުކުރުގައި

ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ފުޅާ ދާއިރާއެއްގެ މަޝްވަރާތައް، 60 ދުވަހުގެ ސުލްހައިގެ މުއްދަތުގެ ތެރޭގައި ކުރިއަށްދާނެ
1 ގަޑިއިރު ކުރިން

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އިބްތިދާއީ އެއްބަސްވުމަކަށް އައިސް، ރަސްމީކޮށް ސޮއިކުރުން އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފި އެވެ.

ފާއިތުވި ތިން މަސްދުވަހު ހިނގަމުންދިޔަ ކުރިމަތިލުންތަކަށް ނިމުމެއް ގެނައުމަށާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި އީރާނަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް ނައްތާލުމަށް އަމާޒުކޮށް، ދެ ގައުމުން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑްގަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، މެދުވެރިއެއްގެ ދައުރު އަދާކުރައްވައިގެން ކުރިއަށްގެންދިޔަ މަސައްކަތްތަކުން ކާމިޔާބު އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ އީރާނާ އެކު ވެވޭ އެއްބަސްވުމުގެ ކަންކަން މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.

ދެ ފަރާތުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިރެއިން ފެށިގެން ލުބުނާން ހިމެނޭހެން ހުރިހާ މައިދާންތަކެއްގައި އަސްކަރީ ހަރަކާތްތައް ހުއްޓާލާނެ އެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބްއާބާދީ ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ފުޅާ ދާއިރާއެއްގެ މަޝްވަރާތައް، 60 ދުވަހުގެ ސުލްހައިގެ މުއްދަތުގެ ތެރޭގައި ކުރިއަށްދާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގެ މައި މަގު ކަމަށްވާ އަދި އީރާނުން ބަންދުކޮށްފައި އޮތް ހޮރްމޫޒް ކަނޑުއޮޅި އަންނަ ހުކުރު ދުވަހު ހުޅުވާލާނެ އެވެ.

"ދުނިޔޭގެ އުޅަނދުފަހަރުތަކާއި އެ އުޅަނދުތަކުގެ އިންޖީނުތައް ޖައްސާ. ތެޔޮ ދައުރުވާން ދޫކޮށްލާ،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

މި އިއުލާނާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ބްރެންޓް ކުރޫޑާއި އެމެރިކާގެ ކުރޫޑްގެ އަގު ވަނީ %4އަށް ވުރެ ބޮޑަށް ވެއްޓިފަ އެވެ.

މި އެއްބަސްވުމުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މުސްތަގްބަލާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ވޮޝިންޓަނުން ބާރުއަޅަމުންދަނީ ކުރިއަށް އޮތް މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އުވާލުމަށާއި މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެ ގައުމުން ބޭރުކުރުމަށެވެ. ނަމަވެސް، ތެހެރާނުން ބުނަމުންދަނީ ބަދަލުކުރެވޭ އިންތިޒާމްތަކެއްގެ ދަށުން ނިއުކްލިއާ ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ.

މި އެއްބަސްވުމަށް އާދެވިފައި މިވަނީ، ހާއްސަކޮށް އީރާނާއި ލުބުނާން ހިމެނޭހެން އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައި އޮންނަތާ މަސްތަކެއް ފަހުންނެވެ.

އިޒްރޭލުން މި އެއްބަސްވުމަށް ރަސްމީކޮށް ތާއީދުކޮށްފައި ނުވާއިރު، ލުބްނާނުގައި ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅޭ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ "ވަރަށް އުނދަގޫ މީހެއް" ކަމަށް ޓްރަމްޕް ސިފަކުރެއްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދުނިޔޭގެ ލީޑަރުން ވަނީ މި ކުރިއެރުމަށް މަރުހަބާ ކިޔާފަ އެވެ. އިނގިރޭސިވިލާތް، ޖަރުމަނު، ފަރަންސޭސިވިލާތް އަދި އިޓަލީގެ ސަރުކާރުތަކުން ބުނެފައިވަނީ، އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ކޮންޓްރޯލްކުރާ މިންވަރު ކަށަވަރުވުމުން، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާ މެދު ވިސްނާނެ ކަމަށެވެ. އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާ ވިދާޅުވީ އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ލިބިގެން ނުވާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް