އިޒްރޭލުން ލުބްނާނަށް ދިން ހަމަލާއެއް. (ފޮޓޯ/ރޮއިޓާސް)

ލުބުނާން

ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައިވަނިކޮށް، އިޒްރޭލުން ލުބްނާނަށް ދިން ހަމަލާއަށް ޓްރަމްޕް ފާޑުވިދާޅުވެއްޖެ

މުޅި ސަރަހައްދަށް، ހާއްސަކޮށް ލުބުނާނަށް ސުލްހަ ގެނެސްދޭނެ އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ހަމަލާތައް ހުއްޓާލުމަށް އެ މަނިކުފާނު ގޮވާލެއްވި
1 ގަޑިއިރު ކުރިން

އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އިންޒާރު ދެއްވި ގޮތުގައި، މި ހަމަލާގެ ސަބަބުން އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ. ނަމަވެސް، އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ހެނދުނު ބެއިރޫތަށް ދިން ހަމަލާއަކީ ދީގެންވާނެ ހަމަލާއެއް ނޫން. ހާއްސަކޮށް އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކާ މިހާ ގާތްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ކަމެއް ހިނގައިގެން ނުވާނެ،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

މުޅި ސަރަހައްދަށް، ހާއްސަކޮށް ލުބުނާނަށް ސުލްހަ ގެނެސްދޭނެ އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ހަމަލާތައް ހުއްޓާލުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

އިޒްރޭލުން މި ހަމަލާ ދީފައިވަނީ ހިޒްބުއްލޯއިން އިޒްރޭލުގެ އުތުރު ސަރަހައްދަށް ތިން ހަމަލާއެއް ފޮނުވާލާފައިވާ ކަމަށް ބުނުމަށް ފަހު އެވެ. މީގެ ރައްދުގައި އިޒްރޭލް ސިފައިން ހަމަލާ އަމާޒުކުރީ ބެއިރޫތުގެ ދާހިޔާ ސަރަހައްދުގައި ހުރި ހިޒްބުއްލޯގެ މަރުކަޒުތަކަށް ކަމަށް އެ ގައުމުން ބުނެ އެވެ. ލުބުނާނުގެ ސިވިލް ޑިފެންސް އިދާރާތަކުން ބުނި ގޮތުގައި، މި ހަމަލާގައި ތިން މީހަކު ވަނީ ޝަހީދުވެފަ އެވެ.

އީރާނުގެ މަޖިލީހުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ގާލީބާފް ވަނީ ސުލްހައިގެ މަސައްކަތްތަކަށް އިޒްރޭލުން ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މި ހަމަލާއިން އެނގިގެންދަނީ އެމެރިކާގެ ވައުދުތައް ފުއްދުމުގެ "އިގްލާސްތެރިކަމާއި ގާބިލުކަން" ނެތް ކަމެވެ. ހަމަ އެއާ އެކު، ބެއިރޫތަށް ދިން ހަމަލާތަކަށް ރައްދު ނުދީ ދޫކޮށްނުލާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރީ އޮފިޝަލުން ވަނީ ދެއްވާފަ އެވެ.

މި ފަހަކަށް އައިސް އިތުރުވި ހަމަނުޖެހުންތަކުގެ ސަބަބުން، އެމެރިކާ އާއި އީރާނުގެ އެއްބަސްވުން ސޮއިކުރާނެ ތާރީހާ މެދު މިހާރު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ޓްރަމްޕާއި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، މި އެއްބަސްވުމުގައި މިއަދު ސޮއިކުރެވިދާނެ ކަމަށް އިޝާރާތް ކުރެއްވި ނަމަވެސް، އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ތެހެރާނުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެ ގައުމުން އަދިވެސް ދަނީ އެއްބަސްވުމުގެ އޮނިގަނޑު ދިރާސާ ކުރަމުންނެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ އެއްބަސްވުމުގެ ދެލިކޮޕީގައިވާ ގޮތުން، އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ބަދަލުގައި، އެމެރިކާއިން އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުން ހިމެނެ އެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން 60 ދުވަހުގެ މަޝްވަރާ މުއްދަތެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ދާއިމީ އެއްބަސްވުމަކަށް އާދެވެންދެން މިހާރު އޮތް ނިއުކްލިއާ ހާލަތު ދެމެހެއްޓުމަށް ތެހެރާނުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެމެރިކާއިން ބާރުއަޅަނީ މި މަރުހަލާގެ ނަތީޖާއަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް އުވާލުން ކަމުގައި ހެދުމަށެވެ.

ޓްރަމްޕް ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފަ އެވެ.

"ލުބުނާނުގެ އެއްވެސް ތަނަކަށް އިޒްރޭލުން ދެން ހަމަލާދީގެން ނުވާނެ. އަދި ހިޒްބުއްލޯ ހިމެނޭހެން އެހެން އެއްވެސް ފަރާތަކުން އިޒްރޭލަށް ހަމަލާދީގެން ވެސް ނުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އީރާނާއި ލުބުނާނުގެ ރައްޔިތުންނެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ހުރަސް އެޅި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އުފުލިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް