ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

ސުލްހައިގެ އެއްބަސްވުމާ ގާތްވެއްޖެ؛ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނެ: އީރާން

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ބެލެވޭ މި އެއްބަސްވުމުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ހުރަސްތައް ނައްތާލުން ހިމެނޭ
1 ގަޑިއިރު ކުރިން

އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށާއި، އޭގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، މަސްތަކަކަށް ދެމިގެންދިޔަ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް އެމެރިކާއާ އެކު އެކުލަވައިލާ އެއްބަސްވުން މިހާރު އޮތީ ވަރަށް ގާތުގަ އެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ބެލެވޭ މި އެއްބަސްވުމުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ހުރަސްތައް ނައްތާލުން ހިމެނެ އެވެ.

އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، އެއްބަސްވުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި މިކަން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށެވެ.

"މަޝްވަރާތަކުގެ ފަހު މަރުހަލާ ނިމުމާ އެކު، މި އެއްބަސްވުމުގައި ސޮއިކޮށް އިއުލާނު ކުރެވޭނެ. މިއީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމަކީ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމަށް ފަހު އެކުލަވައިލާ އެއްބަސްވުމެކެވެ. އެ ހަމަލާތަކަށްފަހު އީރާނުން ވަނީ އިޒްރޭލާއި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ހަމަލާދީ، ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހަނިކޮށްފަ އެވެ.

އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އީރާނުން ކަނޑުއޮޅި ހުޅުވާލުމުން، އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް އަޅާފައިވާ ހުރަސްތައް ނައްތާލާނެ އެވެ. މީގެ އިތުރުން، އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން 60 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަޝްވަރާތަކެއް ވެސް މި އެއްބަސްވުމުގެ ދަށުން ފެށިގެންދާނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ، ދޭން ރޭވި އަސްކަރީ ހަމަލާތައް ކެންސަލް ކުރެއްވީ މަޝްވަރާކުރާ ފަރާތްތަކުން "ވަރަށް ރަނގަޅު ހައްލެއް" ހޯދާފައިވާތީ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރެވިދާނެ ކަމަށެވެ. ނަމަވެސް، އީރާނުގެ މީޑިއާތަކުން ފަތުރަމުންދާ ބައެއް ތަފްސީލުތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

އެމެރިކާގެ އޮފިޝަލުން ހާމަކުރާ ގޮތުގައި، އީރާނަށް އިގްތިސާދީ މަންފާތައް ލިބޭނީ އެއްބަސްވުމާ އެއްގޮތަށް އީރާނުން އަމަލުކުރާ މިންވަރަށް ބަލާފަ އެވެ. އޭގެ ތެރޭގައި ނިއުކްލިއާ ހަރަކާތްތައް ހަނިކުރުމާއި ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުން ހިމެނެ އެވެ. ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއި ހިފަހައްޓާފައިވާ ފައިސާ ދޫކުރުން ކުރިއަށްދާނީ އެއްފަހަރާ ނޫން ކަމަށާއި އެއީ މަރުހަލާތަކަކަށް ބަހާލައިގެން ކުރާނެ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

އަރަގްޗީ ވިދާޅުވީ މި އެއްބަސްވުން މިހާރު އޮތީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އަތުގައި ކަމަށެވެ. އެ ކައުންސިލްގެ ތެރޭގައި އެކި ހިޔާލުތައް ހުރި ނަމަވެސް، ވަކި ގޮތަކަށް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީރާނުގެ އެންމެ ބޮޑު އިސްކަމަކީ އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހުރަސްތައް ނައްތާލުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުމުގައި ސަރަހައްދީ ސަލާމަތީ ކަންކަމަށް އަލިއަޅުވާލާނެ ކަމަށް ބެލެވުނު ނަމަވެސް، އިޒްރޭލާއި ލުބުނާނުގެ ހިޒްބުއްލޯއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅޭ އެއްވެސް މާއްދާއެއް މީގައި ހިމެނޭނެ ކަމާ މެދު އަދި ވަނީ ޝައްކު އުފެދިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް