ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

ފަޅުވެރިން މަރުވުމުން، ބޯޓުފަހަރަށްދޭ ހަމަލާތައް ހުއްޓާލުމަށް އިންޑިއާއިން އެމެރިކާއަށް ގޮވާލައިފި

މި ހާދިސާ ހިނގާފައި މިވަނީ ކުރިއަށް އޮތް ޖީ7 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށް
1 ގަޑިއިރު ކުރިން

މި ހަފުތާގެ ތެރޭގައި އިންޑިއާގެ ފަޅުވެރިން ތިބި ތިން ތެޔޮ ބޯޓަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން، އާގުބޯޓުފަހަރަށް ހަމަލާދިނުން ހުއްޓާލުމަށް އިންޑިއާއިން އެމެރިކާއަށް އިއްޔެ ގޮވާލައިފި އެވެ.

އޮމާންގެ ކަނޑުގެ ސަރަހައްދުން ދިން މި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާގައި އިންޑިއާގެ ތިން ފަޅުވެރިއަކު ވަނީ މަރުވެފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް އިއްޔެ ވިދާޅުވީ، މި ހަމަލާތަކުގެ ސަބަބުން އިންޑިއާއިން ނުހަނު ކަންބޮޑުވާ ކަމަށާއި މިކަމަށް ހާރިޖީ ގޮތުން ހައްލެއް ހޯދުމަށް ބާރުއަޅާ ކަމަށެވެ.

"މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދަށް ވީހާ ވެސް އަވަހަކަށް ސުލްހަވެރިކަމާއި ހަމަޖެހުން އައުމަށް އިންޑިއާއިން އެދޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

'ސެޓެބެލޯ' ނަމަކަށް ކިޔާ ތެޔޮ ބޯޓަށް ދިން ހަމަލާގައި އިންޑިއާގެ ތިން މީހަކު މަރުވުމާ ގުޅިގެން، އިންޑިއާގެ ނިއުދިއްލީގައި ހުންނަވާ އެމެރިކާގެ ޗާޖޭ ޑި އެފެއާޒް މިދިޔަ ބުދަ ދުވަހު ހާޒިރުކޮށް، އިންޑިއާގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެ ބޯޓަށް ހަމަލާދިނީ އެމެރިކާގެ އަސްކަރިއްޔާއިން ދިން އިރުޝާދުތަކަށް ނުކިޔަމަންތެރިވެ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް އީރާނުގެ ތެޔޮ އުފުލަން އުޅުމުންނެވެ.

ނަމަވެސް، އެ ބޯޓު ބަލަހައްޓާ ކުންފުނި، އައިއޯއެސް މެރިން އެފްޒެޑްއީން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެ ބޯޓާއި އީރާނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި މި ހާދިސާ މިނިވަން ބައިނަލްއަގުވާމީ ފަރާތަކުން ތަހުގީގުކުރުމަށް ވަނީ ގޮވާލާފަ އެވެ.

ބޯޓުގެ އިންޖީނު ރޫމުގައި އަލިފާން ރޯވެގެން ދިން އެހީގެ ސިގްނަލަކާ ގުޅިގެން އޮމާންގެ ކަނޑުގެ ސިފައިން ވަނީ އެ ބޯޓުގައި ތިބި އިންޑިއާގެ 21 ފަޅުވެރިއަކު ސަލާމަތްކޮށްފަ އެވެ.

އިންޑިއާގެ ޝިޕިން މިނިސްޓަރު ސަރުބާނަންދާ ސޮނޮވާލް ވަނީ މި ހާދިސާގައި މަރުވި ފަޅުވެރިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، މިއީ ކަނޑު ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ ކުރިއަށް އޮތް ޖީ7 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ސެންޓްކޮމްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އީރާނާ ގުޅުންހުރި ބޯޓުފަހަރު ހުއްޓުވުމަށް އެމެރިކާއިން އޭޕްރީލް މަހު ފެށި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 8 އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، 100އަށް ވުރެ ގިނަ އުޅަނދުގެ ދަތުރުގެ މިސްރާބު ވަނީ ބަދަލުކުރުވާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް