ވިއްސާރަ ދުވަހެއް. (ފޮޓޯ/އީޕީއޭ)

ގާ ހުދުވުން

އެލްނީނޯ ފެށިއްޖެ؛ ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ދާނެ

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން އެލްނީނޯ ކުރިމަތިވާ މިންވަރު އިތުރުވާކަން ކަށަވަރު ނުކުރެވުނު ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެލްނީނޯއިން ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ގޯސްވޭ
1 ގަޑިއިރު ކުރިން

ޕެސިފިކް ކަނޑުގެ ސަރަހައްދުގައި 'އެލްނީނޯ' ނުވަތަ ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ އަސަރުތައް ފެށިފައިވާކަން އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ރަސްމީކޮށް މިއަދު އިއުލާންކޮށްފިއެވެ.

ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި، މިއީ މިހާތަނަށް ރެކޯޑް ކުރެވޭ އެންމެ ވަރުގަދަ އެލްނީނޯއަށް ވެގެންދިއުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން ދުނިޔޭގެ ހޫނުމިން އާދަޔާހިލާފަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.

އެންއޯއޭއޭއިން ބުނި ގޮތުގައި، ޕެސިފިކް ކަނޑުގެ މެދުތެރެ އާއި އިރުމަތީ ސަރަހައްދުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ވަނީ އެލްނީނޯއެއްގެ ގޮތުގައި ބަލާ މިންގަނޑު ކަމަށްވާ 0.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި އަންނަ ނޮވެމްބަރު މަހާއި ޖެނުއަރީ މަހާ ދެމެދު މިއީ "ވަރަށް ވަރުގަދަ އެލްނީނޯ"އަކަށް ބަދަލުވުމުގެ %63 ފުރުސަތު އޮތް ކަމަށް އެ އިދާރާއިން ބުންޏެވެ.

މިއީ 1950 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު އެލްނީނޯގެ އަސަރުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.

މޫސުމީ މާހިރުން އިންޒާރު ދޭ ގޮތުގައި، މި ބަދަލުތައް އަންނަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ ދަނޑިވަޅެއްގަ އެވެ. އިނގިރޭސިވިލާތުގެ މެޓް އޮފީހުގެ ޕްރޮފެސަރު އެޑަމް ސްކައިފް ވިދާޅުވި ގޮތުގައި، މިފަހަރުގެ އެލްނީނޯ ކުރިމަތިވަނީ މިހާރު ވެސް ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ދަނޑިވަޅެއްގައި ކަމަށްވާތީ، މީގެ އަސަރުކުރާ ސަރަހައްދުތަކުގެ ހޫނުމިން ކުރިން ދުވަހަކު ވެސް ތަޖުރިބާނުކުރާ މިންވަރަކަށް އުފުލިގެންދާނެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ވަރުގަދަ އެލްނީނޯއެއްގެ ސަބަބުން އާންމުކޮށް ދުނިޔޭގެ ހޫނުމިން 0.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދެ އެވެ. އަދި މީގެ ސަބަބުން 2027 ވަނަ އަހަރަކީ ރެކޯޑް މިންވަރަކަށް ހޫނު އަހަރަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

އެލްނީނޯގެ އަސަރުތައް ސަރަހައްދުތަކަށް ކުރާ މިންވަރު ތަފާތުވި ނަމަވެސް، މިއީ ވަރުގަދަ ހާދިސާއަކަށް ވެއްޖެ ނަމަ ކުރާނެ ނޭދެވޭ އަސަރުތައް ބޮޑުވާނެ ކަމަށް އެންއޯއޭއޭއިން ބުންޏެވެ.

އެލްނީނޯގެ ސަބަބުން ދެކުނު އެމެރިކާ، އިރުމަތީ އެފްރިކާ އަދި އެމެރިކާގެ ދެކުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތްއިރު، އޮސްޓްރޭލިއާ، އިންޑޮނޭޝިއާ އަދި ސައުތު އެމެރިކާގެ އުތުރުގެ ސަރަހައްދުތަކުގައި ހަނަފަސްކަން އިތުރުވެ، އަލިފާން ރޯވުމުގެ ނުރައްކާ ބޮޑުވެ އެވެ. މީގެ އިތުރުން، ދުނިޔޭގެ ދަނޑުވެރިކަމަށާއި ކާބޯތަކެތީގެ ސަޕްލައިއަށް އަދި އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަތުވެދާނެ ކަމުގެ އިންޒާރު މާހިރުން ދެއްވަ އެވެ.

މޫސުމީ މި ބަދަލަކީ ކޮންމެ ދެ އަހަރަކުން ނުވަތަ ހަތް އަހަރަކުން އެއްފަހަރު ކުރިމަތިވާ ކަމެކެވެ. އާންމު ގޮތެއްގައި މީގެ އަސަރު ގާތްގަނޑަކަށް އަހަރަކަށް ދެމިގެންދެ އެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން އެލްނީނޯ ކުރިމަތިވާ މިންވަރު އިތުރުވާކަން ކަށަވަރު ނުކުރެވުނު ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެލްނީނޯއިން ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ގޯސްވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް