ސޯޝަލް މީޑިއާ އެޕްތަކެއް. (ފޮޓޯ/އޭއެފްޕީ)
ކެނެޑާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަނީ
އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށްޓަކައި، ރައްކާތެރިކަމުގެ ހަރުދަނާ މިންގަނޑުތަކަކަށް ފެތޭ ގޮތަށް ނޫނީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރުން މަނާވާނެ ބިލެއް ކެނެޑާ ސަރުކާރުން ހުށަހަޅައިފި އެވެ.
'ޑިޖިޓަލް ސޭފްޓީ އެކްޓް'ގެ ނަމުގައި ހުށަހެޅި މި ބިލުގެ ދަށުން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އޭއައި ޗެޓްބޮޓްތަކުން އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތައް ކަނޑައަޅައި ބަލަހައްޓާނެ އާ އިދާރާއެއް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ. މި އުސޫލުތަކާ ހިލާފުވާ ކުންފުނިތައް 10 މިލިއަން ކެނޭޑިއަން ޑޮލަރުން (ގާތްގަނޑަކަށް 7.2 މިލިއަން އެމެރިކާ ޑޮލަރު) ނުވަތަ އެ ކުންފުންޏެއްގެ މުޅި އަހަރީ އާމްދަނީގެ %3 އިން ޖޫރިމަނާ ކުރެވޭނެ އެވެ.
މި ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިންޓަނެޓްގެ ކަންކަމާ ގުޅޭ މިނިސްޓަރު މާކް މިލާ ވިދާޅުވީ، ކުޑަކުދިންގެ ރައްކާތެރިކަމަކީ އެންމެ ފަހުން ވިސްނަންޖެހޭ ނުވަތަ އިހުމާލުވެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސޯޝަލް މީޑިއާ އާއި އޭއައި ޗެޓްބޮޓްތަކަކީ ކުޑަކުދިންގެ ހެދިބޮޑުވުމަށް އެހީތެރިވެދޭ އެއްޗެއް ނޫން ކަމަށާއި އޭގެ ސަބަބުން ކުދިންގެ މެދުގައި ނަފްސާނީ ބަލިތަކާއި އެކަހެރިވުމާއި މާޔޫސްކަން ފަދަ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ގާނޫނުގެ ދަށުން، ޕްލެޓްފޯމްތަކުގައި ހުރި ނުރައްކާތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށާއި އުމުރާ ގުޅޭ ރައްކާތެރިކަމުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުންފުނިތަކަށް ލާޒިމުކުރެ އެވެ. މީގެ އިތުރުން، ނޭދެވޭ މުއާމަލާތްތައް ރިޕޯޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި މީހެއްގެ ނުރުހުމުގައި އާންމުކޮށްފައިވާ ޒާތީ ފޮޓޯ ނުވަތަ ވީޑިއޯ ފަދަ ތަކެތި ރިޕޯޓްކުރާތާ 24 ގަޑިއިރު ތެރޭގައި ނައްތާލަން ޖެހޭނެ އެވެ.
މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވާ ނުރައްކާތަކާ މެދު ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ކެނެޑާ ސަރުކާރުން ހާމަކުރި ގޮތުގައި، ޑިޖިޓަލް ހިދުމަތްތައް ކުރިއަރަމުންދާ ދުވެއްޔާއި މިންވަރާ އަޅާބަލާއިރު، އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައެއް ނުވެ އެވެ.
މި ބިލު ފާސްވުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭއިރު، އާ އިދާރާގެ މަސައްކަތްތައް ފެށޭނީ އޭގެ 18 މަސް ފަހުންނެވެ. ކެނެޑާގެ އިތުރުން އޮސްޓްރޭލިއާ، ފްރާންސް، ޑެންމާކް، ޕޮލެންޑް އަދި ގްރީސް ފަދަ ގައުމުތަކުން ވެސް ދަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަރުކަށި ކުރުމަށް މިފަދަ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް