ތެޔޮ އުފައްދާ ކާރުހާނާއެއް. (ފޮޓޯ/ރޮއިޓާސް)

ހަމަލާތަކާ ގުޅިގެން ހޮރްމޫޒް އެއްކޮށް ބަންދުކުރިކަން އީރާނުން އިއުލާނުކުރުމާ އެކު ތެލުގެ އަގު އުފުލިއްޖެ

އީރާނުގެ އަސްކަރީ ކޮމާންޑުން ބުނި ގޮތުގައި، ތެޔޮ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފައި؛ އެ ސަރަހައްދުން ދަތުރުކުރަން އުޅޭ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައި
1 ގަޑިއިރު ކުރިން

އީރާނުގެ އަމާޒުތަކަށް އެމެރިކާއިން ރޭ އަނެއްކާވެސް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ހަކަތަ ސަޕްލައިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން އިއުލާނުކުރުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

ބްރެންޓް ކްރޫޑްގެ އަގު ފީފާއަކަށް 2.30 ޑޮލަރު ނުވަތަ %2.47 މައްޗަށް ގޮސް، އަގު ވަނީ 95.40 ޑޮލަރަށް އަރާފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކްރޫޑްގެ އަގު ފީފާއަކަށް 2.60 ޑޮލަރު ނުވަތަ %2.89 މައްޗަށް ގޮސް، 92.63 ޑޮލަރަށް ވަނީ އުފުލިފަ އެވެ. މާކެޓް ހުޅުވުނު ވަގުތު މި ދެ ބާވަތުގެ ތެލުގެ އަގު ވެސް 3 ޑޮލަރަށް ވުރެ ބޮޑަށް އުފުލިފައިވާކަން ފާހަގަކުރެވެ އެވެ.

އީރާނުގެ އަސްކަރީ ކޮމާންޑުން ރޭ ބުނި ގޮތުގައި، ތެޔޮ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި އެ ސަރަހައްދުން ދަތުރުކުރަން އުޅޭ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފަ އެވެ. ދުނިޔޭގައި އުފައްދާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.

ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ވިޔަފާރި އުޅަނދުފަހަރު އަދިވެސް އެ ކަނޑުއޮޅިން ދަތުރުކުރަމުންދާ ކަމަށެވެ. އަދި އީރާނުގެ މިސައިލް ނުވަތަ ޑްރޯން ހަމަލާއެއް އެމެރިކާގެ މަނަވަރަކަށް އަމާޒުވި ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާއިން ވަނީ ދޮގުކޮށްފަ އެވެ.

ބާޒާރަށް މި ބަދަލު އައިސްފައިވަނީ، އީރާނުގެ އެކި އަމާޒުތަކަށް އެމެރިކާގެ ސިފައިން އިތުރު ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވެ، އޭޕްރިލް މަހު އެއްބަސްވި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން އުވިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ތެލުގެ އަގު އުފުލުމަށް ބާރުލިބުނު އަނެއް ސަބަބަކީ، މި މަހު 5ގެ ނިޔަލަށް އެމެރިކާގެ ތެލުގެ ރިޒާވްއިން 7.2 މިލިއަން ފީފާ މަދުވެފައިވާ ކަމަށް އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ރިޕޯޓްކުރުމެވެ. މިއީ މާހިރުން ލަފާކުރި 4 މިލިއަން ފީފާއަށް ވުރެ މާ އިތުރު އަދަދެކެވެ.

މިދިޔަ 28 ފެބްރުއަރީގައި ހަމަނުޖެހުންތައް ފެށުނު ފަހުން، ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ސަޕްލައިއަށް ކުރިމަތިވި ހުރަސްތައް ހައްލުކުރުމަށް އެމެރިކާއިން އުފައްދާ ތެލުގެ މިންވަރު އިތުރުކޮށްފައިވާއިރު، އެ ގައުމުގެ ޖުމްލަ ތެޔޮ ރިޒާވް މިހާތަނަށް ވަނީ 79 މިލިއަން ފީފާއަށް ދަށްވެފަ އެވެ.

މި ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާ މެދު އާ ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، ދުނިޔޭގެ އެންމެ މުހިންމު އެއް ތެޔޮ މަގަށް ދިގު މުއްދަތަކަށް ބުރޫއެރުމުން އިގްތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް