އީރާނުގެ ވެރިރަށް ތެހެރާނުގެ މަގެއްގެ މަތިން ބަޔަކު ހިނގާފައި ދަނީ. (ފޮޓޯ/ރޮއިޓާސް)

އެމެރިކާގެ ހަމަލާތަކާ އެކު ގަލްފުގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފި

އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނުން ފޮނުވާލި ގާތްގަނޑަކަށް ހުރިހާ މިސައިލްތަކާއި ޑްރޯންތައް ވަނީ ހުއްޓުވާފައި
1 ގަޑިއިރު ކުރިން

ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ރޭ ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށާއި ގަލްފުގެ އެކި ސަރަހައްދުތަކުގައިވާ އެމެރިކާގެ 21 އަމާޒަކަށް މިއަދު ހަމަލާދީފައިވާނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ން ބުނެފި އެވެ.

މި ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެގެން ދިޔައީ، އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް އިއްޔެ ވައްޓާލުމާ ގުޅިގެން ދިން ރައްދެއްގެ ގޮތުގައި ބުނެ، ސްޓްރެޓީޖިކް ގޮތުން މުހިންމު އެ ސަރަހައްދުގައި ހުރި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ސަވައިލަންސް ރާޑަރުތަކަށާއި ގްރައުންޑް ކޮންޓްރޯލް ސްޓޭޝަންތަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައްދު ވާންޖެހޭނީ ވަރަށް ވަރުގަދަކޮށް ކަމަށާއި މިހާރު ފެނިގެންދަނީ އެފަދަ ވަރުގަދަ ރައްދެއް ކަމަށެވެ.

އުރުދުންގައި އެމެރިކާއިން ބޭނުންކުރާ އަލް-އަޒްރަގް އެއާބޭސްގެ ހަތަރު ތަނަކަށް، އޭގެ ތެރޭގައި އެއާކްރާފްޓް ހެންގަރުތަކާއި ކޮމާންޑް ސެންޓަރެއް ހިމެނޭހެން، ދުރު ރާސްތާގެ މިސައިލުން ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުނެފައިވެ އެވެ.

އެމެރިކާއިން އިތުރު ހަމަލާއެއް ދީފި ނަމަ، ފުނޑުފުނޑުކޮށްލަނިވި ވަރުގަދަ ރައްދެއް ދޭން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފަ އެވެ.

ނަމަވެސް އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ފޮނުވާލި ފަސް މިސައިލެއް ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާވެ ނުވަތަ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، ކުވައިތާއި ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދިން ކަމަށް ވެސް އީރާނުން ބުނެފައިވެ އެވެ. ކުވައިތާއި ބަހްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނީ ވައިގެ ދިފާއީ ނިޒާމުން އެ ހަމަލާތައް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނުން ފޮނުވާލި ގާތްގަނޑަކަށް ހުރިހާ މިސައިލްތަކާއި ޑްރޯންތައް ވަނީ ހުއްޓުވާފަ އެވެ. އަދި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހު ހަމަލާ ބަދަލުކުރުން މެދުކަނޑާލި ފަހުން ހިނގި މި ކުރިމަތިލުމަކީ ދެ ގައުމުގެ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހަމަލާ ބަދަލުކުރުމެވެ. މީގެ ސަބަބުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު ފުޅާ ދާއިރާއެއްގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިންޒާރު ދެއްވި ގޮތުގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތަކަށް އެކި ހާދިސާތަކާއި ކުރިމަތިލުންތަކުގެ ނުރައްކާ އެބައޮތެވެ. އަދި މި ނުރައްކާ ކުޑަކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެ ފައުޖުތައް އެ ސަރަހައްދު ދޫކޮށް ދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއި ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަދި ހޮރްމޫޒް ކަނޑުއޮޅީގެ މުސްތަގުބަލާ ގުޅޭ ގޮތުން ކުރެވޭ މަޝްވަރާތައް ވަނީ މަޑުޖެހިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް