ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމުން، އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދީފި

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބަހްރޭންގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައި
1 ގަޑިއިރު ކުރިން

ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް އީރާނުން އިއްޔެ ވައްޓާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެމެރިކާ ސިފައިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ރޭ ދީފި އެވެ.

މި ހާދިސާއާ ގުޅިގެން ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

އެމެރިކާގެ މަރުކަޒީ ކޮމާންޑުން ހާމަކުރި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ކޮންޓްރޯލް ސްޓޭޝަންތަކުގެ އިތުރުން ރޭޑާރު ސައިޓްތަކަށެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާއަށާއި މުދާ އުފުލާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކަށް ދެވުނު އެކަށީގެންވާ ރައްދެއް ކަމަށް އެމެރިކާއިން ސިފަކުރެ އެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުގެ އަމަލުތަކަށް ދޭންޖެހޭ ރައްދު ވާންޖެހޭނީ ވަރަށް ވަރުގަދަ އަދި ނުފޫޒުގަދަ ރައްދަކަށް ކަމަށާއި މިހާރު ދެވުނު ހަމަލާއަކީ އެފަދަ ހަމަލާއެއް ކަމަށެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިޝްމް ޖަޒީރާއަށާއި ސިރީކް ބަނދަރުމަތީ ސިޓީއަށް ހަމަލާތަކެއް ވަނީ އަރާފަ އެވެ. މީގެ އިތުރުން ބަންދަރު އައްބާސް އަދި ޖާސްކް ކައިރިންވެސް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެ އެވެ.

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބަހްރޭންގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފަ އެވެ. އަދި ހަމަލާތައް ކުރިއަށްދާ ނަމަ މިއަށް ވުރެ ވަރުގަދަ ރައްދެއް ދޭނޭ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފަ އެވެ.

ހެލިކޮޕްޓަރު ވައްޓާލި ހާދިސާއަކީ "އެހާ ބޮޑު ކަމެއް ނޫން" ކަމަށާއި ދެ ޕައިލެޓްގެ ހާލު ރަނގަޅު ކަމަށް ފަހުން ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އީރާނަށް ދޭ އެއްވެސް ހަމަލާއެއް ނުވަތަ ކުރިމަތިކުރާ އެއްވެސް ބިރުދެއްކުމެއް ރައްދެއް ނުދީ ދޫކޮށްނުލާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ކުރިމަތިލުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި މައްސަލަ ހައްލުކުރުމަށް ކުރެވޭ މަޝްވަރާތަކަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ %1 އުފުލިފަ އެވެ.

ހަމަ އެއާ އެކު، ލުބްނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޓައިރާއަށް އިޒްރޭލުން އިއްޔެ ދިން ހަމަލާތަކެއްގައި މަދުވެގެން އަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. މިއީ މުޅި ސަރަހައްދުގައި އޮތް ނުތަނަވަސްކަން ހާމަކޮށްދޭ ކަމެއް ކަމަށާއި ވޮޝިންޓަނާ އެކު އެއްވެސް އެއްބަސްވުމަކަށް އައުމުގެ ކުރިން މިފަދަ މައްސަލަތަކަށް ހައްލެއް ހޯދަންޖެހޭނެ ކަމަށް އީރާނުން ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް