އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓްހައުސްގައި ބައްދަލުކުރައްވަނީ. (ފޮޓޯ/އޭއެފްޕީ)

ޓްރަމްޕް ނަތަންޔާހޫއަށް: ހަމަލާތައް ދޭ ނަމަ އިޒްރޭލު އެކަނިވާނެ

ނަތަންޔާހޫ އިޒްރޭލުގެ އަމަލުތައް ދިފާއުކުރައްވަމުން ވިދާޅުވީ، އެ ގައުމަށް އަމިއްލަ ދިފާއުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށާއި އީރާނުން އަލުން ދޭ ކޮންމެ ހަމަލާއަކަށް ފުރިހަމަ ބާރާ އެކު ރައްދުދޭނެ ކަމަށް
9 ޖޫން 2026

އެމެރިކާ-އިޒްރޭލު އަދި އީރާނުން އޭޕްރީލް މަހު އެކުލަވާލި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް ފަހު ދެ ފަރާތުގެ މެދުގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުންތަކަށް ފަހު ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ދެ ގައުމުން އިއްޔެ އެއްބަސްވެފައިވަނިކޮށް، އީރާނާ އެކު ފުޅާ ދާއިރާއެއްގައި އަލުން ހަނގުރާމައެއް ފަށައިފި ނަމަ އިޒްރޭލު "ވަރަށް އަވަހަށް އެކަނިވެދާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދެއްވައިފި އެވެ.

މި ފަހަރުގެ ހަމަނުޖެހުންތައް ފެށުނީ އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާތަކަކާ ގުޅިގެން، އީރާނުން އިޒްރޭލުގެ އުތުރަށް މިސައިލް ހަމަލާތަކެއް ފޮނުވާލުމުންނެވެ. ބަދަލު ނުހިފުމަށް ޓްރަމްޕް ނަތަންޔާހޫއަށް އިލްތިމާސްކުރެއްވި ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވަނިކޮށް ވެސް، އިޒްރޭލުން ވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ޕެޓްރޯކެމިކަލް ކާރުހާނާއަކަށް ހަމަލާދީފަ އެވެ.

އީރާނުން މިއަށް ރައްދުދިނީ ހައިފާގައި ހުރި މަރުކަޒުތަކަށާއި އިޒްރޭލުގެ ދެ ވައިގެ މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީގެންނެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

'އެކްސިއޯސް' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިތުރަށް މަސްރަހު ގޯސްނުކުރުމަށް ނަތަންޔާހޫއަށް އިންޒާރު ދެއްވާފައިވާނެ ކަމަށާ އަދި ދެ ފަރާތުން ވެސް ހަމަލާދިނުން ހުއްޓާލުމަށް އިލްތިމާސްކުރެއްވި ކަމަށެވެ. ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "ޖާހިލުކަމާއި މޮޔަކަން ހުރަހަކަށް ނުވާ ނަމަ،" ފަހުގެ މަޝްވަރާތައް ދަނީ ކުރިއަށް ކަމަށެވެ.

ނަތަންޔާހޫ އިޒްރޭލުގެ އަމަލުތައް ދިފާއުކުރައްވަމުން ވިދާޅުވީ، އެ ގައުމަށް އަމިއްލަ ދިފާއުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށާއި އީރާނުން އަލުން ދޭ ކޮންމެ ހަމަލާއަކަށް ފުރިހަމަ ބާރާ އެކު ރައްދުދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ވޮޝިންޓަނަށް ކަނޑައަޅާފައި ހުންނަ އިޒްރޭލުގެ ސަފީރު ޔެޗިއެލް ލެއިޓާ، ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ވިދާޅުވީ "ބައެއް ފަހަރު، ލޯބިވެރިންގެ މެދުގައި ވެސް ދެބަސްވުންތައް ހިނގާނެ" ކަމަށެވެ.

އީރާނުން މި ހަމަނުޖެހުންތަކުގެ ޒިންމާ ވޮޝިންޓަންގެ ބޮލުގައި އަޅުވާފައިވާއިރު، އެ ގައުމުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފުވާ ކޮންމެ ކަމަކަށް އެމެރިކާ ސީދާ ޒިންމާވާންޖެހޭނެ ކަމަށެވެ. ނަމަވެސް، ޕާކިސްތާނު މެދުވެރިވެގެން ވޮޝިންޓަނާ އެކު ކުރެވޭ މަޝްވަރާތައް ކުރިއަށްދާކަން އީރާނުގެ އޮފިޝަލުން ކަށަވަރުކޮށްދެއްވި އެވެ. އަދި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ފާޅުކުރެއްވި އެވެ.

މި ދަނޑިވަޅުގައި ވެސް، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި 14 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް ހުރި ގޮންޖެހުންތައް ހާމަކޮށްދޭ ކަމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް