އިޒްރޭލުގެ ބާރުގެ ދަށުގައި އޮންނަ ހުޅަނގު އައްސޭރީގެ ރާމައްލޯ ކައިރީގައި ފަލަސްތީނުގެ ދިދަތަކުގެ ފުރަގަހުގައި އިޒުރޭލުގެ ދިދައެއް ވިހުރުވާލަނީ.
ފަލަސްތީނުގެ 7 މަހުގެ ކުއްޖަކު މަރާލި މައްސަލަ އިޒްރޭލުން ބަލަނީ
އިޒުރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިންގެ މީހަކު ފަލަސްތީނުގެ 7 މަހުގެ ތުއްތު ކުއްޖަކު މަރާލި މައްސަލަ އެ ގައުމުގެ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޔުނިޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް އިޒުރޭލުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން މިދިޔަ ހުކުރު ދުވަހު، އެ މީހުން ދަތުރު ކުރި ކާރަށް ދިން ބަޑީގެ ހަމަލާއެއްގައި 7 މަހުގެ ސޭމް ފަހުދު އަބޫ ހައިކަލް މަރާލައި އޭނާގެ މައިންބަފައިން ވެސް ޒަހަމްވެފައިވާ ކަމަށް އަސްކަރިއްޔާ އިން ވަނީ އެއްބަސްވެފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ފުރަތަމަ ތަހުލީލުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިލިޓަރީ ޕޮލިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޝަނުން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ.
އެ ރިޕޯޓު ނިންމުމުން އެ ހޯދުންތައް މިލިޓަރީ އެޑްވޮކޭޓް ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ބާރު ސްޕީޑުގައި ސިފައިންނާ ދިމާއަށް ދުއްވާފައި ދިޔަ ކާރަކަށް ސިފައިންގެ މީހަކު ބަޑިން ހަމަލާދީފައިވާ ކަމަށެވެ.
ހުޅަނގު އައްސޭރީގެ ހެބްރޮން ސިޓީ ކައިރީގައި އޮންނަ ތެލް ރުމައިދާ ސަރަހައްދުގައި ކާރު ދުއްވަމުން ދިޔަ ކުއްޖާގެ ބައްޕަ ފަތުދު އަބޫ ހައިކަލް ބުނި ގޮތުގައި، މަގުމަތިން ސިފައިން ތިބި މަންޒަރު ފެނުމުން އޭނާ ކާރު މަޑުކުރި އެވެ. އަދި 10 މީޓަރު ދުރުގައި ހުރި ސިފައިންގެ މީހަކު ވިންޑްސްކްރީނުން ބަޑިން ހަމަލާދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޮމެންޓް