ފިލިޕީންސްއަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ އިމާރާތްތަކެއް. (ފޮޓޯ/އޭޕީ)
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް؛ އެ ސަރަހައްދަށް ސުނާމީގެ އިންޒާރު
މިއަދު ހެނދުނުގެ ވަގުތެއްގައި ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯގެ އައްސޭރިފަށަށް 7.8ގެ ބާރުގަދަ ބިންހެލުމެއް އައިސް، ބޮޑެތި ގެއްލުންތަކެއްވެ، އިމާރާތްތައް ވެއްޓި، އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 7:40 ހާއިރު އެވެ. އަދި ބިންހެލުމަށް ފަހު އެއް ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން ލޮޅުންތައް އަރަމުންދިޔަ އެވެ.
ޖެނެރަލް ސަންޓޯސް ސިޓީގައި ހުންނަ 'ޖޮލިބީ' ރެސްޓޯރެންޓް ހިންގާ ތިން ބުރީގެ އިމާރާތެއް މުޅިން ވެއްޓިފައިވާއިރު، އެހެން ބައެއް އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ފުރާޅުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ސޮކްސްކްސާޖެން ސަރަހައްދުގެ ބައެއް ހިސާބުތަކަށް ބިންހެލުމުގެ ބާރުގަދަމިން ހުރީ 10 އަކުން 7ގަ އެވެ. މިއީ ވަރަށް ބާރުގަދަ މިންވަރެކެވެ. މި ހާދިސާގައި މީހުންނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ވިދާޅުވީ، ކާރިސާތަކާ ބެހޭ އެމަޖެންސީ އިދާރާތައް މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
"ސުނާމީގެ އިންޒާރަށް ސަމާލުކަންދީ. މިހާރުން މިހާރަށް އުސް ބިންތަކަށް ބަދަލުވޭ. އިންތިޒާރު ނުކުރައްވާ. ތިޔަބޭފުޅުންގެ ފުރާނަ، ދޫކޮށްލާފައިދާ ކޮންމެ އެއްޗަކަށް ވުރެ މާ މުހިންމު،" ރައީސް ވިދާޅުވި އެވެ.
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން އިންޒާރު ދީފައިވާ ގޮތުގައި، ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް 3 މީޓަރާ ގާތްކުރާ ބޮޑެތި ރާޅުތަކެއް އެރުން އެކަށީގެންވެ އެވެ. އަދި އިންޑޮނޭޝިއާ އާއި މެލޭޝިއާއަށް ކުދި ރާޅުތަކެއް އެރުން އެކަށީގެންވެ އެވެ. މީގެ އިތުރުން، އިންޑޮނޭޝިއާ، ޖަޕާން، ޓައިވާން، ޕަޕުއާ ނިއު ގިނީ އަދި ޕެސިފިކް ކަނޑުގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް ސުނާމީގެ އިންޒާރު ނެރެ، މީހުން ހުސްކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ ފިލިޕީންސްގެ ބައެއް ޕްރޮވިންސްތަކުގެ ރައްޔިތުން އެއްގަމަށް ނުވަތަ އުސް ބިންތަކަށް ބަދަލުވުމަށް އަމުރުކޮށްފަ އެވެ. އަދި ކަނޑު ބޯޓުފަހަރު ގެންގުޅޭ ފަރާތްތަކުން ބޯޓުތައް ރައްކާތެރިކަމާ އެކު ބަނދަރުކުރުމަށާއި ވަކި ގޮތެއް އަންގަންދެން އައްސޭރިފަށާ ދުރަށް ޖެހިލުމަށް ވަނީ ލަފާދީފަ އެވެ.
ކޮމެންޓް