އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލެއް އިޒްރޭލަށް ވެއްޓިފައި. (ފޮޓޯ/ރޮއިޓާސް)

ކެތްތެރިވުމަށް ޓްރަމްޕް ގޮވާލެއްވިޔަސް އިޒްރޭލުން އީރާނަށް ހަމަލާދީފި

އަލުން ހަމަލާތައް ވަރުގަދަވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އުފުލިފަ އެވެ. އެގޮތުން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 96 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައި
1 ގަޑިއިރު ކުރިން

އިތުރަށް މަސްރަހު ގޯސްނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ރޭ އިލްތިމާސްކުރެއްވިޔަސް، އިޒްރޭލުން އީރާނުގެ ހުޅަނގާއި މެދުތެރޭގައި ހުރި އަސްކަރީ އަމާޒުތަކަކަށް މިއަދު ހަމަލާދީފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިޒްރޭލުން ހަމަލާތަކެއް ދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

މި ހަމަލާތައް ދީފައިވަނީ، ބެއިރޫތު ކައިރިއަށް އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ރޭ އިޒްރޭލަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވަނިކޮށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ފަހުން ހިނގާދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، ތެހެރާނާ އެކު މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ބުރޫއެއް ނާރާނެ އެވެ.

"ގޮތް ނިންމާނީ އަޅުގަނޑު. (ނަތަންޔާހޫއެއް) ނޫން ގޮތް ނިންމާނީ،" 'ފައިނޭންޝަލް ޓައިމްސް'އަށް ޓްރަމްޕް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ފޯނުން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ނަތަންޔާހޫ ކައިރީ އިތުރު ހަމަލާތައް ނުދިނުމަށް އެދިވަޑައިގަންނަވާފަ އެވެ. ސަބަބަކީ ރަނގަޅު އެއްބަސްވުމަކަށް ވާސިލުވުމާ ވަރަށް ގާތްވެފައިވާތީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، އެ ފޯނު ކޯލަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިޒްރޭލުން ވަނީ ހަމަލާތައް ކުރިއަށް ގެންގޮސްފަ އެވެ.

އީރާނުން ބުނި ގޮތުގައި، އެ ގައުމުގެ މިސައިލް ހަމަލާތައް އަމާޒުކުރީ ނާޒަރެތު ކައިރީގައި ހުރި 'ރާމަތު ޑޭވިޑް' ވައިގެ މަރުކަޒަށެވެ. އިޒްރޭލުން ބުނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން އެ މިސައިލްތައް ވައްޓާލާފައިވާ ކަމަށެވެ.

އަލުން ހަމަލާތައް ވަރުގަދަވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އުފުލިފަ އެވެ. އެގޮތުން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 96 ޑޮލަރަށް ވުރެ މައްޗަށް ގޮސްފަ އެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ލުބުނާނުގެ މަސްރަހާ ގުޅިފައިވާ ނުތަނަވަސްކަން ވެސް ވަނީ ބޮޑުވެފަ އެވެ. ސަބަބަކީ، ވޮޝިންޓަނާއެކު ވެވޭ ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގެ ތެރޭގައި، އިޒްރޭލާއި އީރާނުގެ އެހީތެރިކަން ލިބޭ ހިޒްބުއްލޯ ޖަމާއަތާ ދެމެދު ދާއިމީކޮށް ހަމަލާ ބަދަލުކުރުން ހުއްޓާލުން ހިމަނަންޖެހޭނެ ކަމަށް އީރާނުން ބާރުއަޅަމުންދާތީ އެވެ.

ދެ ފަރާތުން ހަމަލާތައް ބަދަލުކުރަމުންދިޔަ ނަމަވެސް، ޓްރަމްޕް ވިދާޅުވަނީ ފުޅާ އެއްބަސްވުމަކާ އަދިވެސް ވަރަށް ގާތްވެފައިވާ ކަމަށެވެ. އަދި އެމެރިކާއިން އީރާނާ އެކު އެއްބަސްވުމަކަށް އައުމާ ވަރަށް ގާތްވެފައިވާ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވަމުން، ތެހެރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަމަށް އެމެރިކާއިން އަދިވެސް ވަކާލާތުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް