އީރާނުން އިޒްރޭލަށް ދިން ހަމަލާއެއް. (ފޮޓޯ/ރޮއިޓާސް)
ހަމަލާތައް މެދުކަނޑާލި ފަހުން އީރާނުން އަލަށް އިޒްރޭލަށް ހަމަލާދީފި
އީރާނުން ރޭ ދިން މިސައިލް ހަމަލާތަކާ ގުޅިގެން، އެ ގައުމަށް ރައްދު ހަމަލާއެއް ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިލްތިމާސްކުރައްވައިފި އެވެ.
ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ކައިރިއަށް އިޒްރޭލުން ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން، ބެއިރޫތުގެ ދެކުނު ބިތަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ނާޒަރެތު ކައިރީގައި އޮންނަ ރަމަޓް ޑޭވިޑް އެއާބޭސްއަށް އަމާޒުކޮށް ހަމަލާދީފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އެ މިސައިލްތައް ހުއްޓުވާފަ އެވެ.
މި ހަމަލާތަކަށް ފަހު ނަތަންޔާހޫއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ، އިޒްރޭލުންނާއި އީރާނުން ވެސް މިހާރު ހަމަލާ ބަދަލުކޮށްފައިވާ ކަމަށާއި އިތުރު ހަމަލާއެއް ބަދަލުކުރަން ބޭނުންނުވާ ކަމަށެވެ. އަދި އީރާނާ އެކު ފައިނަލް އެއްބަސްވުމަކާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށާއި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އެ އެއްބަސްވުން ރޫޅިގެންދާން ބޭނުންފުޅު ނުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މިއީ މިދިޔަ އޭޕްރީލް މަހު ހަމަލާ މެދުކަނޑާލުމަށް ފަހު، އީރާނުން ސީދާ އިޒްރޭލަށް ދިން ފުރަތަމަ ހަމަލާ އެވެ. ތެހެރާނުން ބުނި ގޮތުގައި، މި ހަމަލާއަކީ ލުބުނާނާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވުމުގެ ސަބަބުން ދިން ހަމަލާއެކެވެ. އެމެރިކާއިން އިސްނަގައިގެން ސުލްހައިގެ ހުށަހެޅުމެއް އޮތް ނަމަވެސް، އިޒްރޭލާއި އީރާނުގެ މަދަދުލިބޭ ހިޒްބުއްލޯ ޖަމާއަތާ ދެމެދު ހަމަލާ ބަދަލުކުރުން އަދިވެސް ދަނީ ކުރިއަށެވެ.
އީރާނުގެ އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އިޒްރޭލުން ހިންގާ އުދުވާނީ އަމަލުތަކާއި ލުބުނާނުގެ އެއްބަސްވުންތަކާ ހިލާފުވަމުންދާތީ، އިޒްރޭލުގެ ތަންތަނާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ އަދިވެސް ހަމަލާދެވިދާނެ ސައްހަ އަމާޒުތަކެއް ކަމަށެވެ.
މަސްރަހު ގޯސްވެފައި މިވަނީ ހަނގުރާމަ ހުއްޓާލުމަށާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. ޓްރަމްޕް ވަނީ ދެ ފަރާތުން އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށް ވިދާޅުވެ، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ.
މަސްރަހު ފިނިކުރުމަށް ޓްރަމްޕް ބާރުއެޅުއްވި ނަމަވެސް، އިޒްރޭލުގެ އޮފިޝަލުން ވަނީ ރައްދު ހަމަލާއެއް ދިނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް