ޗާގޯސް ޖަޒީރާ. (ފޮޓޯ/ގެޓީ އިމޭޖަސް)

ޗާގޯސް ޖަޒީރާ

ޗާގޯސް ރަށްތައް ގަންނަން އެމެރިކާއިން ވިސްނަނީ

އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވި ގޮތުގައި، މި ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީފި ނަމަ އެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވެ، ޖާސޫސީ ނުރައްކާތައް އިތުރުވެގެން ހިނގައިދާނެ
53 މިނިޓު ކުރިން

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރު ސްޓާމާ ނިންމަވާފައިވާ ނިންމެވުން ބާތިލުކޮށް، އެ ރަށްތައް އެމެރިކާގެ ދަށަށް ގެނައުމުގެ ހުށަހެޅުމަކަށް ވައިޓް ހައުސްއިން ބަލަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން އިއްޔެ ބުނެފި އެވެ.

އެ ރިޕޯޓް ބުނާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ އިނގިރޭސިވިލާތުގެ ހުށަހެޅުމުގެ ބަދަލުގައި ކުރިއަށް ގެންދެވިދާނެ ބައެއް ކަންކަން ރާވާފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއިން ސީދާ ނެގުމަށް ކުރެވޭ މުއާމަލާތްތައް ހިމެނެ އެވެ.

މި ހުށަހެޅުމާ ގުޅޭ ގޮތުން އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށް ބުންޏަސް، މިވަގުތު ވައިޓް ހައުސްއިން އެންމެ އިސްކަންދޭ ގޮތަކީ މި ރަށްތައް ގަތުން ނޫން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވި ގޮތުގައި، މި ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީފި ނަމަ އެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވެ، ޖާސޫސީ ނުރައްކާތައް އިތުރުވެގެން ހިނގައިދާނެ އެވެ. އިރާނާ އެކު އޮތް ނުތަނަވަސްކަމާއި ޗައިނާއިން ކަނޑުގެ ސަރަހައްދުގައި ބާރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައި ޑިއޭގޯ ގާސިއާގެ މުހިންމުކަން ވަނީ ކުރިއަށް ވުރެ ބޮޑުވެފަ އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޑިއޭގޯ ގާސިއާއަކީ ސަރަހައްދީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދެމެހެއްޓެނިވި ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، އެމެރިކާއިން ދަނީ އިނގިރޭސިންނާ އެކު ގަވާއިދުން މަޝްވަރާ ކުރަމުންނެވެ.

މީގެ އިތުރުން، އިރާނާ ދެކޮޅު އަސްކަރީ އޮޕަރޭޝަންތަކުގައި ޑިއޭގޯ ގާސިއާ ބޭނުންކުރުމާ ގުޅޭ ގޮތުން އިނގިރޭސި ސަރުކާރާ އެކު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އިނގިރޭސި-މޮރިޝަސް އެއްބަސްވުމަށް ޓްރަމްޕް ދެއްވާ ތާއީދު ވަނީ ކުޑަވެފަ އެވެ. ޓްރަމްޕް މީގެ ކުރިން ވެސް ވަނީ މި ބަދަލަށް ފާޑުވިދާޅުވެ، އެއީ "ވަރަށް ބޮޑު މޮޔަ ކަމެއް"ގެ ގޮތުގައި ސިފަކުރައްވައި އިނގިރޭސިވިލާތުން މި މުހިންމު ޖަޒީރާގެ ކޮންޓްރޯލް ދޫކޮށްލަނީ ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސި ސަރުކާރުން އަދިވެސް ބުނަނީ މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުން ތަންފީޒުނުކުރިޔަސް، އެ އެއްބަސްވުން ދެމިއޮތް ކަމަށެވެ. އަދި އެމެރިކާއަށް އެ ރަށްތައް ބައްލަވައިގަނެވޭނެ އެއްވެސް ހާލަތެއް މިހާތަނަށް ނެތް ކަމަށް އިނގިރޭސި އޮފިޝަލުން ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް