އިމްތިހާނުތަކުގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ ޕާޓީގެ ފައުންޑަރު އަބީޖީތު ޑިޕްކޭ ވާހަކަ ދައްކަވަނީ.

އިންޑިއާ

'ކުރަފި' ޕާޓީގެ ފުރަތަމަ މުޒާހަރާ ނިއުދިއްލީގައި ބާއްވައިފި

މަދު ހަފުތާތަކެއްގެ ތެރޭގައި ސީޖޭޕީގެ އިންސްޓަގްރާމް ޕޭޖަށް ވަނީ 22.2 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ލިބިފައި
1 ގަޑިއިރު ކުރިން

އިންޑިއާގެ ސޯޝަލް މީޑިއާ ހަރަކާތް، ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)އަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ނިއުދިއްލީއަށް ޖަމާވެ، ސަރުކާރާ ދެކޮޅަށް އެ ހަރަކާތުގެ ފުރަތަމަ މުޒާހަރާ އިއްޔެ ބާއްވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ-ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ބާރުތަކާ ދެކޮޅަށް ހަރަކާތްތެރިވާ އެ ޕާޓީއަށް އިންޑިއާގެ ޒުވާނުންގެ އެތައް މިލިއަން ބައެއްގެ ތާއީދު ވަނީ ލިބިފަ އެވެ. 

ނިއުދިއްލީގައި ހުންނަ ގާނޫނު ހަދާ މަޖިލިސް ކުރާ ގޭ ކައިރީގައި އޮންނަ މުޒާހަރާ ކުރާ ސަރަހައްދަށް އެތައް ސަތޭކަ ބަޔަކު އިއްޔެ އެއްވި އިރު، ބައެއް ބައިވެރިން ތިބީ ކުރަފި މޫނުމަތި އަޅައިގެންނެވެ.

އެ ހަރަކާތް ފެށުނީ މިދިޔަ މަހު އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު، ސަރުކާރަށް ފާޑުކިޔާ ޒުވާނުންނަށް އެ މީހުންނަކީ "ކުރަފި"ތަކެއް ކަމަށް ސިފަ ކުރެއްވުމުންނެވެ.

ކާންތު ފަހުން ވިދާޅުވީ އޭނާގެ ވާހަކަ ވަނީ ބަޔަކު ނުބައިކޮށް މާނަ ނަގާފައި ކަމަށެވެ. ނަމަވެސް، ސީޖޭޕީގެ ބާނީ، ބޮސްޓަން ޔުނިވަސިޓީގެ ދަރިވަރު އަބީޖީތު ޑިޕްކޭ ވިދާޅުވީ އެއީ ޒުވާނުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ. 

މަދު ހަފުތާތަކެއްގެ ތެރޭގައި ސީޖޭޕީގެ އިންސްޓަގްރާމް ޕޭޖަށް ވަނީ 22.2 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ލިބިފަ އެވެ. 

އިންޑިއާގެ ތައުލީމީ ނިޒާމާ މެދު މާޔޫސްވެ، ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދާންގެ އިސްތިއުފާއަށް އިއްޔެ ވަނީ ގޮވާލައިފަ އެވެ.

އެ މުޒާހަރާގައި ސީޖޭޕީގެ ސަޕޯޓަރުން އަޑުއުފުލީ، "ކުރަފިތައް އަންނަނީ" ކަމަށާއި "ދަރްމެންދުރަ ޕްރަދަން ގެއަށްދޭ" ފަދަ ޝިއާރުތައް ނެރެގެންނެވެ.

އެ ހިނގާލުން އިންތިޒާމް ކުރި ފަރާތްތަކުން ވަނީ އިންޑިއާގެ ގައުމީ ދިދަ އާއި ފޮތެއް ގެންގުޅުމަށް ހިތްވަރު ދީފަ އެވެ. އެއީ ތައުލީމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ލިބުމުގެ ހައްގު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ. އަދި އެ މީހުން މުޒާހަރާގެ ބައިވެރިންނަށް އިރުޝާދު ދިނީ ސުލްހަވެރިކަމާ އެކު ތިބުމަށާއި ފުލުހުންނާ ކުރިމަތިލުންތަކުން ދުރުހެލިވުމަށެވެ.

މުޒާހަރާ ފެށުމުގެ ކުރިން އިންޑިއާގެ ފުލުހުން ވަނީ އެއާޕޯޓާއި ޖަންތަރު މަންތަރު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް، މުހިންމު ތަންތަނުގައި ދަގަނޑު ބެރިކޭޑްތައް ބަހައްޓައިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް