އިންޑިއާގެ ގުޖުރާތުގައި ބަހައްޓާފައި ހުރި ކޮންޓޭނަރުތަކެއް. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

މަޖުބޫރުން މަސައްކަތް ކުރުވާ ކަމަށް ބުނެ އިންޑިއާގެ މުދަލުން އިތުރު %12.5ގެ ޓެރިފެއް ނަގަން އެމެރިކާއިން ހުށަހަޅައިފި

މިއީ މިހާރު ދެ ގައުމުގެ މެދުގައި ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެ ފިޔަވަޅެއް
54 މިނިޓު ކުރިން

މަޖުބޫރުން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން ހުއްޓުވުމަށް ނިއުދިއްލީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށް ބުނެ، އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން އިތުރު %12.5ގެ ޓެރިފެއް ނަގަން އެމެރިކާއިން އިއްޔެ ހުށަހަޅައިފި އެވެ.

މިއީ މިހާރު ދެ ގައުމުގެ މެދުގައި ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެ ފިޔަވަޅެކެވެ.

އޮފީސް އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓެޓިވް (ޔޫއެސްޓީއާރު)ން އިއުލާންކުރި މި ހުށަހެޅުން އައިސްފައިވަނީ، އިންޑިއާގެ އޮފިޝަލުންނާއި ބްރެންޑަން ލީންޗް އިސްކޮށް ހުންނެވި އެމެރިކާގެ ވަފުދަކާ ދެމެދު ނިއުދިއްލީގައި ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތަކެއްގެ ތެރޭގަ އެވެ.

ޔޫއެސްޓީއާރުގެ ރިޕޯޓެއްގައި ބުނެފައިވަނީ، އިންޑިއާއިން މަޖުބޫރުން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން މަނާކުރާ ގާނޫނުތައް ތަންފީޒުކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ވިޔަފާރިއަށް ބޭނުންނެތް ބުރަތަކެއް ކުރިމަތިވަމުންދާ ކަމަށް ސިފަކޮށްފައިވެ އެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިންމު ވިޔަފާރީގެ ބައިވެރިން، މަޖުބޫރުން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން ހުއްޓުވުމަށް ފިޔަވަޅު ނޭޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓެޓިވް ޖޭމިސަން ގްރީއާ ވިދާޅުވި އެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން މިކަމަށް ރައްދުދެމުން ބުނީ، މި ޓެރިފްތަކަކީ އަދި ފައިނަލް ނިންމުމެއް ނޫން ކަމަށާއި ވަކި ގޮތެއް ނިންމުމުގެ ކުރިން ޔޫއެސްޓީއާރުން އާންމުންގެ ހިޔާލު ހޯދާނެ ކަމަށެވެ. އަދި 'ސެކްޝަން 301'ގެ މުރާޖައާ ކުރުމުގެ މަރުހަލާގެ ތެރެއިންނާއި މި އަހަރުގެ ކުރީކޮޅު އިއުލާންކުރި ވިޔަފާރީގެ ފުޅާ އޮނިގަނޑުގެ މަޝްވަރާތަކުގެ ތެރެއިން އިންޑިއާއިން އެމެރިކާއާ އެކު ދެމިއޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ހުށަހެޅުން އައީ އެމެރިކާގެ 'ސެކްޝަން 301'ގެ ތަހުގީގަކަށް ފަހު އެވެ. މިއާ އެކު، މަޖުބޫރުން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން ހުއްޓުވާނެ ހަރުދަނާ ފިޔަވަޅުތަކެއް ނެތުމުގެ ސަބަބުން، ބޮޑު ޑިއުޓީއެއް ކުރިމަތިވެފައިވާ 54 ގައުމުގެ ތެރޭގައި އިންޑިއާ ވަނީ ހިމެނިފަ އެވެ. ޔޫއެސްޓީއާރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާގައި މަޖުބޫރުން މަސައްކަތް ކުރުވައިގެން އުފައްދާ ކަފަ ސަޕްލައި ޗޭނުގެ މެދުވެރިއެއްގެ ގޮތުގައި ވެސް އިންޑިއާ ދަނީ ހަރަކާތްތެރިވަމުންނެވެ.

ޔޫއެސްޓީއާރުން ވަނީ މި ހުށަހެޅިފައިވާ ޓެރިފްތަކާ މެދު ހިޔާލު ހުށަހެޅުމުގެ ފުރުސަތު 6 ޖުލައިގެ ނިޔަލަށް އާންމުންނަށް ހުޅުވާލާފަ އެވެ. އަދި މިކަމާ ގުޅޭ ރަސްމީ އަޑުއެހުމެއް 7 ޖުލައިގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް