ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ. (ފޮޓޯ/އޭއެފްޕީ)
ލަންކާގެ ކޯޓަކުން ގޮތަބަޔާ ރާޖަޕަކްސަ ފުރުން މަނާކޮށްފި
ސްރީ ލަންކާގައި 2019ގައި ދިން އީސްޓާ ސަންޑޭގެ ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގުގެ ބައެއްގެ ގޮތުން، ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމުން ބޭރަށް ދަތުރުކުރުން އެ ގައުމުގެ ކޯޓަކުން މިއަދު މަނާކޮށްފި އެވެ.
މި އަމުރު ނެރެދެއްވީ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ޕަސަން އަމަރަސޭކަރަ އެވެ. މި އަމުރު ނެރެފައިވަނީ 250އަށް ވުރެ ގިނަ މީހުން މަރުވި ބޮމުގެ ހަމަލާތަކުގެ ތަހުގީގު ކުރިއަށްގެންދާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ން އެދިގެންނެވެ.
މީގެ އިތުރުން، އެ ކޯޓުން ވަނީ އަސްކަރިއްޔާގެ ކާނަލް މުހައްމަދު އަންސާރާއި ކުރީގެ އިންޓެލިޖެންސް އޮފިޝަލް ޕްރޭމާނަންދާ އުދަލަގަމާ ވެސް ލަންކާއިން ބޭރަށް ދަތުރުކުރުން މަނާކޮށްފަ އެވެ.
މި ދަނޑިވަޅުގައި، ކުރީގެ ސްޓޭޓް އިންޓެލިޖެންސް ޑިރެކްޓަރު ސުރޭޝް ސާލީ ވެސް މި ތަހުގީގާ ގުޅިގެން އަދިވެސް ހުރީ ބަންދުގަ އެވެ.
ކޯޓުން މި ފިޔަވަޅު އަޅާފައި މިވަނީ، ލަންކާގެ ތާރީހުގައި ވެސް ހިންގި އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާ ކަމަށްވާ އީސްޓާ ސަންޑޭގެ ހަމަލާތަކާ ގުޅިގެން އިހުމާލުވި ފަރާތްތަކާއި އޭގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހޯދުމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.