އެންތުރޮޕިކްގެ ލޯގޯ. (ފޮޓޯ/ރޮއިޓާސް)
އެންތުރޮޕިކްއިން ހިއްސާގެ ބާޒާރަށް ނުކުތުމަށް ހުށަހަޅައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުންޏެއް ކަމަށްވާ އެންތުރޮޕިކް އިން، އެމެރިކާގެ ހިއްސާގެ ބާޒާރަށް ނުކުތުމަށް ނުވަތަ އައިޕީއޯ ސިއްރު ފައިލިންއެއް ގޮތަށް އިއްޔެ ހުށަހަޅައިފި އެވެ.
މިއާ އެކު، އެ ކުންފުނި ވެގެން ގޮސްފައިވަނީ ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމަށް ފިޔަވަޅު އެޅި އޭއައި ދާއިރާގެ އެންމެ ކުރިއަރާފައިވާ ފުރަތަމަ ބޮޑު ކުންފުންޏަށެވެ. އަދި މާކެޓަށް ނުކުތުމުގެ ރޭހުގައި އެ ކުންފުނީގެ ވާދަވެރި އޯޕަންއޭއައިއަށް ވުރެ ކުރި ހޯދާފަ އެވެ.
އެ ކުންފުނީގެ މަޝްހޫރު 'ކްލޯޑް' އޭއައި މޮޑެލްތަކާއި ކޯޑިންގް އެސިސްޓަންޓް 'ކްލޯޑް ކޯޑް'ގެ ސަބަބުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެންތުރޮޕިކް އިން، ހިއްސާ ވިއްކުމަށް ހަމަޖެހިފައިވާ އަދަދެއް ނުވަތަ އޭގެ ޝަރުތުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ މަހު ބޭއްވި ފަންޑިން ބުރަކަށް ފަހު އެންތުރޮޕިކް އެންމެ ފަހުން އަގުކޮށްފައިވަނީ 965 ބިލިއަން ޑޮލަރަށެވެ. މިއީ ފެބްރުއަރީ މަހު އެ ކުންފުނީގެ އަގު ހުރި 380 ބިލިއަން ޑޮލަރާ އަޅާބަލާއިރު ދެގުނައަށް ވުރެ ބޮޑު އިތުރުވުމެކެވެ.
މި ލިސްޓިން ވެގެންދާނީ ފަހުގެ ތާރީހެއްގައި ހިއްސާގެ ބާޒާރަށް ނުކުންނާނެ އެންމެ މުހިންމު އެއް ކުންފުންޏަށެވެ. މީގެ ސަބަބުން، ކުރިއަރަމުންދާ އޭއައި ކުންފުންޏެއްގެ މާލީ ހާލަތު ތަފްސީލީ ގޮތެއްގައި ބަލައިލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އިންވެސްޓަރުންނަށް ލިބިގެންދާނެ އެވެ. އަދި ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ މި ދާއިރާގެ ކުންފުނިތަކުގެ އަގު ކަނޑައަޅާނެ މިންގަނޑެއް މީގެ ސަބަބުން ކަނޑައެޅިގެންދާނެ އެވެ.
ދާއިރާގެ ތަޖުރިބާކަރުން ވިދާޅުވާ ގޮތުގައި، މި ދަނޑިވަޅަކީ އާޓިފިޝަލް އިންޓެލިޖެންސަށް އިންވެސްޓަރުންގެ މެދުގައި އޮތް ބޮޑު ޝައުގުވެރިކަމުގެ ފައިދާ އެންތުރޮޕިކްއަށް އެންމެ ފުރިހަމައަށް ހިފޭނެ ވަގުތެވެ. މީގެ ސަބަބުން އޯޕަންއޭއައިން އަމިއްލަ އައިޕީއޯއަށް ނުކުތުމުގެ ކުރިން، އިންވެސްޓަރުންގެ ރިއެކްޝަން ނުވަތަ ދެކޭ ގޮތް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އޯޕަންއޭއައިން ވެސް ކުރިއަށް އޮތް ހަފުތާތަކުގައި އައިޕީއޯއަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ހަމަ އެއާ އެކު، އިންވެސްޓަރުންގެ ފައިސާ ހޯދުމުގެ ވާދަވެރިކަން ބޮޑުވަމުންދާއިރު، ސްޕޭސްއެކްސް ހިމެނޭ ގޮތަށް ޓެކްނޮލޮޖީ ދާއިރާގެ އެހެން ބޮޑެތި ކުންފުނިތަކުން ވެސް އަންނަނީ ބޮޑެތި ލިސްޓިންތަކަށް މަސައްކަތް ކުރަމުންނެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ހިއްސާގެ ބާޒާރަށް ނުކުތުމުގެ މި ރޭހުން ދައްކައިދެނީ އޭއައި ދާއިރާގެ ކުރީގައި އުޅޭ ކުންފުނިތަކަށް ފައިސާ ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ވަނީ، އެންތުރޮޕިކް، އޯޕަންއޭއައި އަދި ސްޕޭސްއެކްސް ފަދަ ކުންފުނިތަކަށް އެއްފަހަރާ ބޭނުންވާ ބޮޑު ކެޕިޓަލްގެ ސަބަބުން، މާލީ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރައިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މި ހުށަހެޅުން ހުށަހަޅާފައި މިވަނީ ދުނިޔޭގައި ހިއްސާގެ ބާޒާރަށް ނުކުތުމުގެ ހަރަކާތްތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މެއި މަހުގެ ނިޔަލަށް ދުނިޔޭގެ އެކި ކުންފުނިތަކުން ހިއްސާ ވިއްކައިގެން 87.5 ބިލިއަން ޑޮލަރު ހޯދާފައިވާއިރު، މިއީ 2021 ވަނަ އަހަރުގެ ފަހުން އަހަރެއްގެ މިހާތަނަށް އެންމެ ގިނައިން ފައިސާ ހޯދި ފަހަރެވެ.