އެ މަނާ ކުރުން އައީ މަދުވެގެން 8 މިލިއަން ޔޫޒަރުން ތިބި ޕްލެޓްފޯމްތަކަށް.

މެލޭޝިއާ

16 އަހަރުން ދަށުގެ ކުދިން މެލޭޝިއާގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފި

އެ ގާނޫނާ ހިލާފުވާ ފަރާތްތަކަށް 10 މިލިއަން ރިންގިޓް ނުވަތަ 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ
1 ޖޫން 2026

ޒުވާން ކުދިންނަށް އޮންލައިން ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތެއްގައި ބައިވެރިވެ، މެލޭޝިއާގައި 16 އަހަރުން ދަށުގެ އެތައް މިލިއަން ކުދިންނަކަށް ސޯޝަލް މީޑިއާ އެކައުންޓްތައް ނުގެންގުޅެވޭނެ އުސޫލު އެ ގައުމުގައި މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށައިފި އެވެ.

އެ އުސޫލުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ އުމުރު ދެނެގަނެ، އެފަދަ ކުދިންގެ ނަން ނަމުގައި ސޯޝަލް މީޑިއާ އެކައުންޓްތައް ހެދުން މަނާ ކުރަން ޖެހެ އެވެ. އެ މަނާ ކުރުން އައީ މަދުވެގެން 8 މިލިއަން ޔޫޒަރުން ތިބި ޕްލެޓްފޯމްތަކަށެވެ. އޭގެ ތެރޭގައި ފޭސްބްކް، ޓިކްޓޮކް، އިންސްޓަގްރާމް، ޔޫޓިއުބް ފަދަ އެޕްތައް ހިމެނެ އެވެ.

އެ ގާނޫނާ ހިލާފުވާ ފަރާތްތަކަށް 10 މިލިއަން ރިންގިޓް ނުވަތަ 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ އެވެ. ނަމަވެސް އެ ގާނޫނާ ހިލާފުވާ ކުދިން އަދި މައިންބަފައިންނަށް އަދަބު ނުދެވޭނެ އެވެ.

އޮސްޓްރޭލިއާ، ބްރެޒިލް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި ވެސް ވަނީ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުން ކުރުމުން ދުރުހެލި ކުރުމަށް އެ އުމުރު ފުރައަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އިނގިރޭސިވިލާތް، ފްރާންސް، ސްޕެއިން، ޑެންމާކް، ތައިލެންޑް އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން ވެސް ދަނީ އެފަދަ ފިޔަވަޅުތައް ދިރާސާ ކުރަމުންނެވެ.

މެލޭޝިއާގެ ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ބުނީ އެ އުސޫލުގެ ބޭނުމަކީ ކުޑަކުދިންނަށް އިންޓަނެޓް ނުވަތަ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކުރުން މަނާ ކުރުމުގެ އުސޫލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އޮންލައިން ގެއްލުންތައް ހައްލުކޮށް، އުމުރު ފުރާއަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހިދުމަތް ދޭ ފަރާތްތަކަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ޕްލެޓްފޯމްތަކުން ސޭފްޓީ ޑިޒައިން ފީޗާތައް ތައާރަފު ކުރަން ޖެހޭނެ އެވެ. އޭގެ ތެރޭގައި މަޖުބޫރުން ބޭނުންކުރުމަށް ހިތްވަރުދޭ މެނިޕިއުލޭޓިވް ޑިޒައިންތަކުން ރައްކާތެރިކަން ދިނުން ހިމެނެ އެވެ.

މެލޭޝިއާގެ އާ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރާނެ ގޮތެއް ޓެކްނޮލޮޖީ ކުންފުނިތަކުން އަދި ހާމައެއް ނުކުރެ އެވެ.

ރެގިއުލޭޓަރުން ބުނީ އުމުރު ވެރިފިކޭޝަން ސިސްޓަމް ތަންފީޒު ކުރުމަށް ޕްލެޓްފޯމްތަކަށް ގްރޭސް ޕީރިއަޑެއް ދޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް