އިއްޒުއްދީން އަލްހައްދާދުގެ ހަށިގަނޑު ގެންދަނީ. (ފޮޓޯ/ރޮއިޓާސް)

ގާޒާ

ގާޒާގައި ހުންނަ ހަމާސްގެ އަސްކަރީ ވެރިޔާ އަވަހާރަކޮށްލައިފި

މި ހަމަލާގައި އޭނާގެ އަނބިކަނބަލުންނާއި 19 އަހަރުގެ އަންހެން ދަރިފުޅު ވެސް މަރުވެފައިވާ ކަމަށް ހަމާސް އިން ބުނި
17 މޭ 2026

އޮކްޓޯބަރު މަހު އެމެރިކާގެ މެދުވެރިވު މާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން، މިހާތަނަށް އަވަހާރަކޮށްލި ހަމާސްގެ އެންމެ އިސްވެރިޔާއަކީ އިއްޒުއްދީން އަލްހައްދާދު ކަމަށާއި، އޭނާ އަވަހާރަވީ ގާޒާ ސިޓީއަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

އިޒްރޭލު އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ގާޒާގައި ހަރަކާތްތެރިވާ ހަމާސްގެ ހަނގުރާމަވެރިންގެ އެންމެ އިސްވެރިޔާ ހައްދާދު އަވަހާރަވީ ހުކުރު ދުވަހު ދިން ވަރުގަދަ ހަމަލާއެއްގަ އެވެ.

ހަމާސް އިން ވެސް ވަނީ އޭނާ އަވަހާރަވިކަން ކަށަވަރުކޮށްދީފަ އެވެ. އަދި މި ހަމަލާގައި އޭނާގެ އަނބިކަނބަލުންނާއި 19 އަހަރުގެ އަންހެން ދަރިފުޅު ވެސް މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ. ހަމާސްއިން ހައްދާދު ސިފަކުރަނީ އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ލީޑަރުގެ ގޮތުގަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި، ހައްދާދަކީ 7 އޮކްޓޯބަރު 2023ގައި އިޒްރޭލަށް ދިން ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅުނު އެކެކެވެ. އަދި އިޒްރޭލުގެ އެތައް ހާސް އާންމުންނާއި ސިފައިން މަރާލުމާއި ރަހީނުކުރުމާއި އެ މީހުންނަށް ދިން އެކި އަނިޔާތަކުގެ ޒިންމާ އޭނާ އުފުލަންޖެހޭނެ ކަމަށް ވެސް ނަތަންޔާހޫ ތުހުމަތުކުރެއްވި އެވެ.

'ދަ ގޯސްޓް'ގެ ނަމުން މަޝްހޫރުވެފައިވާ ހައްދާދަކީ މީގެ ކުރިން އޭނާ އަވަހާރަކޮށްލަން ދިން އެތައް ހަމަލާއަކުން ސަލާމަތްވެފައިވާ ބޭފުޅެކެވެ. އޭނާ ހަމާސްގެ އަސްކަރީ ވެރިއަކަށް އައްޔަންކުރީ 2025 ވަނަ އަހަރު މުހައްމަދު ސިންވާރު އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ގާޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، ހުކުރު ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން ހަތް މީހަކު މަރުވި އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުއްޖަކު ހިމެނެ އެވެ. މީގެ އިތުރުން، އިއްޔެ ދިން ހަމަލާތަކުގައި ވެސް އިތުރު ތިން މީހަކު ވަނީ މަރުވެފަ އެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ގާޒާގައި އަނިޔާވެރި އަމަލުތައް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. ފަލަސްތީނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި 850އެއްހާ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ ހަތަރު ސިފައިން ވެސް ވަނީ މަރުވެފަ އެވެ.

ހަނގުރާމައަށް ފަހު ގާޒާގެ ކަންކަން ތަރުތީބުކުރާނެ ގޮތަކާ މެދު އިޒްރޭލާއި ހަމާސްއާ ދެމެދު ނުސީދާކޮށް ކުރިއަށްދާ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި، މިހާރު ވަނީ މަރުތަޅެއް އެޅިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް