އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން. (ފޮޓޯ/ރޮއިޓާސް)
މާ ބޮޑު ކުރިއެރުމެއް ނުލިބި ޓްރަމްޕް ޗައިނާ ދަތުރު ނިންމާލައްވައިފި
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއަކާ ނުލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ޗައިނާއިން ފުރާވަޑައިގެންފި އެވެ.
ވިޔަފާރި އާއި ހާރިޖީ ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވަމުން، ޓްރަމްޕް ޗައިނާއިން ފުރާވަޑައިގެންނެވި ނަމަވެސް، އެއްބަސްވުންތަކުގެ ތަފްސީލު މަދުވުމުން ބައިނަލްއަގުވާމީ ބާޒާރުތަކުން މިކަމަށް ދިނީ ފިނި އިޖާބައެކެވެ.
ބެއިޖިންގައި ބޭއްވި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ވިޔަފާރި އާއި ޓައިވާން އަދި އީރާނުގެ ހަމަނުޖެހުންތަކާ ބެހޭ ގޮތުންނެވެ. މި ދަތުރުފުޅަކީ ވަރަށް ފުރިހަމަ ދަތުރުފުޅެއް ކަމަށާއި މީގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވަނީ މި ސަމިޓުން އުންމީދުކުރި ފަދަ ނަތީޖާއެއް ނުފެންނަ ކަމަށެވެ.
އީރާނާ އެކު އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައަށް ފާޑުކިޔައި ޗައިނާއިން ވަނީ ހަރުކަށި ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މިއީ ދުވަހަކު ވެސް ހިނގައިގެން ނުވާނެ ހަނގުރާމައެއް ކަމަށާއި މިކަން ކުރިއަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ޗައިނާއިން ތާއީދުކުރި އެވެ.
ވައިޓް ހައުސްއިން ބުނި ގޮތުގައި، އެ ކަނޑުއޮޅި ބަންދުނުކޮށް ހުޅުވާފައި ބޭއްވުމަށް ދެ ގައުމުގެ ވެރިން ވަނީ އެއްބަސްވެފަ އެވެ. އަދި އީރާނަށް އަސްކަރީ ސާމާނު ފޯރުކޮށްނުދިނުމަށް ޝީ ވައުދުވެވަޑައިގެންނެވި ކަމަށާއި އެމެރިކާގެ ތެޔޮ ގަތުމަށް ޗައިނާއިން ޝައުގުވެރިކަން ފާޅުކުރި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ވިޔަފާރީގެ ދާއިރާއިން އިއުލާނުކުރި ކަންތައްތައް ހުރީ ބާޒާރުން އުންމީދުކުރި ވަރަށް ވުރެ ދަށުގައެވެ. ޗައިނާއިން ބޮއިންގް މަރުކާގެ 200 މަތިންދާބޯޓު ގަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިންވެސްޓަރުން އުންމީދުކޮށްގެން ތިބީ މިއަށް ވުރެ ބޮޑު އޯޑަރަކަށެވެ. މީގެ ސަބަބުން ބޮއިންގް ކުންފުނީގެ ހިއްސާގެ އަގު ވަނީ %4އަށް ވުރެ ބޮޑަށް ދަށަށް ގޮސްފަ އެވެ.
މި ބައްދަލުވުމުގައި ޓައިވާނާ ގުޅޭ ގޮތުން ވެސް ނުތަނަވަސްކަން އުފެދުނެވެ. ޓައިވާނުގެ މައްސަލައިގައި ގޯސް ފިޔަވަޅެއް އެޅިއްޖެ ނަމަ ކުރިމަތިލުމަކަށް ނުވަތަ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ރައީސް ޝީ ދެއްވި އެވެ. ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ ޓައިވާނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ބޮޑެތި ކުރިއެރުންތަކެއް މި ބައްދަލުވުމުން ނުފެނުނު ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ދެމެދުގައި އޮތް ގުޅުން ދެމެހެއްޓުމަށް ދެ ފަރާތުން ވެސް ބޭނުންވި އެވެ. މި ގުޅުމަކީ ދުނިޔޭގައި އޮތް "އެންމެ މުހިންމު ގުޅުން" ކަމަށް ސިފަކުރައްވަމުން، މި ގުޅުން ރަނގަޅު ގޮތުގައި ކުރިއަށް ގެންދަންޖެހޭ ކަމަށާއި މި ގުޅުމަށް ބުރޫއަރާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ރައީސް ޝީ ވިދާޅުވި އެވެ.