މޯދީ ކާރުކޮޅުގައި. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

ތެޔޮ ބޭނުންކުރާ ވަރު މަދުކުރަން މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި

މީގެ އިތުރުން، އާ އުޅަނދުތަކެއް ނުގަނެ، މިހާރު ހުރި ވަސީލަތްތަކުގެ ތެރެއިން ފުރުސަތު އޮތް މިންވަރަކުން މޮޓޯކޭޑްގައި އިލެކްޓްރިކް އުޅަނދުތައް ހިމެނުމަށް ވެސް މޯދީ ވަނީ އެދިވަޑައިގެންފައި
14 މޭ 2026
1

އީރާނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންނަށް ގޮވާލެއްވުމަށް ފަހު، ތެޔޮ ސަލާމަތްކުރުމުގެ ގޮތުން އޭނާގެ މޮޓޯކޭޑްގައި ހިމެނޭ އުޅަނދުތަކުގެ އަދަދު ބޮޑުތަނުން މަދުކުރައްވާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކުން އިއްޔެ ވިދާޅުވެެއްޖެ އެވެ.

އިންޑިއާގެ ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ގުޅިގެން، ބޭކާރު ގޮތުގައި އިންޑިއާއިން ބޭރަށް ދަތުރުނުކުރުމަށާއި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމަށާއި ރަނާއި ކައްކާ ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށް މޯދީ ވަނީ މިދިޔަ އާދީއްތަ ދުވަހު ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ސަރުކާރުގެ އޮފިޝަލު ވިދާޅުވި ގޮތުގައި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ސަލާމަތީ ކަންކަން ފުރިހަމައަށް ބަލަހައްޓަމުން، ބޮޑުވަޒީރުގެ ކޮންވޯއީގައި ހިމެނޭ އުޅަނދުތަކުގެ އަދަދު މިހާރު ވަނީ މަދުކޮށްފަ އެވެ. މީގެ ކުރިން މޯދީގެ މޮޓޯކޭޑްގައި ގާތްގަނޑަކަށް 12 އުޅަނދު ހިމެނޭ ކަމަށްވެ އެވެ.

މީގެ އިތުރުން، އާ އުޅަނދުތަކެއް ނުގަނެ، މިހާރު ހުރި ވަސީލަތްތަކުގެ ތެރެއިން ފުރުސަތު އޮތް މިންވަރަކުން މޮޓޯކޭޑްގައި އިލެކްޓްރިކް އުޅަނދުތައް ހިމެނުމަށް ވެސް މޯދީ ވަނީ އެދިވަޑައިގެންފަ އެވެ. މިގޮތަށް ކުޑަކުރެވިފައިވާ މޮޓޯކޭޑް، ދާދި ފަހުން ގުޖުރާތާއި އަސާމަށް ކުރެއްވި ދަތުރުތަކުގައި ބޭނުންކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ހަރަދު ކުޑަކުރުމަށް މޯދީ ގޮވާލެއްވުމާ ގުޅިގެން، ސިޔާސީ ބޭފުޅުންގެ މޮޓޯކޭޑްތަކުގެ ބޮޑުމިނާއި މޯދީ ކުރައްވާ ރަސްމީ ދަތުރުތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އިންޑިއާއަކީ، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ލިބޭ ތެލަށް ބޮޑު ބަރޯސާއެއް އޮންނަ ގައުމެކެވެ. އީރާނު ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، އިންފްލޭޝަނާއި އިގްސާދީ ކުރިއެރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ކޮމެންޓް (1)

ކޮސް

14 މޭ 2026
ރާއްޖޭން މިހާވަރުވެސް ނުވޭ. ރާއްޖެއަކީ ހުރިހާގޮތަކަށް ބަލާއިރު ، އެންމެ ހާލުބޮޑުވާނެ ޤައުމު. އެކަމަކު ވެރިމީހާ އުޅުއްވަނީ ( މަނާކަމެއްވީމަ ނުލިޔާނަން) އެކަމުން ސަލާމަތް ނުވެގެން...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް