ސައުދީގެ ވައިގެ ސިފައިންގެ ޖެޓުތަކެއް. (ފޮޓޯ/ރޮއިޓާސް)

އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިންނަށް ސައުދީ އާއި ކުވެއިތުން ހަމަލާދީފި

ސައުދީގެ އުތުރު ބޯޑަރު ކައިރިން އިރާގުގެ ސަރަހައްދުތަކަށް ދިން މި ހަމަލާތަކަކީ، ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާ ދިނުމަށް ބޭނުންކުރާ ތަންތަނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމަށް ބުނެފައިވޭ
14 މޭ 2026

ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އަސްކަރީ މަތިންދާބޯޓުތަކުން އިރާގުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޝީއީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން އެކި މަސްދަރުތަކާ ހަވާލާދީ އިއްޔެ ރިޕޯޓްކޮށްފި އެވެ.

ސައުދީގެ އުތުރު ބޯޑަރު ކައިރިން އިރާގުގެ ސަރަހައްދުތަކަށް ދިން މި ހަމަލާތަކަކީ، ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާ ދިނުމަށް ބޭނުންކުރާ ތަންތަނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމަށް ބުނެފައިވެ އެވެ. ހުޅަނގުގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، މީގެ ތެރެއިން ބައެއް ހަމަލާތައް ދީފައިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެމެރިކާ އާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވި ދުވަސްވަރުގަ އެވެ.

މީގެ އިތުރުން، ކުވެއިތުން އިރާގުގެ ދެކުނުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުނެ އެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ތާއީދު އޮންނަ 'ކަތާއިބު ހިޒްބުއްލޯ' ޖަމާއަތުގެ މަރުކަޒުތަކަށެވެ. އިރާގުގެ ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި، މި ހަމަލާތަކުގައި އެތައް ހަނގުރާމަވެރިންނެއް މަރުވެ، މުވާސަލާތީ އަދި ޑްރޯން އޮޕަރޭޝަންތަކަށް ބޭނުންކުރާ މަރުކަޒެއް ވަނީ ސުންނާފަތިވެފަ އެވެ.

ކުވެއިތުން ދިން މި ހަމަލާތަކަކީ އެ ގައުމުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއް ކަމެއް ނުވަތަ ކުވެއިތުގައި ތިބޭ އެމެރިކާ ސިފައިން ދިން ހަމަލާތަކެއް ކަމެއް ކަށަވަރު ނުކުރެވޭ ކަމަށް ރޮއިޓާސް އިން ބުނެފައިވެ އެވެ.

މި ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ސީދާ ޖަވާބެއް ދީފައި ނުވި ނަމަވެސް، އެ ގައުމުން އަބަދު ވެސް ބާރުއަޅަނީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތާއި ތަނަވަސްކަމަށްޓަކައި މަސްލަހަތު އިސްކޮށް، ހަމަނުޖެހުންތައް ކުޑަކުރުމަށް ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި އެތައް ސަތޭކަ ޑްރޯންތަކެއް އައިސްފައިވަނީ އިރާގުގެ ތެރެއިންނެވެ. މީގެ ސަބަބުން ގަލްފުގެ ގައުމުތަކާއި އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކާ ދެމެދު ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ.

އިރާގުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ޖަމާއަތްތަކުން ދަނީ ސައުދީ އަދި ކުވެއިތުގެ ބޯޑަރު ސަރަހައްދުތަކުގައި ފާރަލުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އަދި އެ ޖަމާއަތްތަކުން ދަނީ ކުރިއަށް އޮތް ހަމަލާތަކަށް ތައްޔާރުވަމުން ކަމަށް ވެސް އެއް މަސްދަރަކުން ހާމަކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް