ޖޯ ލޯ.
ފިލައިގެން އުޅޭ މެލޭޝިއާގެ ޖޯ ލޯ ޓްރަމްޕްގެ މާފް ހޯދަން އެދިއްޖެ
މެލޭޝިއާގެ 1އެމްޑީބީ ކޮރަޕްޝަންގެ ބޮޑު ހިޔާނާތާ ގުޅިގެން އުފުލާފައިވާ ޖިނާއީ ދައުވާތަކުން ސަލާމަތްވުމަށްޓަކައި، ފިލައިގެން އުޅޭ މެލޭޝިއާގެ މަހުޖަނު ޖޯ ލޯ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން މާފް ހޯދުމަށް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން، މި ހުށަހެޅުން ހުށަހަޅާފައިވަނީ ފާއިތުވި ހަފުތާތަކުގެ ތެރޭގަ އެވެ. އަދި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ވެބްސައިޓުގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި ޖޯ ލޯގެ ނަމުގައި 'ހުކުމް ތަންފީޒުކޮށް ނިމުމަށް ފަހު ދޭ މާފަ'ށް އެދި ހުށަހެޅުމެއް ވަނީ ހުށަހަޅާފަ އެވެ.
ނަމަވެސް، ވައިޓް ހައުސްގެ އޮފިޝަލަކު އެ ނޫހަށް ވިދާޅުވި ގޮތުގައި، މި މައްސަލައަކީ މިވަގުތު ވައިޓް ހައުސްއިން މާ ބޮޑު ސަމާލުކަމެއް ދީގެން ބަލަމުންދާ ކަމެއް ނޫނެވެ.
މިހާރު ވެސް ފިލައިގެން އުޅޭ ޖޯ ލޯއަކީ، 2009 އާއި 2014އާ ދެމެދު މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމަންޓް ފަންޑުން ގާތްގަނޑަކަށް 4.5 ބިލިއަން އެމެރިކާ ޑޮލަރަށް ހިޔާނާތްތެރިވުމުގެ މޭސްތިރިޔާ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ދައުވާ އުފުލާ ފަރާތްތަކުން ބުނާ ގޮތުގައި، މި ފައިސާ ބޭނުންކޮށްފައިވަނީ ބައިނަލްއަގުވާމީ މަނީ ލޯންޑަރިންގެ ނިޒާމެއްގެ ތެރެއިން އަގުބޮޑު މުދަލާއި އިމާރާތްތަކާ އަދި ކުރެހުންތައް ގަތުމަށެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު، އިގްތިސާދީ ތަރައްގީގެ ފަންޑެއްގެ ގޮތުގައި 1އެމްޑީބީ އުފެއްދެވުމުގައި ޖޯ ލޯ ވަނީ އެހީތެރިވެދީފަ އެވެ. މި ހިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ނަޖީބު ރައްޒާގު 2022ގައި ވަނީ ޖަލަށް ލާފަ އެވެ.