އީރާނުގެ ލަވަން އައިލެންޑްގައި ހުރި ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ދިން ހަމަލާ.
ޔޫއޭއީން އީރާނަށް ސިއްރު ހަމަލާތަކެއް ދީފީ: ރިޕޯޓް
ގަލްފު ސަރަހައްދުގެ ހަމަނުޖެހުންތަކުގެ ތެރެއިން ޔޫއޭއީން އީރާނަށް ސިއްރު ގޮތެއްގައި އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ދަ ވޯލް ސްޓްރީޓް ޖާނަލްގައި އިއްޔެ ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފި އެވެ.
މިކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، މިދިޔަ މަހުގެ ކުރީކޮޅު އީރާނުގެ ލަވަން އައިލެންޑްގައި ހުރި ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ޔޫއޭއީން ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބޮޑު އަލިފާންގަނޑެއް ރޯވި އެވެ. ނަމަވެސް، އަބޫދާބީން މި އޮޕަރޭޝަންތަކާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އީރާނުން ވަނީ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔޫއޭއީ އާއި ކުވެއިތަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން، މި ހަނގުރާމައިގެ ތެރޭގައި އީރާނުން 2,800އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ޔޫއޭއީއަށް ފޮނުވާފައިވެ އެވެ. މީގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި އިގްތިސާދީ ހަރަކާތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު މި ހަމަލާތަކާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ދެއްވަން އިންކާރު ކުރެއްވި ނަމަވެސް، ދެކޮޅުވެރި އަމަލުތަކަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށް ކުރިން ބުނެފައިވާ ބަޔާންތަކަށް އިޝާރާތް ކުރެއްވި އެވެ.
މެދުއިރުމަތީގެ ތަޖުރިބާކާރެއް ކަމަށްވާ ދީނާ އިސްފަންދިއާރީ ވިދާޅުވި ގޮތުގައި، އަރަބި ގައުމަކުން ހަނގުރާމައިގެ ބައިވެރިއަކަށްވެ، ސީދާ އީރާނަށް ހަމަލާދިނުމަކީ ސަރަހައްދީ ސިޔާސީ މަސްރަހަށް އައި ވަރަށް ބޮޑު ބަދަލެކެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ހަމަލާތަކުން ފެންނަނީ ޔޫއޭއީގެ ސަލާމަތީ ސިޔާސަތުތަކަށް އައިސްފައިވާ ބޮޑު ބަދަލެކެވެ. އަބޫދާބީން މިހާރު އީރާނަކީ އެ ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި ސަރަހައްދީ ނުފޫޒަށް އޮތް ސީދާ ނުރައްކަލެއްގެ ގޮތުގައި ދެކެ އެވެ.
މީގެ އިތުރުން، މި ރިޕޯޓުގައިވާ ގޮތުން، ޔޫއޭއީން ވަނީ އެމެރިކާއާ އެކު އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރެވޭ ބައިނަލްއަގްވާމީ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކޮށްފަ އެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ޔޫއޭއީއަކީ މި ސަރަހައްދުގައި އޮތް އެންމެ ކުރިއަރާފައިވާ ވައިގެ ސިފައިންގެ ލަޝްކަރެއް އޮތް އެއް ގައުމެވެ. މީގެ ތެރޭގައި ފްރާންސްގެ މިރާޖް އަދި އެމެރިކާގެ އެފް-16 މަރުކާގެ ހަނގުރާމަމަތީ ބޯޓުތައް ހިމެނޭއިރު، ޖާސޫސީ އަދި މަތިންދާބޯޓަށް ތެޔޮ އެޅުމުގެ ހިދުމަތްދޭ ޖެޓު ވެސް އެ ގައުމުގައި ހުރެ އެވެ.